ހޮރްމޫޒް ކަނޑުއޮޅިން އުޅަނދަކަށް ހަމަލާދިނުމުން، އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއްދީފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ކޮންޓޭނަރު ބޯޓަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން، އެމެރިކާއިން އީރާނަށް ރޭ އަސްކަރީ ހަމަލާތަކެއްދީ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުކޮށްފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ސައިޕްރަސްގެ ދިދަ ޖަހާފައިވާ 'އެމްވީ ޖީއެފްއެސް ގެލެކްސީ' ނަމަކަށް ކިޔާ ބޯޓުގެ އިންޖީނުގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި އެ ބޯޓުގެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އީރާނުން ބުނީ އެ އުޅަނދު ދަތުރުކުރީ ހުއްދަ ނޫން މަގަކުން ކަމަށްވުމުން އިންޒާރުގެ ހަމަލާއެއް ފޮނުވާލީ ކަމަށެވެ. އަދި މި ސަރަހައްދަށް އެމެރިކާއިން ވަންނަމުންދާ ދިއުން ނިމުމަކަށް އަންނަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮންނާނެ ކަމަށް އީރާނުން ބުންޏެވެ.
މި ހަމަލާތައް ދިނުމަށް އަމުރުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި އަމުރު އައީ އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އޭނާ އިއުލާންކުރެއްވުމަށް ފަހު އެވެ. ނަމަވެސް މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ދޮރު އަދިވެސް ހުޅުވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ ވޮޝިންޓަނުން ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމަށް އަމަލުކުރެވޭނީ ދެ ފަރާތުން ވެސް އެއަށް ބޯލަނބައިގެން ކަމަށެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުފަތުރުކުރުމާ ބެހޭ ގޮތުން އޮމާން މެދުވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށްވީ ނަމަވެސް، އެކަމުން އެދެވޭ ކުރިއެރުމެއް ލިބިފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.
ވަކިން ނެރުނު ބަޔާނެއްގައި، އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ ވަނީ، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ މަރުގެ ބަދަލުހިފާނެ ކަމުގެ ވައުދު އިއްޔެ އާ ކުރައްވާފަ އެވެ.
"ޝަހީދުކޮށްލާފައިވާ ލީޑަރާއި ހުރިހާ ޝަހީދުންގެ ލޭގެ ބަދަލުހިފުމަށް އަހަރެމެން އަހުދުވަން،" ގައުމީ ޓީވީން ލިޔުމުން ގެނެސްދިން ބަޔާނެއްގައި އޭނާ ވިދާޅުވި އެވެ.
މި ހަމަަނުޖެހުންތައް ފެށުމުގެ ކުރިން ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭސްގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި، އަދިވެސް އޮތީ އަސްކަރީ ނުތަނަވަސްކަމާއި ހާރިޖީ މަސައްކަތްތަކުގެ މަރުކަޒެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ