ޔޫރަޕްގެ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް ވައިޑް ބޮޑީގެ އިތުރު މަތިންދާ ބޯޓެއް ހޯދުމުގެ މަސައްކަތް ފަށައިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ.
ފުރަތަމަ ވައިޑް-ބޮޑީގެ މަތިންދާ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވައިޑް ބޮޑީ އިތުރު މަތިންދާބޯޓެއް މިއަހަރުގެ އޮކްޓޫބަރުމަހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ކުންގުނިން މިހާރު ވަނީ ވައިޑްބޮޑީ މަތިންދާބޯޓެއްކަމަށްވާ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް އިޢުލާންކޮށްފައެވެ. އެ ކުންފުނީގެ އިއުލާނުގައިވާ ގޮތުން އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަނަށް މިދިޔަމަހު ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ. އެއީ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެކަމަށެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ޚާއްސަ ގޮތެއްގައި ދުރު މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ