މާވެލް ވިޝަން އަންނާނީ އަންނަ އަހަރު

ޑިޒްނީގެ ދަށުން ހިންގާ މާވެލް ސްޓޫޑިއޯސް އިން ނެރޭ ސުޕަހީރޯ ފިލްމުތަކާއި ޝޯތަކުގެ ތެރެއަށް މަޝްހޫރު ކެރެކްޓަރު "ވިޝަން"ގެ މަސައްކަތްތައް ފަށައި އަންނަ އަހަރު ދައްކަން ފެށުމަށް މަސައްކަތް ފަށައިފިއެވެ. ފަހުގެ ތާރީޚުގައި މާވެލްއިން އެންމެ މަގުބޫލުވި އެއް ކެރެކްޓަރަކީ "ވޮންޑާ މެކްސިމޮވް" ނުވަތަ "ސްކާލެޓް ވިޗު"އެވެ. އޭނާގެ ވާހަކައަށް ޖަވާބެއް ލިބިދާނެކަމަށް ބުނާ އެއް ޝޯއަކީ ވިޝަންގެ ވާހަކަ ކިޔައިދޭ ޝޯކަމަށް ގިނަ ބަޔަކު ބަޔަކު ބުނެއެވެ. އެހެންވީމާ ވިޝަންއަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޝޯއެކެވެ. ވިޝަންގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާއިރު ދާދި ފަހުން ވަނީ ޝޯގެ ކާސްޓަށް އެކްޓަރެއް ހަމަޖައްސާފައެވެ. އެގޮތުން ދާދިފަހުން އެޝޯގެ ކާސްޓަށް އިތުރު ކޮށްފައިވަނީ 24 އަހަރުގެ ރުއާރިކް މޮލީކާއެވެ. މޮލިކާ އަކީ މުހިއްމު ރޯލަކުން ފެނިގެންދާނެ އެކްޓަރެއް ކަމުގައި ޚަބަރުތައް ބުނެއެވެ. އަދި ބައެއް ފޭނުން ބުނާ ގޮތުގައި މޮލީކާ ކުޅޭނީ ވިޝަންގެ ދަރިއެއްގެ ރޯލެވެ. އޭއައި އެއް ގޮތުގައި އުފެއްދި ވިޝަން އަމިއްލަ ހިއުމަނޮއިޑަކަށް ވެ އެންމެ ފުރަތަމަ ފެނިފައިވަނީ އެވެންޖާސް ފްރެންޗައިޒްގެ ފިލްމަކުންނެވެ. އެއަށްފަހު އާންމުކޮށް ފެނިގެން ގޮސް އެންމެ ފަހުން ވިޝަން ކެރެކްޓަރު ފެނިފައިވަނީ 2021 ވަނަ އަހަރު ޑިޒްނީ ޕްލަސްއިން ނެރުނު "ވާންޑާވިޝަން" ޝޯއިންނެވެ. އަލަށް ތައްޔާރުކުރާ ޝޯ ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ކުރާނީ ޖެކް ޝޭފާއެވެ. ޖެކް އަންނަނީ މިހާރުވެސް ވާންޑާ ވިޝަންގެ އިތުރު ސްޕިން އޮފް ޝޯއެއްގެ މަސައްކަތް ކުރަމުންނެވެ. އަލަށް ނެރޭ ވިޝަން ޝޯއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވިޝަންގެ ރޯލުން ފެންނަ ޕޯލް ބެޓަނީ އެ ރޯލަށް އެނބުރި އަންނާނެއެވެ. ބެޓަނީ އާއި މޮލިކާގެ އިތުރުން ޝޯއިން ފެންނާނެ އިތުރު ތަރީންގެ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ. ޑިޒްނީއިން ހާމަކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައި ޝޯ ދައްކަން ފަށާނެ ކަމަށެވެ. ނަމަވެސް ސީދާ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ