ގާނޫނުއަސާސީއިން ލިބިދޭ އެއްވެސް ހައްގަކަށް އަދި ރައްޔިތުންނަށް ލިބިދޭ މަދަނީ ހައްގަކަށް ދައުލަތުގެ އެއްވެސް އިދާރާއަކަށް އަރައިނުގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުން މަނާ ނޫން ކޮންމެ ކަމެއް ކުރުމުގެ ހައްގު ދިވެހި ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަމަކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީ އާއި ގާނޫނުގައި މަނާ ނޫން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން، ހައްގު ލިބިގެންވޭ. އެ ސިވިލް އަދި ކޮންސިޓިޓިއުޝަނަލް ރައިޓަށް ސަރުކާރަކަށް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ވެސް އަރައެއް ނުގަނެވޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް ހުރަސް އެޅުމުގެ ބަދަލުގައި ގާނޫނު ތަންފީޒު ކުރާ މީހުންގެ ޒިންމާއަކީ ގާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުން ކަމަށެވެ.
"އޭގެ ބަދަލުގައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ދައުރަކީ ގާނޫނުއަސާސީއާ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ޒިންމާ އަދާކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.
ގާނޫނުން މަނާ ނޫން ކޮންމެ ކަމެއް ކުރެވޭނެ ކަމަށް ހއ. ދިއްދޫއަށް މި ފަހުން ވަޑައިގަތުމަށްފަހު ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު، ރައީސް ވަޑައިގަންނަވާތީ ހިޔާލުފާޅު ކުރަން އެ ރަށުގެ ބައެއް ރައްޔިތުން ދެމި ބައެއް ބެނާތައް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ނަގައިފަ އެވެ.
މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖުކޮށްފަ އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.
ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ޖަލްސާ އަލުން ފެށީ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހެވެ.
ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށް އަދި މަދަނީ ހައްގަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަރައިނުގަނެވޭނެ: ރައީސް ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށް އަދި މަދަނީ ހައްގަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަރައިނުގަނެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ