ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަން ހަމަޖެހިއްޖެ

މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދީފައިވާގޮތުގައި، މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މިކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމާއި ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.
ޒަކާތު ހައުސްއިން ބުނީ، ޝަރުތުހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން، މި އެހީ ފޯރުކޮށްދިނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންކަމަށް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ.
"ޖުމުލަ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުޙަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައި. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުން." އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް، ޒަކާތު ހައުސްއިން ބުންޏެވެ.
މީގެއިތުރުން، 2024 ވަނަ އަހަރުން ފެށިގެން، ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ