ވޭޕު މަނާކުރަން ނިންމުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތައުރީފް ސަރުކާރަށް

ރާއްޖޭގައި އީ ސިގިރޭޓާއި ވޭޕް މަނާކުރުމުން، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލިޑާޝިޕަށް ތައުރީފު ކުރައްވައިފިއެވެ.
ޑރ. ޓެޑްރޯސް މިކަމަށް ތައުރީފް ކުރެއްވީ ވީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖެއިން ދުންފަތުގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ދުންފަތުން ރައްކާތެރިވުމަށް އެކަމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަމަށްވެސް އެއްބާރުލުން ދެއްވާނެކަން ވެސް ވަނީ ހާމަ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ޞިއްހީ ދާއިރާއަށް އެހީތެރިކަން ދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ޓެލެމެޑިސިންގެ ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާ ގެ އިތުރުން އިމަޖެންސީ މެޑިކަލް ގެ ޚިދުމަތް ހަރުދަނާކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.
މީގެ އިތުރުން ކުރިއަލާ ބަލިން ރައްކާތެރިވުމަށް ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ