އައްޑޫން މައްކާއަށް: ދެކުުނުގެ އުމްރާވެރިންނަށް އުފާވެރި ދަތުރެއް!

މިއަދު މިއީ މުޅި ރާއްޖެ އަށް ވެސް ތާރީހީ ދުވަހަކަށް ނޫނީ ނުވާނެ އެވެ. ހަމައެކަނި އައްޑޫގެ ރައްޔިތުން ފަހުރުވެރިވުމުގެ ބަދަލުގައި ހުރިހާ ދިވެހިން އަތްޖަހަންޖެހޭ ދުވަހެކެވެ. ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ވައިގެ މަގުން މާލެ ފިޔަވައި އެހެން ސަރަހައްދަކުން އުމްރާގެ އަޅުކަމަށް ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށް ދިވެހިން ފުރަން ފެށުމަކީ ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ފަށާ އުފާވެރި ދަތުރެކެވެ. 
އައްޑޫގެ ގަމުން ޖިއްދާ އަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭ-330 ގެ މަތިންދާބޯޓުގައި މި ދަތުރުތައް ފެށުމުގެ މެދުވެރިއަކީ އަމިއްލަ އުމްރާ ގުރޫޕެއް ކަމަށްވާ "ދަތުރުވެރިޔާ" އެވެ. މި ދަތުރާ އެކު އައްޑޫން ފެންނަނީ ހިނިތުންވުމެވެ. ކޮންމެ މީހަކު ވެސް އެ ވާހަކަ ދައްކަނީ ފަހުރުވެރިކަމާ އެކު އެވެ. 
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބައެއް ގޭގެ އަށް މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު ވަންނަ ތަން ފެނުނީ އައްޑޫ ޒުވާނުންތަކެއް ހިންގާ "ދަތުރުވެރިޔާ" ގްރޫޕްގެ މުަވައްޒަފުންނެވެ. ދަތުރުވެރިޔާގެ މުވައްޒަފުންކަން އެނގޭ ގޮތަށް ޖެކެޓްލައި ތައްޔާރު ވެގެން އެ މީހުން ގޭގެ އަށް ޒިޔާރަތްކުރީ އުމްރާ އަށް ދާ މީހުން ކުރީގައި އުފުލި ބޮޑު ތަކުލީފެއް ކޮނޑުއަޅާށެވެ. ގޭގެ އަށް ވަދެ ޕިކަޕަަކަށް އަރުވައިގެން ގެންދިޔައީ ސީދާ ގަމުން ޖިއްދާ އަށް މިއަދު ފުރި އުމްރާވެރިންގެ ލަގެޖްތައް އެއްކުރާށެވެ.
ދަތުރުވެރިޔާގެ މި ހިދުމަތާ އެކު، އުމްރާވެރިން ގަން އެއާޕޯޓަށް އައީ އަތްމަތީ ގެންގުޅޭ ލުއިލުއި ދަބަސްތައް ހިފައިގެން، ކާރުތަކުގައި ވަރަށް ލުއިލުއި ދަތުރެއް ކޮށްފަ އެވެ. 
ގަމުން ޖިއްދާ އަށް މިއަދު ފެށި ތާރީހީ ފުރަތަމަ ދަތުރާ އެކު ދެކުނުގެ އުމްރާވެރިންނަށް، ހާއްސަކޮށް އަައްޑޫގެ އުމްރާވެރިންނަށް ލިބޭ ހަމަ އެކަނި ލުޔަކީ މިއެއް ނޫނެވެ.
ދަތުރުވެރިޔާ އާއި ގައުމީ އެއާލައިން "މޯލްޑިވިއަން" ގުޅިގެން "އައްޑޫ-މައްކާރޫޓް" ގެ ނަމުގައި ފެށި ދަތުރުން ފިލުވައިދިނީ އުމްރާގެ އަޅުކަމަށް  މައްކާ އަށް ދާން ކުރާ ދަތުރަށް ފެެށުމުގެ ކުރިން އުފުލަންޖެހޭ މުޅި ތަކުލީފު އެއްކޮށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން އުމްރާ އަށް ފުރަން ދަތުރުވެރިޔާގެ ހިދުމަތްތެރިންނާ ލަގެޖް ހަވާލުކުރި އެތައް ބަޔަކު އުފާވެރިކަމާ އެކު ދެއްކީ އެ ވާހަކަ އެވެ.
"ސީދާ އައްޑޫން، ގެއިން މި ދަތުރު ފަށްޓައިގެން އައްޑޫ ސިޓީ ގަމުން ފުރައިގެން ސީދާ ޖިއްދާ އަށް ދަތުރުކުރެވޭތީ ވަރަށް އުފާވޭ. އެންމެ ބޮޑު ފަސޭހައަކީ ސީދާ ގެއިން ގަމަށް ގޮސް ގަމުން ސީދާ ޖިއްދާ އަށް ދާތީ،" މަރަދޫން ދަތުރުވެރިޔާއާ ލަގެޖް ހަވާލުކުރި މުހައްމަދު އާސިމް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މާލެ އަށް ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ދަތުރުކުރާ ނަަމަ އިތުރަށް އެތައް ފައިސާއެއް ހަރަދުވުމުގެ އިތުރުން  ވަރަށް ބޮޑު ތަކުލީފެއް ވެސް އުފުލަން ޖެހޭނެ އެވެ. 
މަރަދޫން އުމްރާ އަށް ފުރަން ތައްޔާރުވެގެން ހުރި ޝަމީމާ މިދިޔަ ހުކުރު ދުވަހު ބުނި ގޮތުގައި ދަތުރުވެރިޔާ އިން މި ދަތުރު ރޭވި ވާހަކަ އަޑު އިވުނު އިރު  އުމްރާ އަށް ދެވޭނެ ކަމެއް އޭނާ އަށް ނޭނގެ އެވެ. އެކަމަކު ސީދާ އައްޑޫން ފުރައިގެން ދަތުރުކުރާކަން އެނގުމުން އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ވަރަށް އުފާވި އެވެ. އެ ދުވަހުން ފެށިގެން އޭނާ ހުރީ މި ދަތުުރުގައި ދާން ހިތުލައިގެންނެވެ.
"އަސްލު ވަރަށް އުފާވޭ. ދަތުރުވެރިޔާގެ މި ދަތުރުގައި އުމްރާވެރިންނާ އެކީ ދެވޭތީ ވަރަށް. ހުސް ދަންނަ މީހުން ދެކެފަރިތަ މީހުންނާ އެކީ ގޮސް އެތާ ތިބެފައި ފުރާތީ އަހަރެންނަށް އެއްވެސް ކަހަލަ އުނދަގޫ ކަމެއް އިހުސާސެއް ނުވޭ. މިއީ ހަމަ ހަމަ ވަރަށް ބޮޑު އުފަލެއް،" އޭނާ ބުންޏެވެ.
މަރަދޫން ފުރަން ދަތުރުވެރިޔާގެ ހިދުމަތްތެރިންނާ ލަގެޖް ހަވާލުކުރުމަށް ފަހު، ގަމަރިއްޔާ ބުނީ އޭނާ އެ ސަލާމަތްވީ އުމްރާ ދަތުރަކަށް އުފުލާ ތަކުލީފުތަކުގެ ތެރެއިން ވަރަށް ބޮޑު ތަކުލީފަކުން ކަމަށެވެ. 
"މާލެ އަށް ގޮސް ކުއްޔަށް ތިބެން ޖެހޭނީ. ކެއިންބުއިމަށާ އެއްކޮށް ބަލާއިރު އެއީ ވަރަށް ބޮޑު ހަރަދެއް. ކުރަންޖެހޭ ދަތުރުތައް އެއީ ވެސް ވަރަށް ބޮޑު ތަކުލީފެއް. އެެހެންވީމާ ދަތުރުވެރިޔާ އިން މި ދަތުރު މިގޮތަށް ހަމަޖައްސައިދިންކަން އެއީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" އޭނާ ބުންޏެވެ.
އައްޑޫން ޖިއްދާ އަށް ފަށާ ތާރީހީ ފުރަަތަމަ ދަތުރުގައި މޭޔަރު އަލީ ނިޒާރު ވެެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ޖިއޮގްރަފީ އާއި އާބާދީގެ ގޮތުން  ބަލާއިރު އައްޑު އަށް މިފަދަ އިންތިޒާމެއް ހަމަޖެއްސިދާނެކަން ކަށަވަރުކޮށްދޭ ދަތުރެވެ. 
ކުރިން ވެސް އުމްރާ އަށް ވަޑައިގެންފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ނިޒާރު ވިދާޅުވީ އެ އަޅުކަމަށް ފުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ އަށް ދަތުރުކުރަން ޖެހުމާއި އެނބުރި މާލެ އަށް އައިސް އަނެއްކާ އައްޑުު އަށް ކުރަން ޖެހޭ ދަތުރަކީ، ހަރަދާއި އުފުލަންޖެހޭ ބުރަ ވެސް ބޮޑު ދަތުރެެއް ކަމަށެވެ. 
"އަޅުގަނޑުމެން 30،000ރ. އާއި 40،000 އާ ދެމެދުގެ މިންވަރެއް އުމްރާ ގްރޫޕްތަކަށް ދައްކަންޖެހޭ. އޭގެ އިތުރުން [އައްޑޫން މާލެ އަށް އަދި މާލެ އިން އައްޑު އަށް ކުރާ ދަތުރަށް] ދިހަވަރަކަށް ހާސް ރުފިޔާ އެ މީހާގެ އަތުން ނުދާނެ އެއްވެސް ގޮތެއް ނޯންނާނެ،" ނިޒާރު ވިދާޅުި އެވެ.
 އެހެން އެކަން އޮއްވާ، ސީދާ އައްޑޫން މައްކާ އަށް ދަތުރު ފެށޭ ގޮތް ވުން އޭނާ ސިފަކުރެއްވީ "ހީވެސް ނުކުރެވޭ، އިހުސާސް ވެސް ނުކުރެވޭހާ ބޮޑު ލުޔެއް"ގެ ގޮތުގަ އެވެ. 
މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓް ޗާޓަރު ކޮށްގެން ދަތުރުވެރިޔާ އިން މި ދަތުރު ފެށުމަކީ ދަތުރުވެރިޔާ އިން ވަރަށް ބޮޑު ރިސްކެއް ނަގައިގެން ފަށާ، ވަރަށް މުހިއްމު ފެށުމެއް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އެކަމަށް ޓަކައި ދަތުރުވެރިޔާގެ މެނޭޖްމަންޓަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
"ކޮންމެވެސް ވަރަކަށް ރިސްކު ވެސް ނަގަން ޖެހޭނެ. ކޮންމެވެސް ވަރަކަށް ރިސްކު ނަގައިގެން ނޫނީ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. މިކަމަކީ އައްޑޫގެ ތާރީހުގައި އަޅުގަނޑުމެންނަށް، ހާއްސަކޮށް ތަރައްގީގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެޅިގެންދާ މުހިއްމު އެއް ފިޔަވަޅެއްގެ ގޮތުގައި މި ދަތުރު ވެގެން ދާނީ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި  މިއަދު ފެށި ފުރަތަމަ ދަތުރަށް ފަހު މެދުނުކެނޑި އައްޑޫން މިފަދަ ދަތުރުތައް ކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަން އޭނާ ގެންދަވަނީ ދަ ޓްރެވެލާގެ މެނޭޖްމެންޓާ މަޝްވަރާ ކުރައްވަމުންނެވެ. އެއީ ސަރުކާރުން ވެސް އެކަމަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން ވެސް މަސައްކަތް ކޮށްދެއްވަން ވާނެ، މޯލްޑިވިއަން އަކީ ސަރުކާރު ކުންފުންޏެއް،" ނިޒާރު ވިދާޅުވި އެވެ. 
އައްޑު އާއި ފުވައްމުލަކާއި ހުވަދުއަތޮޅު ހިމެނޭހެން ދެކުނުގައި އޮތް ބޮޑު އާބާދީއަށް ބޮޑު ލުޔަކަށް ވާނެތީ މި ދަތުރު މިގޮތަށް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ ނިޒާރު ވިދާޅުވި ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.
އެހެންވެ، ދަތުރުވެރިޔާ ގެ އިތުރުން އެހެން އުމްރާ ގްރޫޕްތަކާ ވެސް މަޝްވަރާ ކޮށްގެން އެކަން މެދުނުކެނޑައި ކުރިއަށް ގެންދަން މަަސައްކަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ-މައްކާ ރޫޓްގެ އިފްތިތާހީ ދަތުރުގައި ވަޑައިގަންނަވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވި ގޮތުގައި މި ދަތުރު  މިގޮތަށް ހަމަޖައްސަން ދަތުރުވެރިޔާ އުމްރާ ގްރޫޕުން މަސައްކަތް ކުރާތާ މިހާރު 10 އަހަރު ވެއްޖެ އެވެ. 
"މި ވޭތުވެ ދިޔަ ހުރިހާ ސަރުކާރެއްގައި ވެސް އެ ބޭފުޅުން ހަމަ އެދެމުން ދިޔަ، ސީދާ، ލުއި ގޮތަކަށް، އައްޑޫ ރައްޔިތުންނަށް މާލެ އަށް ގޮސް އެ ކުރާ ހަރަދުތައް ނުކޮށް، ލުއި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކަށް ސީދާ ދަތުރެއް ރޭވުމަށް،" އައިބީ ވިދާޅުވި އެވެ.
ނަމަވެސް އެކަން ކާމިޔާބު ނުވެ އޮތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަން ހަމަޖައްސަވައި ދެއްވީ ދަތުރުވެރިޔާ ގްރޫޕްގެ މެނޭޖްމަންޓާއި އައްޑޫގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މަސައްކަތްތަކެއް ކުރައްވައިގެންނެވެ.
"އެހެންވީމާ އެއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަތޮޅުގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ވަރަށް އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެން ޝުކުރު ދަންނަވަން ބޭނުންވޭ، އަދި ދަތުރުވެރިޔާ ގްރޫޕްގެ އިސްވެރިންނަށް ވެސް ޝުކުރު ދަންނަވަން،" އައިބީ ވިފާޅުވި އެވެ.
އައްޑޫ-މައްކާ ރޫޓުގެ ފުރަތަމަ ދަތުރު މިއަދު ފެށިއިރު ދަތުރުވެރިޔާ އުމްރާ ގްރޫޕަށް މި ޗުއްޓީއަކީ ވަރަށް މަސައްކަތް ބޮޑު ޗުއްޓީ އެކެވެ. މި ޗުއްޓީ ތެރޭގައި ދަތުރުވެރިޔާ އިން ހާހަކަށް ވުރެ ގިނަ މީހުން އުމްރާއަށް ގެންދެ އެވެ.
އެކަމަކު މުޅި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ވަރަށް އޮމާން ކަމާ އެކު ނިންމަން ޖެހޭ ތާރީހުތަކަށް ކަންތައްތައް ނިންމަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ