ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ ޓީމުގައި ކުޅުނު ޖޭޑަން ކުއްލިގޮތަަކަށް މަރުވެއްޖެ

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވާދަކުރި ދެކުނު އެފްރިކާގެ ގައުމީ ފުޓީމުގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް، އުމުރުން 25 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ގައުމުގެ ކޭޕް ޓައުންގެ ސަރަހައްދެއް ކަމަށްވާ ޝޮޓްޝޭ ކްލޫފްގެ ގެއަކުން އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ މަރުވި ސަބަބެއް އަދި ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ވެސްޓަން ކޭޕްގެ ފުލުހުންގެ ތަރުޖަމާނު އޭއެފްޕީގައި ބުނީ 25 އަހަރުގެ ޒުވާނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އެ ގައުމުގެ މަޝްހޫރު ކްލަބް މަމެލޯޑީ ސަންޑައުންސްއަށް ކުޅެމުންދިޔަ ޖޭޑަން ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ކުޅެފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޖޭޑަންގެ ކުއްލި ވަކިވުމުގެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވައިފަ އެވެ. ވޯލްޑް ކަޕްގެ ގާތްގަނޑަކަށް ހުރިހާ މެޗެއްހެން ސްޓޭޑިއަމަށް ހާޒިރުވެ ބެއްލެވި އިންފަންޓީނޯ ވިދާޅުވީ ޖޭޑަން މަތިން ވަރަށް ހަނދާން ހުންނާނެ ކަމަށެވެ.
"ދެކުނު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް، އޭނާގެ ގައުމާ އެކު ތާރީހީ ވޯލްޑް ކަޕެއް ނިންމާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވި ޚަބަރު އެހީ ވަރަށް ދެރަވެ ހުރެ. އަހަރެންގެ ހިތާމަ އާއި ތައުޒިޔާ ފީފާގެ އެންމެހާ މެންބަރުންގެ ނަމުގައި އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނަށް ރައްދުކުރަން. ބަފާނާ ބަފާނާ [ދެކުނު އެފްރިކާގެ ގައުމީ ޓީމު] އަދި މަމެލޯޑީ ސަންޑައުންސްގެ މި ތަރި ވަރަށް ބޮޑަށް ހަނދާން ހުންނާނެ،" އިންފަންޓީނޯ ޢާންމުކުރެއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވި އެވެ.
ދެކުނު އެފްރިކާގެ ސްޓެލެންބޮޝްގެ އެކަޑަމީން ތަމްރީނުވެ، އެ ކްލަބަށް 139 މެޗު ކުޅެދިން ޖޭޑަން، ސަންޑައުންސްއަށް ބަދަލުވީ މިދިޔަ އަހަރު ޖެނުއަރީގަ އެވެ.
އޭނާގެ މަރުގެ ހިތާމައިގައި ސައުތު އެފްރިކާގެ ކުޅުންތެރިންގެ ޔޫނިއަނުނުން ބުނީ ޖޭޑަންއަކީ ގައުމަށް ފަހުރުވެރިކަން ހޯދައިދިން ކުޅުންތެރިޔެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ