މާލޭގައި ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތަކުގެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ސިލްސިލާކޮށް ހިނގަމުން އަންނަ މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ސީރިއަސް ކުށްތަކަށް ޝައްކުކުރެވޭތީ މާލެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އިތުރު ތަފުސީލު ފަހުން ހިއްސާކުރެވޭނެ ކަމަށެވެ. ފާއިތުވި އެއް ހަފުތާގެ ތެރޭގައި މާލޭގައި މާރާމާރީގެ އެތައް މައްސަލައެއް ހިނގާފައިވާއިރު، ކެފޭއެއްގައި ހިންގި މާރާމާރީއަކާ ގުޅިގެން ނޭޕާލު މީހަކު ވަނީ މައްސަލަ ނިމެންދެން ބަންދުކޮށްފައެވެ. https://sun.mv/202479 މީގެއިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން މީހަކަށް ވަނީ މަރުތޭލަކުން ހަމަލާދީފައެވެ. މި ހާދިސާ ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔަވެފައި ވާއިރު، މި ހާދިސާގައި މީހަކު ހައްޔަރުކޮށްފައި ވާކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. https://sun.mv/202218 ހަމައެހެންމެ، ހުޅުމާލެއާއި މާލޭގައި ހިނގި މާރާމާރީތަކަކާ ގުޅިގެން ވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. މާލޭގައި ހިންގި މަރާމާރީއެއްގައި ވަނީ، އުމުރުން 18 އަހަރާއި 23 އަހަރު އަދި 17 އަހަރުގެ ބަޔަކު ހައްޔަރުކޮށްފައެވެ. https://sun.mv/202367 މީގެ އިތުރުން މިއަދު ކްރިމިނަލް ކޯޓުން ވަނީ، ގަސްދުގައި މީހަކު މެރުމަށް ރޭވުމާއި މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާކަމުގެ ތުހުމަތުގައި ޒުވާނަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިނގަމުންދާ މާރާމާރީއެއްގެ މައްސަލައެވެ. ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ މި ދެ ގްރޫޕުގެ ދެމެދުގައި ބަދަލުހިފުމުގެ ރޫހުގައި މާރާމާރީ ހިންގުމަށް ރާވަމުންދާ ކަމާއި، އުދައްޔުއަކީ މިއިން ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާވަނީ މާރާމާރީ ހިންގުމަށް ޓަކައި އަނެއް ގްރޫޕުގެ މީހުން ލޮކޭޓު ކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައެވެ. މާލޭގައި މާރާމާރީ އާންމުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ވަނީ ކުށް ކުރަން ހެލްމެޓް އަޅައިގެން އުޅޭތީ، ލާޒިމު ނޫން ތަނެއްގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާން ވެސް ފަށާފައެވެ. މާލޭގައި ހިންގާ މާރާމާރީތަކުގައި ޒުވާނުންނާ އެކު ކުޑަކުދިން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ