މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހުން އުމުރަށް ޖަލަށްލި މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހުން އުމުރަށް ޖަލަށްލި

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުވެ 20 މީހަކު އުމުރަށް ޖަލަށް ލާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ އަހަރު މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ 20 މީހުން އުމުރަށް ޖަލަށް ލުމުގެ އިތުރުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރި ކަމަށެވެ.
އޭގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
"ނިމިދިޔަ އަހަރު، ކޯޓުން މައުޟުއީ ގޮތުން ބަލައި ހުކުމް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ހަތް މައްސަލައެއްގައި. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 ޕަސަންޓަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތައްކަން ފާހަގަކުރެވޭ،" އެ ކޯޓުން ބުންޏެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ ޖުމްލަ 137 މައްސަލައެއްގައި ގޮތެއް ނިންމާފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން، ފަރުވާގެ ފުރުސަތު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނެ އެވެ.
އެގޮތުން، މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި މަސްތުވާތަކެތީގެ 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލަ ކަމަ ށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް މަސްތުވާތަކެތީގެ 228 މައްސަލައެއް ހުށަހަޅާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅީ 305 މައްސަލައެކެވެ.
މީގެ އިތުރުން މިދިޔަ އަހަރު ޝަރުއީ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 42 ޕަސަންޓް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.
މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން 198 ގައި ހުރިއިރު، އަހަރު ނިމުނުއިރު ބަންދުގައި ތިބި މީހުން 249 އަށް އިތުރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ