ކަރަބާއޮ ކަޕްގެ ފައިނަލުން ނިއުކާސްލް ޖާގަހޯދައިފި

ކަރަބާއޮ ކަޕްގެ ފައިނަލުން ނިއުކާސަލް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ނިއުކާސަލް ޖާގަހޯދީ ސެމިފައިނަލްގައި އާސެނަލާ ބައްދަލުކޮށް 0-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރަށުން ބޭރުގައި 0-2 ލަނޑުން ނިއުކާސަލުން ކާމިޔާބު ކުރިއިރު ރޭ ކުޅުނު ދެވަނަ ލެގު ނިއުކާސަލް އަމިއްލަ ދަނޑުގައި ކުޅެ ކާމިޔާބު ކޮށްފައިވަނީ ވެސް 0-2ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގައި އާސެނަލަށް ނިއުކާސަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެއާ ހިލާފަށް މި މެޗުގެ ނިއުކާސަލް އިން ފަށިތަން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. މިގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ނިއުކާސަލުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭކޮބް މާފީއެވެ. މި ލަނޑު ޖެހުމުގެ ކުރިން އެލެގްޒެންޑާ އިސާކް ލަނޑެއް ޖެހި ނަމަވެސް އެ ލަނޑުވަނީ އޮފް ސައިޑްކަމަށް ދައްކައިފައެވެ. މާފީ ލަނޑު ޖެހުމުގެ ކުޑައިރު ކޮޅެއް ކުރިންވަނީ އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ނިއުކާސަލްގެ ދެވަނަ ލަނޑު މެޗުގެ 52ވަނަ މިނެޓުގައި އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބު ކޮށްފައިވަނީ އެންތަނީ ގޯޑަންއެވެ. މި މެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި ކާމިޔާބީއާއެކު ނިއުކާސަލުން މިވަނީ ކަރަބާއޮ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. ނިއުކާސަލުން ވަނީ މީގެ ދެ އަހަރު ކުރިން ވެސް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައެވެ. ނަމަވެސް އެފަހަރު ފައިނަލްގައިވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައެވެ. ނަމަވެސް މިފަހަރު ނިއުކާސަލްގެ އުންމީދަކީ ބޮޑު މުބާރާތެއްގެ ތައްޓެއް އުފުލާނުލެވި ދިގުލައިގެންގޮސްފައިވާ 56 އަހަރުގެ ތާރީޚު ނިމުމަކަށް ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ