ރިޔާސީ ބަޔާން 2025: އަންހެނުން ކުރިއަރުވައި، އެކަނބަލުން ބާރުވެރިކުރުވައި، ފުރުޞަތުތައް ފަހިކުރުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރުން ޤައުމު ތަރައްޤީ ކުރާނީ އެއްވެސް ބަޔަކު ބާކީ ނުކޮށްކަމަށާއި، އެގޮތުން އަންހެނުން ކުރިއަރުވައި، އެކަނބަލުން ބާރުވެރިކުރުވައި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށްބޮޑަށް އިސްކަން ދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް ފާއިތުވި އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ތަޢާރަފުކުރައްވާފައިވާ ކަމަށާއި، މި ސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މި ޚާއްޞަ ލޯން ސްކީމްގެ 25 އިންސައްތަ ޚާއްޞަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ލޯނުސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަންދެއްވާ ބީދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުމަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށްޓަކައި ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅުއްވަންޖެހޭ އިސްލާޙުތައް މި މަހު ހުށަހެޅުއްވާނެކަމަށެވެ. އަދި މި ދެ އިސްލާޙްގެ ނަތީޖާއަކަށް ވާނީ މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބުމާއި، އެ ކަނބަލުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަމަށް ޙައްލު ލިބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންނަށް ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ސަރޖަރީ ކުރާ ފަދައިން "މިނިމަލީ އިންވޭސިވް ގައިނޮކޮލޮޖިކަލް ސަރޖަރީތައް" ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ތެރޭގައި 4 ސަރޖަރީއެއް ތަޢާރަފްކޮށްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް "އެންޑޯމެޓްރިއޯސިސް އެންޑް ޕެލްވިކް ކްލިނިކް"ގެ ނަމުގައި އައިޖީއެމްއެޗްގައި ކްލިނިކެއް ޤާއިމުކުރައްވައި އެ ޚިދުމަތް ވެސް މިހާރު ފޯރުކޮށްދެއްވަމުންދާކަމަށާއި، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީ.އޯ.އެސް" ގެ ފަރުވާތައް އަސާންދަ ސްކީމުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، "އައި.ވީ.އެފް" އާއި "އައި.ޔޫ.އައި" ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ޚިދުމަތް ހޯދަން ފަށާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން މި ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން 15 މިލިއަން ރުފިޔާ ކަނޑައަޅައި، ފަރޓިލިޓީ ކެއަރ ފަންޑެއް ޤާއިމުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ