މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް އެދި އެ އިސްލާހު މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއުއެވެ. މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ. އެއީ: ފުރަތަމަ ދައުރު: ފެބްރުއަރީ އެކަކުން މެއި 15ގެ ނިޔަލަށް ދެވަނަ ދައުރު: ޖޫން އެކަކުން އޮގަސްޓު 15ގެ ނިޔަލަށް ތިންވަނަ ދައުރު: އޮކްޓޯބަރު އެކަކުން ނޮވެމްބަރު މަހުގެ ނިޔަލަށް ނަމަވެސް ރިފާއު ހުށަހެޅުއްވީ މި މަހު ހަޔެއްގައި ފެށި މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި، މި ދައުރު ކުރުކޮށްލުމަށެވެ. ނަމަވެސް އަހަރުގެ ދެން ހުރި ދައުރުތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެ އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރުގައިކަމަށް ވަނީ ބުނެފައެވެ. އާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ