ބަންގްލަދޭޝްގައި ފެންބޮޑުވެ 44 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

ބަންގްލަދޭޝްގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި މަދުވެގެން 44 މީހުން މަރުވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީން ބުނި ގޮތުގައި، ހަތް ޑިސްޓްރިކްޓެއްގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރައި އެތައް ހާސް އާއިލާއެއް އެކެހެރިވެ، 267،918 ގޭބިސީއެއް ވަނީ ހާލުގައި ޖެހިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ގެދޮރު އަޑިއަށް ގޮސް، މަގުތަކާއި ފާލަންތަކަށް ގެއްލުންވެފައިވާއިރު، ގިނަ އަދަދެއްގެ މިހުން ތިބީ ކަރަންޓުގެ ހިދުމަތް ކެނޑި، ކާބޯތަކެތީގެ ކުއްލި އެހީއަށް ބަރޯސާވެގެންނެވެ.
"އަހަރެމެންގެ ގޭތެރޭގައި އަދިވެސް ހުރީ ފެންބޮޑުވެފައި. ކައްކާނެ އެއްވެސް ގޮތެއް ނެތް. އަތުގައި ހުރި ކާބޯތަކެތި ވެސް މިހާރު ވަނީ ހުސްވެފައި. ކަރަންޓު ނެތުމުގެ ސަބަބުން ދަރިން ގޮވައިގެން ރޭގަނޑު ހޭދަކުރަން ޖެހެނީ އަނދިރީގައި،" ޗަޓްގްރާމްގެ ރަށެއްގެ ރައްޔިތެއް ކަމަށްވާ ނޫރުލް އިސްލާމް ބުންޏެވެ.
ސިފައިން ދަނީ ދަތުރުފަތުރު ނުކުރެވި ބަންދުވެފައިވާ ސަރަހައްދުތަކަށް ބޯޓުފަހަރުގައި ކާބޯތަކެއްޗާއި ބޯފެނާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދެމުންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓަރު އިގްބާލް ހުސައިން ވިދާޅުވީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ރައްޔިތުން، ކައިރީގައި ހުރި ހިޔާވަހިތަކަށް ބަދަލުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ވިއްސާރައިގެ ސަބަބުން ކޮކްސް ބާޒާރުގައި ހުރި ރޮހިންގްޔާ ރެފިއުޖީ ކޭމްޕުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 16 ރެފިއުޖީން ވަނީ މަރުވެފަ އެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާދަޔާހިލާފަށް ބޯކޮށް ވާރޭވެހުމުގެ މިންވަރާއި އޭގެ ނުރައްކާތެރިކަން ދަނީ އިތުރުވަމުންނެވެ. އަދި މީގެ ސަބަބުން ބަންގްލަދޭޝްއަށް ކޮންމެ އަހަރަކު ކުރިމަތިވާ މޫސުމީ ވިއްސާރައިގެ ކާރިސާތައް ދަނީ އިތުރަށް ގޯސްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ