ގަން އަތުން ބޮޑު މޮޅެއް ހޯދައި ތިމަރަފުށިން ޒޯން ހައެއްގެ ތަށި އުފުލާލައިފި ގަން އަތުން ބޮޑު މޮޅެއް ހޯދައި ތިމަރަފުށިން ޒޯން ހައެއްގެ ތަށި އުފުލާލައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގެ ފައިނަލުގައި ލ. ގަން އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި، ތ. ތިމަރަފުށިން މި ޒޯނުގެ ޗެމްޕިއަންކަން ހޯދައި ތަށި އުފުލާލައިފި އެވެ.
މިއީ، ތިމަރަފުށިން މި ޒޯނުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން، ޒޯން ފަހެއްގައި ކުޅުނު ތިމަރަފުށިން ވަނީ އެ ޒޯނުގެ ތަށި ފަސް ފަހަރު ހޯދައިފަ އެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރު ތިމަރަފުށިން ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫ އަތުން ބަލިވިއިރު، 2024 ގައި ވަނީ، ގަން އަތުން ޒޯން ހައެއްގެ ފައިނަލުގައި ބަލިވެފަ އެވެ. ތިމަރަފުށިން ޒޯން ކާމިޔާބުކުރީ، 2016، 2017، 2018، 2019، 2022 އަދި 2025 އެވެ.
މިރޭގެ މެޗުގެ ކުރިން، ތިމަރަފުށިން ގޯލްޑަންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ގަން އަތުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، މި ފަހަރުގެ ޒޯން ބުރުގައި 1-0 އިން ގަން އަތުން ބަލިވި މެޗު ވެސް ހިމެނެ އެވެ.
ފައިނަލް މެޗުގައި ތިމަރަފުށި ޓީމަށް ލަނޑުތައް ޖަހައިދިނީ، އިސްމާއިލް މުނީޒް، އާދަމް ނާސިހު (އާދަންނަ)، އަހުމަދު އަފްލާޒް އަދި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އަފްލާޒް އެވެ.
މި ޒޯނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، އިސްދޫގެ ހުސެއިން އަފްހާން އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކީ ތިމަރަފުށީގެ އާދަންނާ އެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ތިމަރަފުށިން ކުޅެން ޖެހޭނީ ޒޯން 1، 2، 3، 4 ގެ ރަނަރަޕަކާ އެެވެ. ގަދަ 16 ބުރުގެ ގުރުއަތުލުން އޮންނާނީ ޒޯން ފައިނަލަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ