މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖަނަވަރީއަށްވުރެ 7.7 ޕަސަންޓު ދަށަށް
މިދިޔަ އަހަރުގެ ޖަނަވަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު، މިއަހަރުގެ ޖަނަވަރީގައި ލިބުނު އާމްދަނީ 7.7 ޕަސަންޓު ދަށްކަމަށް މީރާއިން ބުނެފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީގައި އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ލިބިފައިވަނީ 3.34 ބިލިއަން ރުފިޔާއެވެ. މީރާއިން ބުނީ، މިދިޔަ އަހަރުގެ ޖަނަވަރީއަށް ވުރެ މި އަހަރުގެ ޖަނަވަރީގެ އާމްދަނީ ދަށްވެފައި ވީނަމަވެސް، މި އަހަރުގެ ޖަނަވަރީއަށް ލަފާކުރި އާމްދަނީއަށްވުރެ ފަސް ޕަސަންޓު އިތުރަށް ލިބިފައި ވާކަމަށެވެ. އާމްދަނީ ދަށްވެފައި ވަނީ ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުމުން ކަމަށް މީރާއިން ވަނީ ބުނެފައެވެ. ޖަނަވަރީމަހު އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)އިންނެވެ. އެގޮތުން، ޖީއެސްޓީއިން 1.59 ބިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. 1.19 ބިލިއަން ރުފިޔާއާއެކީ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. ޖަނަވަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ހާއްސަ ބިލުތަކެއް ފޮނުވާފައިވާއިރު، ސަރުކާރުން އަންނަނީ ހަރަދުކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ