ދަރޭތި

(ބުދަ ދުވަހާ ގުޅޭ)
އެއީ، ކެހިވެރިކަމުގެ ކަޅު ވިލާތައް އުދަރެސް ބައްދައިލި ވަގުތެކެވެ. ކުއްލިއަކަށް ފަހަތުން ހަޅޭއްފަޅޭއްލަވައިގަތް އަޑު ދޮހޮއްކޮއަށް އިވުނެވެ. ދޮހޮއްކޮ ފަހަތް ބަލައިލިއެވެ. އަނދިރީގެ ތެރެއިން ދޮހޮއްކޮއަށް ފެނުނީ ތިން މީހުންގެ މެދުގައި ހަމަނުޖެހުމެއް އުފެދިގެން އުޅޭ ތަނެވެ. ދެ މީހަކު ވެގެން އެކަކު އޮބިއަޅައިގެންއުޅޭ ހެން ވެސް ހީވިއެވެ. ދޮހޮއްކޮ ހުއްޓުނެވެ. ވެގެން އުޅޭ ގޮތް ބަލައިލަން ދާން ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި ހިޔާލު ބަދަލުވެ، ދިޔަ ގޮތަށް ދޮހޮއްކޮ ގޮސް ފާލަމުން ފޭބީއެވެ. ހަގީގަތުގައި އޮބަހައްޓައިގެން އުޅުނީ ޔޫސުބެވެ. ޔޫސުބު އުޅުނީ ފަހަތުން ގޮސް ދޮހޮއްކޮއަށް ހަމަލަދޭށެވެ. 
"ދޫކޮށްލާ!" ޔޫސުބު ރުޅި އައިސްފައި، އެހެނަސް މަޑުމަޑުން ބުންޏެވެ. "ކަލޭމެން ހިފާއްޓަންވީ މީހާ އެ ރައްކާވީ!"
އެ ހިސާބުން ޔޫސުބު މިނިވަންކުރިއެވެ. އޭނަ ކޮޅަށް ތެދުވެ ގައިން ވެލިފޮޅައިލިއެވެ. 
"މިރޭ ކަލޭމެން ނުހިފޭއްޓި ނަމަ އޭނަގެ ކަންތައް ނިންމައިލީމުސް،" ޔޫސުބު ބުންޏެވެ. "އޭނަޔާ ހެދި މި ކަން ފަޅާއަރާނީ. މަ ބުނީތީ ވެސް ބަލާތި!"
"އޭނަޔަށް ސިއްރުންނޭ ދެން މި ކަން ކުރާނީ،" ދޮންމަނިކު ބުންޏެވެ. "ހިނގާ އެ ދިމާއަށް ދަމާ!"
ފަޅުގެއާ ދިމާއަށް ތިން މީހުން ހިނގައިގަތެވެ. ދޮހޮއްކޮ ދިޔައީ ދޮހޮއްކޮގެ ގެއަކަށް ނޫނެވެ. ގެއާ ދިމާއަށް ގޮސްފައި، ދުރު މަގަކުން ދޮހޮއްކޮ ވެސް މިސްރާބު ޖެހީ ފަޅުގެއަށެވެ. 
"ހަމީދު ވަރަށް ގިނައިން އިޝާނަމާދަށް ހުކުރުމިސްކިތަށް ދާނެ،" ޔޫސުބު ވައިއަޑުން ބުންޏެވެ. "ތިން މީހުން ތިން ދިމާއިން ދިމާކޮށްލީމަ، ޔަގީން ކަށަވަރު ކަނދުރާއިން ބޯ ވަކިކޮށްލެވޭނެ."
"އުހުނ! އޭރުން ކަމަކު ނުދާނެ،" އާދަނު އެއްބަހެއް ނުވިއެވެ. "މިސްކިތަށް ދާ މީހަކަށް ހަމަލަދީފި ނަމަ ފެށުން ވެސް އެ ގޯސްވީ. ނިމޭ އިރު ހުރިހާ ހަމްދަރުދީއެއް ލިބޭނީ އޭނައަށް. އޭނަ ވަރަށް ގިނައިން ދާނެ ނާދީއަށް. ފެންފަރުދާގެއަށް ވެސް އިރުއިރުކޮޅާ ދާނެ. ފާރަވެރިއެއް ނުހުންނާނެ. ހިނގާ އެ ތަނުން ދިމާކުރަމާ!"
"ތީ ހަމަ ހީވާ ގޮތް،" ޔޫސުބު ބުންޏެވެ. "ހަމީދަށް މިހާރު ވަސްދުވާފަ އޮންނާނީ. އެހެންވެ ދޭތެރެ އަވަސްކޮށް ރާއްޖެއިން ބޭރަށް އެ ދަނީ. މީހަކު ބުނި އޭނަ އުޅެނީ ހަށިފާރަވެރިން ކަރައިން ގެނެސް ފަރަންޖީންނަށް ފިސްތޯލަ ދޭން ގާނޫނެއް ފާސްކުރާށޭ!"
"އޭނަ ކޮށްފާނެ،" ދޮންމަނިކު އެއްބަސްވިއެވެ. "ބޮޑު ފިނޑިއެކޭ އެއީ. އެކަމަކު އޭނަގެ މަރު އަހަރުމެންގެ ތެރެއިން މީހެއްގެ ދަރޭތީގަ ލިޔެވިފަ އޮތިއްޔާ ވަރިހަމަ ކަރައިން ދޮންމީހުން ގެނަޔަސް. ހަމަ އަހަރުމެންގެ އަތުން އޭނަ މަރުވާނީ."
އެހެން މީހަކަށް ނުފެންނާނެ ހެން ސިއްރުސިއްރުން ދޮހޮއްކޮ ހިނގަމުންއައެވެ. އޭރު ދެންމެދެންމެ ވެހިގެންފާނެ ކަހަލައެވެ. ވައިގަދައެވެ. ރުއްރުކުގެ ފަންތަކާއި ގަސްގަހުގެ ފަތްތައް ތޫފާނުގެ ޚަބަރު ހަތަރު ފަރާތަށް ފެތުރިއެވެ. ކާށްޓާއި ބަނބުކޭލާއި ހިކިފަނުގެ އިންޒާރު ފޮނުވިއެވެ. އެއިން ފަނެއްގައި ދޮހޮއްކޮ ނުޖެހުނީ ހަމަ ކިރިޔާއެވެ. 
"އަހަންނަށް މައްސަލައެއް ނެތް ގުރޫޕުން ކަނޑައިލިޔަސް،" ހިތާހިތުން ދޮހޮއްކޮ ބުންޏެވެ. "އަހަރެން ރުޅިއެއް ވެސް ނާންނާނަން ދެރައެއް ވެސް ނުވާނެ. އެކަމަކު އަހަންނަށް އަންގާ ވެސް ނުލާ ގުރޫޕުން ކަނޑާލާފަ، ތިން މީހުން އެކަނި ސައްލާކުރަނިކޮށް ފެނިއްޖެއްޔާ ވަރަށް ރުޅިގަދަވާނެ. ފޫހި ވެސް ވާނެ."
ވަރަށް ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ދޮހޮއްކޮ ބޮނދަމުން، ސިއްރުސިއްރުން ގޮސް ފަޅުގޭ ތެރެއަށް ބޯދިއްކޮށްލިއެވެ. އެ ތަނުގައި އޮތީ ކަނުއަނދިރިކަމެވެ. ފަޅުކަމާއި ހަމަހިމޭންކަމެވެ. 
"އަހަންނަށް އެބަ ފެނޭ!" ދޮހޮއްކޮ އެހެން ބުނީ އަޖުމަބެލުމަށް ޓަކައެވެ. 
ޖަވާބެއް ނުލިބުނެވެ. ދޮހޮއްކޮ ބިންމަތިން ގާ ހޮވައިގެން، މީހުން ތިބޭނޭ ހެން ހީވި ދިމަދިމާއަށް އުކިއެވެ. ގާކޮޅު ޖެހޭ އަޑުއިވެއެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ދޮހޮއްކޮގެ ހީ ކުށްހީއަކަށް ވުމުން ދޮހޮއްކޮ ވަރަށް އުފާވިއެވެ. ގެއާ ދިމާއަށް ހިނގައިގަތެވެ. އެކުވެރިންގެ އެކުވެރިކަމާއި ތެދުވެރިކަން ސާބިތުވީކަމަށް ނިންމިއެވެ. ހިނގަހިނގާ ހުއްޓައި، އެހެން ފަޅުގެއެއްގެ ތެރެއިން ދޮންމަނިކު ނުކުތެވެ. ދޮހޮއްކޮ ހުއްޓުނެވެ. އަލިކަން ހުރި ނަމަ، އެއްވެސް ހުރަހެއް ނެތި ދޮންމަނިކަށް ދޮހޮއްކޮ ފެނުނީހެވެ. އަނެއްކާ ޔޫސުބު ނުކުތެވެ. އާދަނު ވެސް ނުކުތެވެ. 
"ކަލޭމެން ހަމަޖެހިބަލަ!" ސިއްރުސިއްރުން ދޮންމަނިކު ބުނި އަޑު ދޮހޮއްކޮއަށް އިވުނެވެ. "ދޮހޮއްކޮއަކަށް ދޮންކަޅުމިން ވެސް ނޭނގޭނެ. އެކަކު ވެސް އޭނަ ދެކެ ރުޅިއަންނާނެ ކަމެއް ނެތް. ވާވައްދާފަ ބަހައްޓާ!"
"ތި ހީކުރާ ވަރަށް ވުރެ އޭނަ ހިޔަޅުވާނެ،" ޔޫސުބު ބުންޏެވެ. "ހުރެދާނެ ފާރަޔަށް ވެސް."
"ފާޑުފާޑުކުރަންޏާ ކައިރި ރަށަކަށް ގެންގޮސް ބަންދެލާނީ،" އާދަނު ބުންޏެވެ. "ހިނގާދަމާ! އެބަ ބޯކުރޭ!"
ދޮހޮއްކޮ ވަރަށް ފޫހިވިއެވެ. ރުޅިއައެވެ. ދެރަ ވެސް ވިއެވެ. އިސާހިތަކު ވާރޭ ބޯކޮށްލިއެވެ. ދެން ވެސް ދޮހޮއްކޮ ހުރީއެވެ. 
"މީހުންގެ ގޮތް މި އެނގެނީ އެއް އޮޑިން ދަތުރުކޮށްލީމަ،" ދޮހޮއްކޮ ހިތަށްއެރިއެވެ. "އެހާ ރަނގަޅު ނަސޭހަތެއް ދިނީމަ ވެސް އެހެރީ ކަންތައް ކުރި ގޮތް."
ދޮހޮއްކޮއަކަށް އޮޅުވައެއް ނުލެވުނެވެ. އޮޅުނީ ދެން ތިބި މީހުންނަށެވެ. އެކުވެރިން ދެކެ ލޯބިނުވާ ނަމަ، ހިތުންފިލުވައިނުލެވޭ ވަރުގެ ކެއްސެއް ދޮހޮއްކޮއަށް ދެވުނީހެވެ. 
ކޮންމެ ދުވަހަކު ވެސް އިރުއޮއްސޭ އިރަށް އެކުވެރިން ގެއްލެއެވެ. ދާ ތަނެއް ނުބުނެއެވެ. ޖެހިގެން އަންނަ ދުވަހު އެކުވެރިންނާ ދިމާވުމުން ދޮހޮއްކޮ ސުވާލު ކުރާނެކަމަށް އެކުވެރިން ހީކުރިއެވެ. އެހެން ނުވުމުން ހައިރާންވުމުގެ ބަދަލުގައި އެކުވެރިން ޝުކުރު ކޮށްލައިގެން ތިބީއެވެ. ދޮހޮއްކޮއަށް އެކައްޗެއް ވެސް ނޭނގޭ ކަމަށް ހީކޮށެވެ. 
ހަފީޒާ މާލެ ގެނައީ ހާއްސަ ބޭނުމަކުއެވެ. އެ ކަން ނިމުމުން ހަފީޒާ ފުރުވައިލައިފިއެވެ. އާދަނަށް އެނގުނު ވަރަކީ އެއީއެވެ. ގެނައި މަގުސަދު އެކި މީހުން ކިއީ އެކި ގޮތަށެވެ. ހަފީޒާގެ ބައްޕަ ކުއްލިއަކަށް ބަލިވީއެވެ. އެއީ އެންމެ ގަބޫލު ނުކުރެވޭ ސަބަބެވެ. ގޭ ކައިރިން ކަލޭފާނާއި އާދަނު ދިމާވެފައިވާތީއެވެ. ހަފީޒާ ރަންކިއި ވާހަކައަކާއި ކައިވެނި ކުރި ވާހަކައެއް ވެސް ކިޔެވެ. އާދަނު ހިތަށް އެރިއެވެ. ކައިވެނި ކޮށްފި ނަމަ އެ ހިސާބުން އާދަނާއި ހަފީޒާއާ ދެމެދު ރޮނގެއް ދަމައިލެވޭނެއެވެ. އެހެނަސް އެއީ ފާރެއް ނޫނެވެ. ހަމަ އެކަނި ރޮނގެކެވެ. 
އެކުވެރި ރައްކަލުއަލީ ވަރަށް ގަޔާވެގެން ރާޒުވާ ކުޅިބައި އަލުން އަތުރައިލިއެވެ. ޖެހިޖެހިގެން ދެ ފަހަރު ދޮހޮއްކޮ ބަލި ކޮށްލުމަކީ ރައްކަލުއަލީއަށް އަލަށް ކުރެވުނު ކަމެކެވެ. ހެނދުނުގެ ވަގުތެވެ. ގޭދޮރުމަތީ ފަތްޖެހިއެނދު ބަހައްޓައިގެން ދެ އެކުވެރިން ފައިވަށްކޮށްލައިގެން ތިއްބެވެ. ރައްކަލުއަލީ ކުޅުނެވެ. ކުޅިތަކަށް ބަލަހައްޓައިގެން ދޮހޮއްކޮއަށް ވިސްނަން އިނދެވުނީއެވެ.
"މަނާފުކެއް ކޮއްޕައިލަން ތިހާ ގިނަ އިރެއް ނުނަގާނެ،" ރައްކަލުއަލީ ބުންޏެވެ. "ކަލޭ ތީނީ މި ތާކު ނޫން."
"ދެން އެހެން ފަހަރަކުން ކުޅޭނީ ދޯ؟" ކުޅިބައި ކޮތަޅަށް އަޅައިލަމުން ދޮހޮއްކޮ ބުންޏެވެ. "ކުޅޭ ހިތްނެތީ!"
"މަސްވެރިޔަކު މަހަށްދާ ހިތްނުވުން، މާވަޑިޔަކު ވަޑާންކުރާ ހިތްނުވުން، މި ހުންނަނީ ބޮޑެތި އަޖައިބުތައް،" ރައްކަލުއަލީ ދުލެއްނުދިނެވެ. "ވެގެން ތި އުޅޭ ގޮތެއް ބުނެބަލަ!"
އެ ވާހަކަދައްކަން ދޮހޮއްކޮއަކަށް ފަސޭހައެއް ނޫނެވެ. ނުދައްކާ ހުންނަން ވެސް އެހައިމެ އުނދަގުލެވެ. މުޅި ދުވަސް ހަރާބުވެއްޖެއެވެ. 
"ކަލެއަށް ސިއްރެއް ހިފޭއްޓޭނެ؟" ދެ ކޮޅު ހޯދައިލާފައި ދޮހޮއްކޮ ސުވާލުކުރިއެވެ. 
"ޔަގީން ކަށަވަރެއްނު!" ވަރަށް ސާބިތުކަމާ އެކު ރައްކަލުއަލީ ބުންޏެވެ. "އެއް ކަންފަތުން ވަންނަ ގޮތަށް އަނެއް ކަންފަތުން ބޭރު."  
ދޮހޮއްކޮ އަތާއަތާޖަހަން ދިއްކޮށްލި އަތުގައި އެކުވެރިޔާ އަތްޖައްސައިލިއެވެ. 
"އަހަންނަށް އެނގޭ ކަލޭ އަންހެނުންނާ ހަމީދުގެ އަނބިކަނބަލުންނާ ކިހާ ގުޅުން އޮންނަކަން،" ދޮހޮއްކޮ ހަނދާން ކޮށްދިނެވެ. "އަންހެނުން ގާތުގަ ވެސް މި ވާހަކަ ދައްކައިގެން ނުވާނެ. ދައްކައިފިއްޔާ އުމުރަށް ގުޅުން ކަނޑާލާނަން."
"މީހަކު ނުބުނާށޭ ބުނާ ވާހަކައެއް، ދުވަހަކު ވެސް އެހެން މީހެއް ގާތުގަ ބުނެފައެއް ނޯންނާނެ." ރައްކަލުއަލީ ޔަގީންކަންދިނެވެ. 
ކުރިން ގެނައި ދެ ޖަނަރޭޓަރަށް ވުރެ ތަންކޮޅެއް ބޮޑު ޖަނަރޭޓަރެއް މާލެ ގެނައެވެ. އެއީ ފޯރިގަދަ ދުވަހެކެވެ. ޖަނަރޭޓަރު އެއްގަމަށް ބާލައިގެން ގެންދިޔުމަށް ޓަކައި، ދަގަނޑު ދެ ހޮޅި މަތީގައި ފިލާގަނޑެއް ބާއްވާފައި އޮތެވެ. ޖަނަރޭޓަރު ލާފައިވާ ފޮށި ފިލާގަނޑު މަތީގައި ބަހައްޓާފައި، ފޮށީގައި ވާޖަހައިގެން އެއް ބަޔަކު ދެމި އިރު އަނެއް ބަޔަކު ފަހަތުން ކޮއްޕިއެވެ. ދެއުކުޅުގައި އަތްވިއްދަވައިގެން، ގޮތްކިޔުއްވަން އެ ތަނުގައި ވެސް ހަމީދު ހުންނެވިއެވެ. އާދަނު ހުރީ ކުޅިބަލާށެވެ. އިންޖީނު ގެނެސް ބެހެއްޓީ ނާދީގައެވެ. ފުރަތަމަ ދިއްލަން ހަމަޖެއްސީ، ބޭރަށް އަލިވާ ގޮތަށް އެލުވި ދިގު ހޮޅިބުރިއެކެވެ. އެ ހޮޅިބުރި ދިއްލައިލި ރޭ މުޅި މާލެ އެއްކޮށް އެ މަންޒަރު ބަލަން އައެވެ. 
"އައްދެ! ބިމުގަ ދުވާ ހިނި ވެސް އެނގޭ!" މީހުން ކިއެވެ. 
ރައްޔިތުން ލޮލުގައި އަނދުން އެޅުއްވުމަށް ހަމީދު ކުރައްވާ އެ ފަދަ ކޮންމެ ކަމަކުން އާދަނުގެ ލޭ ކެކެއެވެ. އެންމެން ނާދީ ކުރިމަތީގައި އުތުރިއެރި އިރު، އާދަނާއި ދެ އެކުވެރިން ތިބީ އަލިރަސްގެފާނު ޒިޔާރަތް ކައިރީގައެވެ. ޒިޔާރަތުގެ ވަށައި ފަޑި މަތީގައި ހުރި ހުދު ދިދަތައް ވަޔާ ވިހުރިވިހުރި ހުއްޓެވެ. އާދަނުގެ ހިތަށްއެރީ ކުރިން ވެސް އެރި އެއްޗިއްސެވެ. ގައުމަށް ޓަކައި ޖިހާދުކުރި ޝަހީދުން ކުރި ބުރަ މަސައްކަތުގެ އަގަކީ ކޮބައި ހެއްޔެވެ؟ ގައުމީ ލޯބި ކޮބައި ހެއްޔެވެ؟ ގައުމާއި ރައްޔިތުންނާއި ބައިތުލްމާލަށް އިހާނެތިކޮށް ހިތުން މިހައި އާންމުވުމުގެ ޒިންމާ އުފުލާނީ ކާކު ހެއްޔެވެ؟ އެ ފަދަ މީހުންނަށް އަދަބު ދޭނީ ކާކު ހެއްޔެވެ؟ އާދަނު ދެ އަތް އުފުލާލައި ދުއާކުރަން ފެށިއެވެ. 
"ޔާ ﷲ! އަޅަމެންގެ މަގުސަދު ކާމިޔާބު ކުރައްވާށި!" ދުއާ ނިންމައިލަމުން އާދަނު ބުންޏެވެ. 
"އާމީން!" ތިން މީހުން އެކުގައި ބުންޏެވެ. 
ތިންވަނަ ފަހަރަށް އާދަނު ދަރޭތި ނެގިއެވެ. އެ ވަގުތަކީ ރައްކަލުއަލީގެ އަނބިމީހާ ގާތުގައި ރައްކަލުއަލީއަށް ސިއްރެއް ބުނެވުނު ވަގުތެވެ. އެހެން މީހެއް ގާތުގައި ނުބުނަން ޝަރުތު ކޮށްފައެވެ. އެއީ ވަރަށް އެހެން ކަހަލަ އިއްތިފާގެކެވެ. 
ދަރޭތި ފޮރުވައިގެން އާދަނުމެން ފެންފަރުދާގެ ކައިރިއަށް އިރާކޮޅު ދިޔައެވެ. ތަނަށް ވެރިވެފައި އޮތީ މިލަހަނދުވަރެކެވެ. ހަމީދު ބައިސްކަލުކޮޅުގައި ވަޑައިގަތެވެ. ދެ ފަރާތުގައި ދެ ސިފައިން ބައިސްކަލުގައި ތިއްބެވެ. އެހެންވިޔަސް، އެ ފަހަރު އެ ކަން ކުރަން ތިން މީހުން ނިންމިއެވެ. ބައިސްކަލުކޮޅުން ހަމީދު ފައިބައިވަޑައިގެންނެވި އިރު ތިން މީހުން މަޑުމަޑުން އައިސް ހަމީދުއާ އަރައިހަމަކޮށްފިއެވެ. 
"އޭތް!" ކުއްލިއަކަށް އިވުނީ ހަޅޭއްލަވައިގަތް އަޑެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ