މަޔާމީ (ޖުލައި 12) - ޖޫޑް ބެލިންހަމްގެ ގޯލުތަކުން ފަހަތުން އަރައި 2-1 އިން ނޯވޭ ބަލިކޮށް އިންގްލެންޑް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަރުރު ކޮށްފި އެވެ.
އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު މި މެޗުގެ ފުރަތަމަ ހައިޑްރޭޝަން ބްރޭކާ ހަމައަށް ދެ ޓީމަށް ވެސް ހަމަލާއެއް ނުއުފެއްދެ އެވެ. އޭގެ ފަހުން ނޯވޭ ވަނީ މެޗުގެ 36 ވަނަ މިނިޓުގައި އަންޑްރޭސް ޝާލްޑްރަޕްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ގޯލުގެ ބިލްޑް އަޕްގައި ހެރީ ކޭން އަށް ފައުލް ކުރީ ކަމަށް ނޯވޭއިން އެޕީލް ކުރުމުން ވީއޭއާރު ބެލުމަށް ފަހު ވެސް ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމި ނިންމުން ދަމަހައްޓައިފަ އެވެ.
ނަމަވެސް 45 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ބެލިންހަމް ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ކޯނަރެއްގައި ޓޯބްޔޯން ހެގެންސް ނޯވޭ އަށް އަލުން ލީޑު ނަގައިދިން ކަމަށް ހީކުރެވުނު ނަމަވެސް ކޯނަރު ނެގުމުގެ ކުރިން އާލިން ހާލަންޑް އިންގްލެންޑްގެ ޖޯން ސްޓޯންސް އަށް ފައުލް ކޮށްފައި ވާތީ ވީއޭއާރު ރިވިއު އަށް ފަހު ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.
އިންގްލެންޑް މޮޅުވި ލަނޑު ޖެހީ ފުރިހަމަ ވަގުތުގެ ނަތީޖާ އެއްވަރު ވެގެން ކުޅިވި އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ. އިތުރު ވަގުތު ފެށިގެން ތިންވަނަ މިނިޓުގައި މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު އޯޔާން ނައިލަންޑް ދިފާއު ކުރި ވަގުތު، ބެލިންހަމް ވަނީ ރީބައުންސް ބޯޅައަށް އަރައި އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ.
މި ނަތީޖާއާ އެކު ބެލިންހަމް އާއި ހެރީ ކޭން ވެސް ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ހަ ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި މި މެޗާ އެކު އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ، ޖުމްލަ 18 މެޗާ އެކު، ކުރިން 17 މެޗު ކުޅެގެން ޕީޓާ ޝެލްޓަން އަތުގައި އޮންނަ ވޯލްޑް ކަޕްގައި އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ.
މިއާ އެކު ނޯވޭއަށް ވަނީ ކުއާޓާ ފައިނަލާ ހަމައިން މި އަހަރުގެ ވޯލްޑް ކަޕް ނިންމާލަން ޖެހިފަ އެވެ. މިއީ ވޯލްޑް ކަޕްގައި ނޯވޭ އެންމެ ދުރަށް ދަތުރު ކުރި ފަހަރެވެ. މީގެ ކުރިން އެ ޓީމު ވަނީ ތިން ފަހަރު ވާދަ ކޮށް ދެ ފަހަރު ގަދަ 16 ގައި ކުޅެފަ އެވެ.
ސެމީ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ އާޖެންޓިނާ އާއި ސްވިޒަލެންޑް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ނޯވޭ ނަޓުވާލައި އިންގްލެންޑް ސެމީ އަށް، ހީރޯ އަކީ ބެލިންހަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ