އިޤުރާރުވީމޭ ލޯބިން - 48

ފޮޓޯގްރާފަރުންނާ ވީޑިއޯގްރާފަރުން ދިޔައީ ހުރިހާ މަންޒަރެއް އެމީހުންގެ ކެމެރާގައި ރައްކާކުރަމުންނެވެ. އައިރާ ޒަހްރާނާ ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ގޮސް ޒަހްރާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއާއެކު ޒަހްރާން އެނބުރިލިއެވެ. ލަދުވެތި ހިނިތުންވުމެއްގައި އައިރާ ހުރިއިރު، އެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ލާފައިހުރި ހުދުކުލައިގެ ކައިވެނީގެ ހެދުން ގަޔަށް ހިފާލާފައި ހުރިއިރު، އެހެންޏާ މޭކަޕުނުކުރާ އައިރާ ކޮށްފައިވާ މޭކަޕުގެ ސަބަބުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވެފައިވެއެވެ. އަޅާފައިވާ ހުދުކުލައިގެ ޝޯލްގެ ތެރެއިން އެ ދޮން މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ދިއްލާފައިވާ ލައިޓުތަކުގެ އަލިކަމުގެ ތެރެއިން އައިރާގެ ހެދުމުގައި ހަރުކޮށްފައިވާ މިނާތައް ވިދާލާ ގޮތުން ހީވަނީ ކުދިކުދި ޖަވާހިރުތަކެއް ވިދަމުން ދިޔަހެންނެވެ. އައިރާގެ އަންހެންވަންތަކަމާއި ބަނިޔާދަންކަން އޭނާގެ ކޮންމެ ހަރަކާތަކުންމެ ފާޅުވަމުންދިޔައެވެ. އެ މޫނުމަތިން ފެންނަނީ އެހެންޏާ ދުވަހަކު ވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ. އެ ލަދުވެތި އަސަރުތައް އޭނާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެމުން ދިޔައެވެ. ޒަހްރާނަށް ކަޅި ވެސް ޖަހައިނުލާ އައިރާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒަހްރާންގެ ތޫނު ނަޒަރުން އައިރާގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވެގެން ދިޔައިރު، އެ ދެލޮލަށް ބަލަހައްޓައިގެން ހުންނަން އުނދަގޫވެ، އޭނާއަށް އިސްޖަހައިލެވިއްޖެއެވެ. ޒަހްރާން ވެސް މިރޭ ވަރަށް ތަފާތެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސޫޓް ފަޓްލޫނުގައި ހުރިއިރު، އަޅާފައިވަނީ ބޯ ޓައީއެކެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ސްޓައިލްކޮށްލާފައިވާއިރު، ތުނބުޅި ކޮށާ ހެޔޮވަރުކޮށްލާފައި ވާގޮތުން އޭނާގެ ހަތަރެސްކަން މޫނަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައެވެ. އެ ފިރިހެންވަންތަކަމާއި، ފުރިހަމަކަމަށް ތަޢުރީފުގެ ލޯތައް ހުއްޓިފައި ވާއިރު، ޒަހްރާންގެ ނަޒަރު ހަމައެކަނި ހުއްޓިފައިވަނީ އައިރާއަށެވެ. އާނއެކެވެ. އޭނާގެ ވާން އުޅޭ އަލަތު އަނބިމީހާއަށެވެ. ކައިވެނި ކުރެވޭ ގަޑިއަށް ގާޒީ އަތުވެއްޖެއެވެ. ބެކްޑްރޮޕްގެ އެއްފަރާތުގައި، ހުރި ހުދު ފޮތިގަނޑެއް އަޅާފައިވާ މޭޒު ދޮށުގައި، އެންމެން އިށީނދެ ހަމަޖެހިލިއެވެ. ޒަހްރާންގެ ކައިރީގައި އިން އައިރާގެ ހިތުގައި އުފާވެރިކަން ވިއެއްކަމަކު، އޭނާގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. ޒަހްރާންގެ އަނތްބަކަށް އޭނާ ވާކަށް ދެން މާގިނަ އިރެއް ނެތެވެ. ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔަ ވަގުތު، އައިރާއަށް އޭނާގެ ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. އެއީ އެ ޙާލަތުގައި އޭނާ އިން ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް، މިރޭ ތަފާތެވެ. ޚާއްސައެވެ. ޒަހްރާން އައިރާއަށް ބަލައިލުމަށްފަހު ލުއިކޮށް ހިނިތުންވެލިއެވެ. އެވަގުތު ވެސް ޒަހްރާން އަޒުމު ކަނޑައެޅީ ކައިވެނީގެ ހުރިހާ އުފަލެއް އެއްވެސް އުނިކަމެއްނެތި އައިރާއަށް ދިނުމަށެވެ. ދުވަހަކު ވެސް ޝަކުވާ ކުރާނެ ފުރުސަތެއްނުދިނުމަށެވެ. އޭނާގެ ހިތުން ޖާގައެއް ކަށަވަރު ކުރި ހަމައެކަނި ކުއްޖަކީ އައިރާއެވެ. އޭނާގެ ހިތުގައި އައިރާއާ މެދު ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. މާޒީގެ ހިތިކަން ހަނދާން ނެތޭ ވަރަށް އައިރާއަށް ލޯބިދޭން އޭނަ އަޒުމުކަނޑައެޅިއެވެ. އެކުގައި އުފާވެރި މުސްތަޤްބަލެއް ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. "އަނބި ޤަބޫލުކޮށްފިން..." ޒަހްރާންގެ ދުލުން ނުކުތް ލަފުޒުތަކާއެކު، އިސްޖަހައިލައިގެން އިން އައިރާ އިސް އުފުލައިލިއެވެ. އޭރު ޒަހްރާންވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ދެ ޒުވާނުންގެ ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. ކައިވެނީގެ މަޖިލިސް ނިމުމާއެކު، އެންމެން މޭޒު ދޮށުން ތެދުވިއެވެ. އައިރާއަށް އޭނާގެ އަތުގައި އޮތް ކައިވެނީގެ ރަނަށް ބަލައިލެވުނެވެ. ރެއިޒިން އިން ތައްޔާރުކޮށްފައިވާ ފްރޭމްގައި ވަނީ އެމީހުންގެ ނަމާއި ކައިވެނީގެ ތާރީޚެވެ. އެއާއެކު ޒަހްރާން ދިން މަހުމާ ސިޓީ އުރައިގައި އޮތީ ކައިވެނީގެ ރަނެވެ. އީލާފް އައިސް އައިރާގެ ގާތަށް ހުއްޓުމާއެކު، އައިރާ އެ އީލާފް އަތަށް ދިނެވެ. އެއަށްފަހު ޒަހްރާނަށް ބަލައިލިއެވެ. އީލާފް ދުރަށް ޖެހިލުމުން ޒަހްރާން އައިރާއާ ގާތަށް ޖެހިލުމަށްފަހު، އައިރާގެ ކަންފަތް ދޮށުގައި ވާހަކަ ދެއްކިއެވެ. "ތީ މިހާރު އަހަރެންގެ ޙައްޤެއް." ޒަހްރާން ބުނެލިއެވެ. އައިރާ ލަދުން ހުރެ ވެސް ބޯ ޖަހައިލިއެވެ. މިއަދަށްފަހު އޭނާ އަކީ ހަމައެކަނި ޒަހްރާންގެ ޙައްޤެކެވެ. އެހެން ތިއްބާ، މުރާދާ ބަސްމާގެ އިތުރުން ލަޔާލީއާއި އަޔާޝްއާ އެ ދެމީހުން ކައިރިއަށް އައިސްފިއެވެ. "ބައްޕަމެން މިއަދު ވަރަށް އުފާވެއްޖެ." މުރާދު ބުނެލިއެވެ. އޭނާ އައިރާއަށް ބަލައިލުމަށްފަހު، ހިނިތުންވެލިއެވެ. އައިރާގެ ސަބަބުން އޭނާގެ އާއިލާއަށް ލިބިފައިވާ އުފާވެރިކަމަށް މުރާދު އަބަދު ވެސް ޝުކުރު އަދާކުރާނެއެވެ. މީގެ ދެ ދުވަސްކުރިން ޒަހްރާންވަނީ "މޭޕަލްވިލާ"އަށް ބަދަލުވެފައެވެ. އެކަމުގެ ހުރިހާ ޝުކުރެއް ޙައްޤުވެގެންވަނީ އައިރާއަށް ކަމުގައި މުރާދު ޤަބޫލުކުރިއެވެ. އޭނާ ޒަހްރާންގެ ގައިގައި ބައްދާލާފައި މަރުޙަބާ ކިޔެވެ. "މަރްޙަބާ ދަރިފުޅުމެން ދެކުދިންނަށް. ބައްޕަގެ ދުޢާއަކީ، ދެކުދިންނަށް އަބަދުވެސް އުފާވެރިކަން މާތް ﷲ މިންވަރު ކޮށްދެއްވުން." މުރާދު ބުނެލިއެވެ. ބަސްމާވެސް އައިރާގެ ގައިގައި ބައްދައިލުމަށްފަހު މަރުޙަބާ ކިޔެވެ. "މީގެފަހުން އައިރާއަކީ އަކީ ވެސް އަހަރެމެންގެ ޢާއިލާގެ މެންބަރެއް." ބަސްމާގެ އަޑުގައި އުފާވެރިކަން ވެއެވެ. "ކޮންގްރެޗުލޭޝަންސް ބްރޯ..." އަޔާޝް ޒަހްރާންގެ ކޮނޑުގައި އަތް ޖައްސާލާފައި ބައްދައިލިއިރު، ލަޔާލީ ވެސް އައިރާއަށް މަރްޙަބާ ކިޔެވެ. އިރުކޮޅަކުން އީލާފް އާއި ނަފާއާ ވެސް އައިސް މަޑުކޮށްލައިފިއެވެ. "ބެކްޑްރޮޕް ކައިރިއަށް ދަމާ..." ނަފާ ބުނެލިއެވެ. ޒަހްރާނާއި އައިރާއާ ވެސް ހިނިތުންވެލާފައި އެދިމާލަށް ހިނގައިގަތެވެ. ނަފާއާއި އީލާފްއާ ދެމީހުންވެގެން އައިރާގެ ހެދުމުގެ ފަސްބައިގައި ހިފާ އުފުއްލައިލީ އައިރާއަށް ހިނގަން ފަސޭހަވާނެގޮތް ބަލައިގެންނެވެ. ދެމީހުން ގޮސް އެތަނުގައި ހުއްޓުމަށްފަހު، އެންމެ ފުރަތަމަ ބޭނުންވީ ޢާއިލާ އެކުގައި ފޮޓޯއެއް ނަގާލާށެވެ. އީލާފްއާއި، އަޔާޝްގެ ދެމަފިރިންނާ މުރާދުގެ ދެމަފިރިން އެތުރިލިއެވެ. އެވަގުތު، ފޮޓޯގްރާފަރު ފޮޓޯ އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. ފަހަރު މީހަކު ވަކިން ވެސް ފޮޓޯ ނެގިއެވެ. ބަސްމާ ފިޔަވައެވެ. އޭނާ ހުރީ ދުރުގައެވެ. އެހެންނަމަވެސް، ހިނިތުންވެލައިގެންނެވެ. މެހެމާނުން ވެސް ފަހަރަކު މީހަކު އައިސް ދެމަފިރިންނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެ ޖޯޑަށް ކޮންމެ މީހެއްގެ ދުލުން ވެސް ނުކުންނަމުން ދިޔައީ ތަޢުރީފުގެ ބަސްތަކެވެ. މުރާދުގެ އެކުވެރިއެއްކަމަށްވާ، ވިޔަފާރިވެރިއަކު އައިރާގެ ވަނަވަރާ ބެހޭގޮތުން ސުވާލުކޮށްލުމާއެކު، އޭނާއަށް އައިރާއާ ދިމާލަށް ބަލައިލެވުނެވެ. "ބުނެބަލަ. ކޮން ޢާއިލާއެއްގެ ކުއްޖެއްތަ އެއީ؟" އެކުވެރިޔާ އަނެއްކާވެސް އަހައިލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް މުރާދު ވަނީ ވަރަށް ރަނގަޅަށް ތައްޔާރުކޮށްފައެވެ. "އަހަރެމެންގެ ޢާއިލާ އޭނަ ބަލައިގަތީ އޭނަގެ ހަސަބާއި ނަސަބާއި މުއްސަނދިކަމަށް ބަލާފައެއް ނޫން. އަހަރެމެން އައިރާ ބަލައިގަތީ އޭނަގެ އަދަބާ އަޚްލާޤަށް ބަލާފަ. އެއީ މީހުންނަށް އިޙްތިރާމްކުރަން ދަންނަ ހިތްހެޔޮ ކުއްޖެއް. ދީންވެރި އަޚްލާޤު ރަނގަޅު ކުއްޖެއް. އަހަރެންގެ ދަރިފުޅު ދެކެ ލޯބިވާ ކުއްޖެއް. އަހަރެން އެނގެން ބޭނުންވާ ކަންތައްތަކަކީ އެއީ..." މުރާދު ބުންޏެވެ. "އަޑު އެހިން ރާއްޖެތެރޭ ރަށެއްގެ ކުއްޖެކޭ... ވަރަށް ފަހުން، އަހަރެން ޖަމާލު ކިޔާ މީހެއްގެ ކުންފުންޏަކަށް އިންވެސްޓްކުރަން ފަށައިފިން. ދެކެވުނު ވާހަކައެއްގެ ތެރެއިން މުރާދުގެ ދަރިއެއްގެ ކައިވެންޏަށް އަންނަ ވާހަކަ ބުނީމަ، އޭނަ އަހަންނަށް ވަރަށް އެހެންކަހަލަ ވާހަކަތަކެއް ކިޔައިދިން. އެހެންވެ މި އަހައިލެވުނީ.... އަހަރެން ހީކުރީ މުރާދު އެކަހަލަ ކުއްޖަކު ޢާއިލާއަށް ނުގެންނާނެކަމަށް." އެކުވެރިޔާ ވާހަކަ ދެއްކިއެވެ. "ތި ޖަމާލެއްގެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ޅީދަރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އައިރާގެ ކިބައިގައި އެބަ ހުރި. މިއަދުން ފެށިގެން އައިރާ އަކީ ހަމައެކަނި އަހަރެންގެ ޅީދަރިއެއް ނޫން. އެއީ އަހަރެންގެ ދަރިއެއް. އައިރާއާ ބެހޭގޮތުން އެންމެންނަށް ވެސް އެނގެން ޖެހޭ މިންވަރަކީ އެއީ... ބާކީ ކަންތައްތަކަކީ މުހިންމު ކަންތައްތަކެއް ނޫން." މުރާދު ކުޑަކޮށް ހިތްހަމަނުޖެހުނީ ޖަމާލުގެ ނަން އަޑު އިވިފައެވެ. އެހެންނަމަވެސް، އޭނާ ރުޅި މަޑުކޮށް ރީތިކޮށް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. "އަހަރެން އެހެން ބުނި އެއްޗެއް ނޫން. މާފުކުރޭ..." އެކުވެރިޔާ ބުނެލިއެވެ. އެއަށްފަހު އޭނާ ދިޔައީއެވެ. މުރާދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެނބުރިލުމާއެކު ފެނުނީ، އޭނާއަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ހުރި ބަސްމާއެވެ. ބަސްމާ ހުރީ މަޑު ދަނބުކުލައިގެ އެއްކޮށް ދިގު ހެދުމެއްގައެވެ. ހެދުމުގެ މެއާ ދިމާލުންނާ އަތުގައި އަޅާފައިވާ ވިދާ ރޭނދާގަނޑުގެ އިތުރުން މާ ބޮޑު ގޮތެއް ހެދުމަކަށް ހަދާފައެއް ނެތެވެ. އަޅާފައިހުރީ ތަންކޮޅެއް ބޮޑު ޝޯލްއެކެވެ. އޭނާއަކީ އެއް އިރެއްގައި ވެސް ބުރުގާ އެހާ ކުރުކޮށް އަޅާ މީހެއް ނޫނެވެ. "އެކަހަލަ މީހުންގެ އަނގަ ބަންދުކުރެވޭނީ އެހެން." ބަސްމާ ބުނެލިއެވެ. "އަހަރެން މިއަދު ވަރަށް އުފާވެއްޖެ." މުރާދު ވެސް ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ ބަސްމާގެ އަތް އޭނާގެ ދެ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އަނބިމީހާ ދެކެ ލޯބިވާ މިންވަރު އެކަހަލަ ކުދިކުދި ހަރަކާތްތަކުންވެސް މުރާދު ހާމަކޮށްދެއެވެ. ކައިވެންޏެއްގެ ގުޅުން ވަރުގަދަވެގެންދާނީ ބުނާ ބުނުމަށް ޢަމަލުކޮށްގެންނެވެ. ލޯބިވާ ވާހަކަ ބުނެގެން ފަރުޖައްސައިލައިގެން ނުވާނެއެވެ. އެހެނެއްކަމަކު، އެކަން އަނބިމީހާއަށް އިޙްސާސްކޮށްދޭން ވެސް ޖެހޭނެއެވެ. "ޒަހްރާން އެބަ ގޮވާ..." އެއްލި ކަޅިއަކުން ޒަހްރާން އަތުން އެމީހުން އައުމަށް އިޝާރާތްކޮށްލި ތަން ފެނުނު މުރާދު ބުނެލިއެވެ. ދެމީހުން އެ ދިމާލަށް ދިޔައެވެ. މެހެމާނުންތައް މަދުވީ ވަގުތުކޮޅަކަށް ވުމުން ޒަހްރާންމެން އަނެއްކާވެސް ފޮޓޯ ނަގަން ބޭނުންވީއެވެ. މުރާދާ ބަސްމާއާ އެކު އިތުރު ފޮޓޯކޮޅެއް ދެމީހުން ނެގިއެވެ. އެ ދެމީހުން ދުރަށް ދިޔައީ އަޔާޝްމެން ދެމަފިރިންނަށް ޖާގަދެމުންނެވެ. އެހެންނަމަވެސް، އެވަގުތު ޒަހްރާން ވާހަކަ ދައްކައިފިއެވެ. "ދޮންބެ އެހަށް މަޑުކޮށްލަދީބަ.... ވެއިޓް އިނގޭ..." ޒަހްރާން ބުނެލިއެވެ. އެއަށްފަހު، އޭނާ އައިރާއަށް ބަލައިލިއެވެ. ހައިރާންކަމާއެކު އައިރާ ހުއްޓާ ޒަހްރާން ދެން ބަލައިލީ ބަސްމާއަށެވެ. "އަހަރެމެން އަދި މަންމައާ އެކީ ވަކިން ފޮޓޯއެއް ނުނަގަން." ޒަހްރާން ބުނެލިއެވެ. "މަންމާ... އާދެބަލަ..." ޒަހްރާންގެ ދުލުން ނުކުތް ލަފުޒާއެކު ފަހަރަކު މީހަކަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނުނެވެ. ބަސްމާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މީހާ ގަނޑުވި ކަހަލައެވެ. ކުރިއަށް ފިޔަވަޅެއް ނޭނޅުނުއިރު، އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މުރާދަށް އަވަސް ނަޒަރެއް ދެވުނުއިރު، ދެލޮލުން ކަރުނަ ތިއްކެތް ވެއްޓިއްޖެއެވެ. ބަނޑުއަޅައި ވިހޭ ދަރިއަކަށް ޒަހްރާން ނުވިއެއްކަމަކު، އެ ދަރިފުޅު އޭނާ ޤަބޫލުކޮށް އެ ދުލުން "މަންމާ"އޭ ކިޔާލާނެ ވަގުތަކަށް އޭނަ ހާދަ އިންތިޒާރެއް ކޮށްފިއެވެ. ޒަހްރާން އޭނާއަށް ހިތްހެޔޮކުރާނެ ވަގުތަކަށް ހާދަ އިންތިޒާރެއް ކޮށްފިއެވެ. އެކަމަށްޓަކައި ހާދަ ދުޢާއެއް ކޮށްފިއެވެ. ޒަހްރާން ގެއަށް ބަދަލުވުމަށްފަހު ވެސް، އޭނާއަށް އެއްވެސް ނަމަކުން މުޚާތަބު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިރޭ އެގޮވާލީ "މަންމާ" އޭ ކިޔާފައެވެ. ބަސްމާގެ ހިތުގައި އުފެދުނު އުފާވެރިކަން ބޭރުވީ ކަރުނައިގެ ސިފައިގައެވެ. "މަންމާ...." އެހެން ހުއްޓާ ދެވަނަ ފަހަރަށް ވެސް ޒަހްރާން ގޮވާލައިފިއެވެ. އެންމެ ފަހުން، އޭނާ ހިނގާލާފައި އައިސް ބަސްމާގެ ކައިރީގައި ހުއްޓުނެވެ. "ނުދާނަންތަ މަންމާ؟" ޒަހްރާން ސުވާލުކޮށްލިއެވެ. ބަސްމާގެ ދެލޮލުން ފޭބި ކަރުނަތައް އޭނާގެ އަތުން ފުހެލަ ދިނެވެ. "އަހަންނަށް މާފެއް ނުކުރާނަންތަ؟" ދެވަނަ ފަހަރަށް ވެސް އޭނާ ވާހަކަ ދެއްކިއެވެ. އެއާއެކު އަވަސްއަވަހަށް ބަސްމާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. "އައެމް ސޮރީ މަންމާ... ވަރަށް ބޮޑަށް ސޮރީ..." ޒަހްރާން މާފަށް އެދުމަށްފަހު، ބަސްމާގެ ގައިގައި ބައްދައިލިއިރު، ޚުދު އޭނާގެ ދެލޯ ވެސް ފެންކަޅިވިއެވެ. ބަސްމާއާ މެދު މިހުރިހާ ދުވަހު ހިތުގައި ގެންގުޅެވުނު ރުޅިއަކީ އެއްވެސް އަސާސެއް ނެތް އެއްޗެއްކަން މިއަދު އޭނާއަށް ފަހުމް ވެއްޖެއެވެ. ބަސްމާއަކީ އޭނާ ހީކުރި ފަދަ އަންހެނެއް ނޫނެވެ. ވިސްނާލުމުން އެކަން ޔަޤީންވެއްޖެއެވެ. މިހުރިހާ ދުވަހު ބަސްމާ މަސައްކަތްކުރީ އެ މީހުންގެ މަންމަގެ ދަރަޖަ އަތުލަން ނޫންކަން ވެސް ވިސްނިއްޖެއެވެ. އެފަދަ ދޮންމަންމައެއް ލިބޭނީ ނަސީބުވެރިއަކަށެވެ. އެ މަންޒަރު ބަލަން ހުރި މުރާދާ އަޔާޝްއަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. މުރާދުގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބަސްމާ މިހުރިހާ ދުވަހު ކެތްތެރިކަމާއެކު ކުރި އިންތިޒާރުގެ ނިމުން އުފާވެރިވެއްޖެއެވެ. ބަސްމާ ގޮވައިގެން ޒަހްރާން ގޮސް އައިރާގެ ގާތުގައި ހުއްޓުނެވެ. އެއަށްފަހު، އޭނާ އެދުނީ ހިނިތުންވެލުމަށެވެ. ތިން މީހުން ކެމެރާއަށް ބަލައިލިއެވެ. ބަސްމާ ދިޔުމުން، ޒަހްރާން އައިރާއަށް ބަލައިލިއެވެ. އަދި ވާހަކަ ދެއްކިއެވެ. އޭނާ އާކޮށްލީ ތަންކޮޅެއް ކުރީ ދުވަހެއްގެ ހަނދާނެކެވެ. "އެ ދުވަހު އައިރާ ބުނީމެއްނު މަންމައަށް ގޮވާލާށޭ. އޭރުން އެންމެން ވަރަށް އުފާވާނެޔޭ. އަދި އައިރާ ވެސް ހަމަ އެހާ އުފާވާނެޔޭ... އެކަމަކު، އަހަންނަކަށް އެ ހިތްވަރެއް އެ ދުވަހަކު ނުލިބުނު. އެކަމަށް ސޮރީ..." ޒަހްރާން މަޢާފަށް އެދުނެވެ. "އިޓްސް އޯކޭ އޭ... މިހާރު ގޮވާލައިފީމެއްނު. އަހަރެން ވަރަށް އުފާވެއްޖެޔޭ..." އައިރާ ބުނެލިއެވެ. "ދެން މަންމައާ މެދު ހިތުގައި ރުޅިވެރިކަމެއް ނުބާއްވައްޗޭ... ހިތްބުރަކަމެއް ވެސް..." "ނުބާއްވާނަން. މަންމައަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން. އަހަރެންގެ ހިތުން ވެސް ހީވީ ބޮޑު ގާބުރިއެއް ނެގާ އެއްލައިލިހެން. ހިތަށް ވަރަށް ލުއިވެއްޖެ." ޒަހްރާން ބުނެލިއެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް މިރޭ އޭނާއަށް އިޙްސާސްވާ ގޮތެވެ. "މާފުކުރުމަކީ ހިތަށް ފަސޭހަވާ ކަމެކޭ..." އައިރާ ބުނެލިއެވެ. "އައިރާ ތީ އަހަރެންގެ ޙަޔާތަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެއް. އައިރާ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފީމު.... ތެންކިއު ލަވް. ތެންކިއު ސޯ މަޗް..." ޒަހްރާން ބުނެލިއެވެ. އެއަށްފަހު، އޭނާ އައިރާގެ އަތުގައި ހިފައްޓާފައި އެއަތަށް ބޮސް ދިނެވެ. އެރޭ ދެމަފިރިން ވަކިން ވެސް ފޮޓޯ ނެގިއެވެ. ޚާއްސަ ވީޑިއޯކޮޅުތަކެއް ހެދިއެވެ. ބެކްޑްރޮޕް ގެ އިތުރުން ގޮނޑުދޮށުގައެވެ. އެހެން އުޅޭ އުޅުމުގައި، ޒަހްރާނަށް އައިރާއަށް ބަލައިލާ ކޮންމެ ފަހަރަކު އޭނާ ލޯބިވާ މިންވަރު ހާމަކޮށްދެއެވެ. އައިރާއާ އެކުގައި އުފާވެރި ހަޔާތެއް ބޭނުންވާ މިންވަރު ބުނެދެއެވެ. ޒަހްރާންގެ އަޑުގައި ހުންނަ ޖަޒުބާތީ އަސަރާއި، އެ ބެލުމުގައި ހުންނަ މަސްތީ ކަމުން އައިރާ ލަދު ގަތަސް، ޒަހްރާން އެހެން ބުނެލާ ކޮންމެ ފަހަރަކު ޚުދު އޭނަ ވެސް ޒަހްރާން ދެކެ ލޯބިވާކަމަށް އިޤުރާރުވެއެވެ. ކައިވެނީގެ ހަފްލާ ނިމުނުއިރު ދެމަފިރިން ތިބީ ވަރަށް ވަރުބަލިވެފައެވެ. އެ މީހުންނަށް ޚާއްޞަކޮށްފައިވާ، ވޯޓަރ ވިލާއަށް ދިޔުމަށްޓަކައި، ބަގީއަށް ދެމަފިރިން އެރިއެވެ. އެއާއެކު ބަގީ ދުއްވާލައިފިއެވެ. ފާލަމުން ލާފައި ގޮސް ވޯޓަރ ވިލާއަށް މަޑުކޮށްލުމާއެކު ޒަހްރާން ފޭބިއެވެ. އެއަށްފަހު އޭނާ އައިރާއަށް އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފާ އައިރާ ފޭބިއެވެ. އޭނާއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް ޒަހްރާން އައިރާ އޭނާގެ އަތްދަނޑި މައްޗަށް އުފުއްލާލައިފިއެވެ. އައިރާ ޒަހްރާންގެ ކަނދުރާގައި އަތް އަޅުވައިލިއެވެ. ޒަހްރާންގެ ތޫނު ނަޒަރު އެންމެ ހިނދުކޮޅަކު ވެސް އައިރާއާ ވަތްކެއް ނުވެއެވެ. މިރޭ ހިތް ފުރޭވަރަށް އައިރާއަށް ބަލައިލަން އޭނާ ބޭނުމެވެ. އެއީ އެހިތުގެ ލޯތްބެވެ. އެހިތުގެ ފިނިކަމެވެ. އަދި މިހާރު އެއީ އޭނާގެ ހައްޤެކެވެ. ވީއިރު ދުރުގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އައިރާ އިސްޖަހައިލިއެވެ. ޒަހްރާންގެ ތޫނު ދެލޮލަށް ބަލަހައްޓައިގެން ހުންނަން ކުޅަދާނަވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ އެ ދެލޮލަށް ބަލައިލާ ކޮންމެ ފަހަރަކު ބޭނުންވަނީ އެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާށެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު ވެސް އެކަމަށް ހުރަސް އަޅަނީ އޭނާގެ ލަދުވެތިކަމެވެ. އައިރާއަށް ވީ ގޮތުން ޒަހްރާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އޭނާ އައިރާ އަތްދަނޑި މަތީގައި ބާއްވާލައިގެން ގޮސް ވިލާގެ ދޮރު ހުޅުވައިލިއެވެ. އެއަށްފަހު އެތެރެއަށް ވަދެލިއެވެ. ދިއްލާފައިވާ އުއްބައްތީގެ ހުޅުކޮޅުތައް ކޮޓަރި ތެރޭގައި ނަށަމުން ދިޔައިރު، ހުވަފެނީ ރީތި އޮރެންޖުއަލިކަމެއް މުޅި ތަނަށް ފެތުރިފައިވެއެވެ. ހަމައެއާއެކު ލުއިލުއި މީރުވަހަކުން މާހައުލުގެ ހިތްގައިމުކަން އިތުރުކޮށްދެމުން ދިޔައެވެ. ޒަހްރާން އައިރާ ތިރީގައި ބަހައްޓައިލިއެވެ. އެއަށްފަހު އޭނާ އައިރާގެ ފުރަގަހުގައި ހުއްޓުނެވެ. އަދި އައިރާއާ ގާތްވެލިއެވެ. އެކަން އެނގުނު އައިރާގެ ހިތުގެ ހިނގުން އިންތިހާއަށް ބާރުވެގެން ދިޔައިރު، މުޅި މީހާގެ ހަށިގަނޑުގައި ފިނިފިނި ރާޅެއް ދައުރުކޮށްލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ