ވިއެޓްނާމްގެ ދެކުނުގެ ރަށެއްގެ ކައިރިން އިންޑިއާގެ ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި އިންޑިއާގެ 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން ތިބި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. މި ލޯންޗު ބަންޑުން ޖަހާލާފައިވަނީ ހޮނިހިރު ދުވަހު ކަނޑުގަދަވުމުގެ ސަބަބުން، ހޮން މޭ ރޫޓް އެންގޯއީ ރަށާ ގާތްގަނޑަކަށް 400 މީޓަރު ބޭރުންނެވެ.
ވިއެޓްނާމްގެ "ވީއެންއެކްސްޕްރެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގައި ފަތުރުވެރިން އުފުލާ އެހެން އުޅަނދުފަހަރުތަކުން ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ގިނަ ފަސިންޖަރުން ތިބީ ބަންޑުން ޖަހާލި ލޯންޗުގެ ތެރޭގައި ތާށިވެފައި ކަމަށް ވެސް އެ ނޫހުން ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި މަރުވި ހުރިހާ އެންމެންނަކީ ވެސް އިންޑިއާގެ ރައްޔިތުންނެވެ. މި ހާދިސާގައި 21 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.
އެ ސަރަހައްދުގެ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ އެންގުޔެން ޓިއެން ހައި ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންނާއި ސަލާމަތްވި މީހުންގެ ސީދާ އަދަދު ކަށަވަރު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.
"ވީއެންއެކްސްޕްރެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންގުޔެން ޓިއެން ހައި ވިދާޅުވީ ލޯންޗު ބަންޑުން ޖަހާލަން މެދުވެރިވީ ގަދަ ވަޔާއެކު އުފެދުނު ބޮޑެތި ރާޅުތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ވިއެޓްނާމްގައި އިންޑިއާގެ ރައްޔިތުންނަށް ދިމާވި މި ހިތާމަވެރި ބޯޓު އެކްސިޑެންޓުގެ ހަބަރު އިވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
ވިއެޓްނާމްގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ބަންޑުން ޖަހާލި ލޯންޗުގައި ތިބި އިންޑިއާގެ 32 ރައްޔިތުންގެ ފުރިހަމަ ލިސްޓެއް އެމްބަސީން ވަނީ އާންމުކޮށްފަ އެވެ.
ވިއެޓްނާމްގައި ލޯންޗެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ