ކާށިދޫ ޕެނަލްޓީ ޖަަހައިގެން ބަލިކޮށް އޭދަފުށިން ޒޯން ކާމިޔާބުކޮށްފި ކާށިދޫ ޕެނަލްޓީ ޖަަހައިގެން ބަލިކޮށް އޭދަފުށިން ޒޯން ކާމިޔާބުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޒޯން ތިނެއްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-1 އިން ކ. ކާށިދޫ ބަލިކޮށް، ބ. އޭދަފުށިން ޒޯން ޗެމްޕިއަންކަން ވަނީ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި އޭދަފުށި ވަނީ ޕެނަލްޓީ ޖަހައިގެން، ކ. ގާފަރު އަތުން ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު އޭދަފުށްޓަށް ޕެނަލްޓީގައި ތަފާތު ދެއްކީ، އިމަޖެންސީ ހާލަތެއްގައި އަންގި ލައްވައިގެން ގޯލަށް އަރައި ކީޕަރަކަށް ހުރެ މޮޅަށް ކުޅުނު މުހައްމަދު އަޖުފާން އެވެ. އޭނާ ވަނީ، މިރޭގެ ފައިނަލުގައި، 0-0 އިން އެއްވަރުވެގެން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި، ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް ހުއްޓުވައިފަ އެވެ.
މިރޭގެ މެޗު ފަށައިގެން ދެ މިނިޓް ތެރޭ، އެ ޓީމުގެ ކީޕަރު އަދި ކެޕްޓަން، އަބްދުﷲ ނާސިހު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މި ފަހަރުގެ ގޯލްޑަން އަށް ޕްރެކްޓިސް ކުރަނިކޮށް، އޭދަފުށީގެ ކީޕަރު، އަހުމަދު އަފްޒަލް ވެސް ސީރިއަސް އަނިޔާވެ މުބާރާތް ގެއްލިފައި ވަނިކޮށް، ނާސިހު އަށް ވެސް އަނިޔާވެ، ރިހޭ ފައި މައްޗަށް ފޮއިވެއްޓުނީ އެވެ. އަދި އެ ހާލަތުގައި އޮއްވައި، ދެން ޓީމުގައި ހުރި ކީޕަރު، އަހުމަދު އިރުފާން އަށް މެޗުގެ ދެ ވަނަ ހާފުގައި ރަތް ކާޑެއް ދެއްކުމުން، ކީޕަރަކަށް އެރީ އަޖުފާން އެވެ.
އޭދަފުށިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) ޕެނަލްޓީ ކާމިޔާބުކުރިއެވެ. ކާށިދޫގެ ތިން ޕެނަލްޓީއެއް ކީޕަރަކަށް ހުރި އަޖުފާން މަތަކުރިއިރު، ކާށިދޫ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ، އިލްވާން މުހައްމަދު އެވެ.
މިއީ، 2019 ވަނަ އަހަރުގެ ފަހުން އޭދަފުށިން ޒޯން ތަށި ހޯދި ފުރަތަަމަ ފަހަރެެވެ. އެންމެ ފަހުން، ތިން ފަހަރު ވެސް މި ޒޯނު ތަށި ހޯދީ ގާފަރުންނެވެ. މި ފަހަރު މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކީ އޭދަފުށީގެ ފާއްޓެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ