ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

44 ވަނަ ބަޔާ ގުޅޭ
"އެއްޗެއް އަހާލަންތަ؟" ޝާވިން އެންމެ ފަހަށްހުރި ކާ އެތިކޮޅު ފެންފޮދަކާލައި ދިރުވައިލުމަށްފަހު އިވާންއެކޭ އެއްފަދައިން މޭޒާ ދުރަށް ޖެހިލި އެވެ. "މިހާ ހިސާބަށް ކަންކަން އައިއިރު އިވާން މައިގެ ޕޮއިންޓުން މި ކަންތައްގަނޑާމެދު ވިސްނާލައިފިންތަ؟"
"ބަލަ ޝޯން ތިއީ މިކަންތަކުގަ މައިރާދެކެ އެންމެ ބޮޑަށް ރުޅި އައިސްފަހުރި މީހާ. ކީކޭ ކިޔަން ތި އުޅެނީ؟" އިވާން ބުމަ އަރުވައިލި އެވެ.
"ތެދެއް. އަދިވެސް އަހަރެން މި ހުންނަނީ މައިރާދެކެ ވަރަށް ހިތްހަމަ ނުޖެހިފަ. އެކަމަކު ރުޅި؟ ތެދަށް ބުނަންޏާ ކުރީ ރޭ މަލްއަށް އެ ވީ ގޮތް ފެނުނީމަ އަހަރެންނަށް މި ކަންތަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާ ލެވުނު. އެރޭ މަލްއަށް ވީ ގޮތް އެންމެ ގާތުން ފެނުނީ އަހަރެންނަށް.. މަލް އެ ހުރިހާ އެއްޗެއް ކިޔައި ދިންއިރު އަހަރެންނަށްވެސް ހަމައެކަނި ވިސްނެމުންދިޔަ އެއްޗަކީ ރިވެންޖް. ކިހިނެއްހޭ މިކުއްޖާއަށް އިންސާފު ހޯދަ ދޭނީ؟ އަހަރެންނަށް ޔަގީން އިވާންވެސް ކިތަންމެ ފަހަރަކު މި ސުވާލު އަމިއްލަ ނަފްސާ ކޮށްފަ ހުންނާނެކަން" ޝާވިން ވާހަކައިގެ ތެރެއިން އިވާންއަށް ބަލައިލިއިރު އިވާން ހަނިކޮށްލެވިފައިވާ ދެލޮލުން އޭނާއަށް ބަލަހައްޓައިގެން އިނީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ފަދައިންނެވެ. "އަސްލު އަހަރުމެން މިއީ މަލްއަށް ކޮންބައެއް؟ މަލް އެއީ އަހަރުމެންނަށް ކާކު؟ އެކަމަކު އެ ކަންތައްގަނޑުން އަހަރުމެންނަށް މިވަރު ވާއިރު އަސްލު މައިއަށް.. ކިހާ ހަރޓްވާނެހޭ. އިވާން ބުނާ ގޮތުން ނަމަ މައިގެ ފުރާނަ ދޯ މަލްއަކީ؟ ކިހާ ރުޅިއެއް އައިސްފަހޭ ހުންނާނީ. އަހަރުމެންނަށް އަދި މަލް އެކަހަލަ ގޮތަކަށް މި ފެނުނީވެސް މަލް ވަރަށް ބޮޑަށް ސްޓޭބަލްވެފަ ހުއްޓާތާ؟ މައިއަށް މަލްގެ ސަފަރިންގް ފެނިފަ ހުންނާނީ ވައިލް އިޓް ވޯޒް ސްޓިލް ފްރެޝް އެންޑް ނިއު. ވަރަށް ބޮޑު އަސަރެއް ކުރާނެތާ އެކަމުން. އެހާ ވަރަށް ޖަސްޓިސް ބޭނުންވެފަ ހުއްޓާ ފުލުހުން އެ ކޭސް ކްލޯޒް ކުރީމަ ޝީ މަސްޓް ހޭވް ފެލްޓް ހެލްޕްލެސް. ހިތަށް މި އަރަނީ އެހެންވެ އެ ސިޗުއޭޝަން އަމިއްލަ ހޭންޑްސްއަށް ނަގައިގެން ރައިޓް މައިންޑެއްގަ މަސައްކަތް ނުކުރެވުނީ ކަމަށް ވެދާނެ ނޫންހޭ؟"
"ހެހެ. ދެން ތިބުނީ މައިރާއަށް މަޢާފު ކުރާށޭތަ؟" އިވާން ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. "ދެރަ ލަނޑެއް ނޫނޭ އޭނަ އަހަރެންނަށް ދިނީކީ. ޝޯން ވިސްނާލަބަ އޭނަ އެކަން ކުރީލެ މޮޅުކަން. އައި މޭ ބީ އިން ލަވް ބަޓް އައިމް ނޮޓް ސްޓުޕިޑް. ޝީ ވޯޒް ކްލިއަރލީ އެކްޓިންގް އިން ހަރ ރައިޓް މައިންޑް ޝޯން.. މައިރާގެ ވާހަކައޭ މި ދައްކަނީ.. މައިރާ އޮޅިގެން ކަންކަމެއް ނުކުރާނެ" އިވާން އޭނާގެ ކަނދުރާއާ ހަމައަށް ދިގުވެފައިވި އިސްތަށިގަނޑުގެ ތެރެއަށް މަހައިލި އިނގިލިތައް ބޮލުގެ ފުއްކިބައާ ހަމައިން ގުޅުވައިލަމުން ފަހަތައް ކަރު އެލުވައިލި އެވެ. "ޝީ އިޒް ސްމަރޓް.. ސްޓަނިންގް.. ގޯރޖަސް.. ޑޭންޖެރަސްލީ ބްރެތް-ޓޭކިންގް ސްޕެޝިއަލީ އިން ދޯސް ޑޭމްންޑް ސޫޓްސް-"
"އެހެމް.." އިވާންގެ ވާހަކަ މެދުކަނޑައިލަމުން ޝާވިން ކަރުކެހިލި އެވެ. އެއާއެކު އިވާން އަވަސްއަވަހަށް ދެލޯ ހުޅުވައިލަމުން ހަށިގަނޑު ސީދާކޮށްލި އެވެ. ޝާވިން ހިނިގަނޑެއް ޖަހައިލުމަށްފަހު ބިލް ގެނައުމަށްޓަކައި ވެއިޓަރަށް ގޮވައިލި އެވެ.
އިވާންއަށް ބޯ ކަހައިލެވުނެވެ. މައިރާއަށް އެއްޗެހި ކިޔުމުގެ ނިޔަތުގައި ފެށި ޖުމްލަ ނިންމައި ލެވުނީ އޭނާގެ ދުލުން މައިރާއަށް އެތައް ތައުރީފެއް ކުރެވިގެނެވެ. ޝާވިން ފަހުން އެވާހަކަ ދައްކަން ނޫޅުނުކަމީ އޭނާގެ ނަސީބޭ އިވާންގެ ހިތަށްއެރި އެވެ. އޭނާއަށް ނޭނގުނީ އޭރު ޝާވިންގެ ޝައުގުވެރިކަން ވަނީ އެހެން ކަމެއްގައި މާބޮޑަށް ބަނދެވިފައި ކަމެވެ. އަތުގައި ފޯނަށް އައި މަލަކްގެ މެސެޖު ފެނުމާއެކު އެހެން ހުރިހާ ކަމެއް ޝާވިންގެ ހަނދާނުން ކައްސާލައިފި އެވެ.
"ބިޒީ؟" މާނަފުން މެސެޖެއް ނޫން ނަމަވެސް ޝާވިންއަށް ލިބުނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. އޭނާ ނޫނެކޭ ބުނެ އެ މެސެޖަށް ރައްދު ދިނުމާއެކު މަލަކް ދެން ސުވާލު މާކަކާއެކު ފޮނުވައިލީ ހުދުކުލައިގެ ހިތެކެވެ. ޝާވިންވެސް ރައްދުގައި ހަމަ އެކުލައިގެ ހިތެއް ފޮނުވައިލި އެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މަލަކްއާއި ޝާވިންގެ ދެމެދުގައި މެސެޖުގެ ޒަރީއްޔާއިން ދެކެވެމުންދިޔަ ވާހަކަތަކުގެ އެދުވަހުގެ ދަންފަޅި ފެށިގެން ދިޔައީ އެހިސާބުންނެވެ. ވަގުތަކީ އިވާންވެސް ފޯނަށް ހުސްވެފައި އިން ވަގުތެއްކަމުން ޝާވިންއަށް ހަމަޖެހިލައިގެން މަލަކްއާ ވާހަކަދައްކާލަން ފުރުސަތު ލިބުނެވެ.
ދެ އެކުވެރިން އެތަނުން ދާން ނިންމީ ވެއިޓަރު އައިސް އެމީހުން ތިބި މޭޒު ސާފުކުރަން ފެށުމުންނެވެ. ގެއަށް ވަނުމާއެކު ގޯތި ތެރެއިން މާޒިޔާއާ ދިމާވެ އިވާން ވާހަކަދައްކަން މަޑުކޮށްލި ނަމަވެސް ޝާވިން ވަނީ ގޭތެރެއަށެވެ. ޓީވީއިން އަޅުވާފައިވާ ގޭމުގެ ފޯރީގައި ޖެހިފައި އިން މަލަކް ފެނި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިޙްތިޔާރުން ބޭރުގަ އެވެ. މަލަކްއަށްވެސް އެއްލި ކަޅިއަކުން ޝާވިން ފެނި އެ ހިނިތުންވުން ރައްދު ކޮށްލި އެވެ. އެއާއެކު ވިސްނައިވެސް ނުލެވެނީސް ދަގަތްފާނަށް ދަގަނޑު ދަމާ އުސޫލުން ޝާވިންއަށް އެދިމާލަށް ދެވުނެވެ.
"އިވާން ނާދޭތަ؟" މަލަކްއަށް ޝާވިން ފެނުމާއެކު އަހައިލެވުނެވެ.
"ބޭރުގަ އެބަހުރި. މަލްގެ މަންމައާ ވާހަކަދައްކަން" ޝާވިން މަލަކްއާ ޖެހިގެން ޖާގައެއް ދޫކޮށްލަމުން ސޯފާގައި އިށީނެވެ. "ތި ދީބަލަ އަހަރެން އަތަށް" އޭނާ އުޅުނީ މަލަކްގެ އަތުން ޕްލޭ ސްޓޭޝަންގެ އަތްގަނޑު އަތުލާށެވެ.
"ދެން ނޫން" މަލަކް އިހުނަށްވުރެ ބާރަށް އަތްގަނޑުގައި ހިފަހައްޓައިލަމުން ބުންޏެވެ.
"މަލް މާ ވަރަކަށޭ ގޭމް ކުޅެނީ.. ދެން ތިހެން އުޅެންޏާ ޕީ.އެސް ގެންދަން ޖެހޭނީ" ޝާވިން ސަމާސާ ރާގެއްގައި ބުނެލި އެވެ.
"ދެން ދައްތާ! ބަލާބަލަ މި ޝޯން" މަލަކް ތުން ފިއްތައިލަމުން އަޑުގެ ނެތް ތަނަށް ގޮވައިލި އެވެ. އޭރުވެސް އޭނާގެ ނަޒަރު ޓީވީއާ ވަކިނުވެ އެވެ.
"މަންމަވެސް އެބަ އުޅެންތަ؟" މަލަކްގެ އަޑަށް ބަދިގެއިން ނުކުމެގެން އައި އާޝިޔާ ފެނި ޝާވިންއަށް އަހައިލެވުނެވެ.
"ދައްތާ.. ޝޯން ބުނީ ޕީ.އެސް ގެންދަނީ އޯ" މަލަކް ވަގުތުން ޝަކުވާ ކޮށްލި އެވެ.
"ގެންދާނެ ކަމެއް ނެތް. މަލް ފޫހި ފިލުވަން އެ ބަހައްޓަބަލަ. ޝާވިނަށް އެ ކުޅޭކަށް ވަގުތެއްވެސް ވަނީކީ ނޫނެއްނު؟" އާޝިޔާ އައިސް އިށީނދެލީ ޝާވިން އިން ފަރާތް ނޫން އަނެއް ފަރާތުން މަލަކްއާ ޖެހިގެނެވެ.
"އެއީ އެހެން ބުނި އެއްޗެއް ނޫނޭ މަންމާ" ޝާވިން ބުނެލި އެވެ.
"ހޫން! ކުއްޖަކު ތަނެއްގަ އިނިއްޔާ ޖެއްސުމެއް ކޮށްނުލާ ކަމަކު ނުދާނެ މީނައަށް. އަޅާނުލާ ދަރިފުޅާ.. އެއްކަލަ އަނބު މަޖާ މޮޑެގެން މި އައީ. އަން.. ރަހަ ބަލާލަބަލަ. ރަނގަޅުތަ؟" އާޝިޔާ މަލަކްގެ ބޮލުގައި ފިރުމައިލުމަށްފަހު އަތުގައިހުރި މަޖާ ތަށްޓަކުން މަލަކްއަށް ސުވާއެއް ލަވައި ދިނެވެ. މަލަކް އާޝިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަތުގެ ބޮޑުވައި އިނގިލި ދައްކައިލަމުން ބޯ ޖަހައިލި އެވެ.
"ކޮބާ އަހަރެންނަށް؟ މަންމަވެސް ހާދަ ހެއްވައޭ. ކުރިން އެއްޗެއް ހެދިއްޔާ ފުރަތަމަވެސް ދޭނީ އަހަރެންނަށް" ޝާވިން ހިނި އައިސްފައި އިނދެ ބުނެލި އެވެ. އެއާއެކު އާޝިޔާ އަނެއްކާވެސް ރައްދުގައި އެއްޗެކޭ ބުނެލައިފި އެވެ.
ދެމައިން މަލަކްގެ ދެފަރާތުގައި ތިބެ ކޯޅެމުންދިޔަ އެވެ. ސިޓިންގްރޫމަށް ވަތް މާޒިޔާއަށް އެ މަންޒަރުފެނި ހުރި ފިޔަވަޅު މަތީގައި ހުއްޓިލެވުނެވެ. އެ މާހައުލުގައިވި އުފާވެރިކަން ފެނި އޭނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެވަގުތު އެތަނަށް އައި އިވާންވެސް އެއްފަހަރު މާޒިޔާއަށް، އަނެއް ފަހަރު މާޒިޔާގެ ނަޒަރު ހުއްޓިފައިވި މަންޒަރަށް ބަލައިލުމަށްފަހު މާޒިޔާގެ ކޮނޑުގައި ޖަހައިލާފައި ސިޑިން މައްޗަށް ހިނގައިގަތެވެ. ޝާވިންއާއި އާޝިޔާގެ ގުޅުން ކުރީއްސުރެން ފެންނާތީ އޭނާއަށް އެކަން އަޖައިބު ކުރުވަނިވި ކަމަކަށް ނުވީ އެވެ.
"ބަދިގޭގަ އެބަހުރި މަޖާތަށި. ބޮޑު ސިންގާ ފިރިހެނެއްނު. ބޭނުމިއްޔާ އާދޭ ބަލާ" އާޝިޔާ އެންމެފަހުން ބުންޏެވެ.
"ދެން އެކަމު މަލްއަކީވެސް ކުޑަ ކުއްޖެއް ނޫން ދޯ؟ ނޮޓް ފެއަރ" އާޝިޔާ ގޮނޑިން ތެދުވެ އަލުން ބަދިގެއާ ދިމާލަށް ހިނގައިގަތުމާއެކު ޝާވިން ބޮޑާހާކައިލި އެވެ. މާޒިޔާވެސް ހިނިގަނޑު ހިފަހައްޓައިލަމުން އާޝިޔާގެ ފަހަތުން ހިނގައިގަތެވެ. ޝާވިންއަށް މާޒިޔާ އެތަނުގައި ހުރިކަންވެސް ރޭކައިލީވެސް ދެނެވެ. ހިސާބަކަށް ރަކިވިއެއްކަމަކު އެކަން ނުދައްކާވޭތޯ ބަލަމުން އޭނާ ދިމާކޮށްލީ މޭޒުމަތީގައިހުރި މަލަކްގެ ތަށި ނަގާށެވެ. "ދެން ނުދެވޭނެ ތި ބަލައެއް. މަލްގެ ތަށި ނަގަނީ މިއީ"
"ދެން ޝޯން ނޫން. ދެންންންންން" މަލަކް އަކުރުތަކަށް ދަމައިލަމުން ގޮވައިލި އެވެ.
"އޯކޭ އޯކޭ. އަން" ޝާވިން އަވަސް އަވަހަށް އެ ތަށި މަލަކްއަށް ދިއްކޮށްލި ނަމަވެސް މަލަކް އޭގައި ހިފާކަށް ނޫޅުނެވެ. ޕްލޭ ސްޓޭޝަންގެ އަތްގަނޑުން ދޫކޮށްލުމަކާ ނުލައި އަނގަ ހުޅުވައިލި އެވެ. ޝާވިން ލުއި ހިނިގަނޑެއް ޖަހައިލުމަށްފަހު އޭގެއިން ދެތިން ސުވާ މަލަކްގެ އަނގަޔަށް ލަވައިދިނެވެ. މަލަކް ގޭމަށް ގެއްލިފައި އިނދެ ޗޫސްދަމަން ފެށުމާއެކު އޭނާއަށް ޝައުގުވެރިކަމާއެކު މަލަކްގެ މޫނަށް ބަލަން އިނދެވުނެވެ. އޭރު ފެންކަޅިވެފައިވާ މަލަކްގެ ދެލޯ އެ މަޖާތަށީގެ ކުޅިކަމަށް ހެކި ދެމުންދިޔަ އެވެ.
ޝާވިންއަށް އަތް ހިއްލައިލެވުނީ އެ ދެލޯ ފޮހެލައި ދިނުމަށެވެ. އެހެނަސް މަލަކްގެ މޫނާ ނުހަނު ގާތަށް އަތް ގެންދެވިފައި ވަނިކޮށް އޭނާގެ ހަރަކާތްތައް ހުއްޓައިލެވުނެވެ. ލަސްލަހުން އަތް ތިރިކޮށްލެވުނީ މަލަކްގެ ގައިގައި އިނގިލީގެ ކުރިވެސް ޖައްސައިލުމަށް ޖެހިލުންވީތީ އެވެ. އެހެނަސް އޭނާގެ ނަޒަރު ދެންވެސް މަލަކްގެ މޫނަކާ ވަތްކެއް ނުވި އެވެ. މަޑު ރަތްކަމެއް ހިފާލާފައިވާ މަލަކްގެ ތުންފަތަށް އޭނާގެ ސަމާލުކަން ދެވުނީ އިޚްތިޔާރުން ބޭރުގަ އެވެ. މަޖާ ތަށީގެ ކުޅިކަމުން ޗޫސް ދަމައިލާ ކޮންމެ ފަހަރަކު އެ ތުންފަތަށް މަޑު ލޮޅުމެއް އަރައިގެންދާ ގޮތުން ޝާވިންގެ ހިތް އަވަސްވެލަ އެވެ. އަރުތެރެ ހިކެމުންދާކަމުގެ އިހުސާސެއް ކުރެވެން ފަށައިފި އެވެ. އެކަން ވީ އޭނާގެ ނަފްސަށްވެސް ސިހުމެއް ލިބިގެންދިޔަ ކަމަކަށެވެ. ބިރެއް ފެނުނު ފަދައިން މަލަކްއާ ދުރަށް މޫނު އަނބުރައިލަމުން ސޯފާގެ ކުރިއަށް ޖެހިލައި އަތުގައިހުރި ތަށި މޭޒުމަތީގައި ބަހައްޓައިލި އެވެ. ހިކިގެންދިޔަ ތުންފަތް ތެންމައިލުމަށްޓަކައި ދޫ ހަރަކާތް ކޮށްލެވުނުއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މަލަކްގެ މައުސޫމު ތަސްވީރެވެ. އެހެނަސް އެ ތަސްވީރާ އެކުވަމުން ދިޔައީ މާ މައުސޫމު ފިކުރުތަކަށް ނޫނެވެ. އޭނާ މަލަކްއަށް ފެންތަށްޓެއް ގެނެސްދިނުމުގެ ބަހަނާގައި އެތަނުން ދިޔައީ އެ ފިކުރުތަކަށް ދުވެ ފިލަން އުޅޭ މީހަކު ފަދައިންނެވެ.
************
މޭޒުމަތީގައި އަތުރާފައިވާ ޗާޓުތަކަށް ބަލައިލަމުން މައިރާ އަނެއްކާވެސް ލެޕްޓޮޕުގެ ސްކްރީނަށް ނަޒަރު ހުއްޓައިލި އެވެ. ކަންފަތުގައި ވަޔަރލެސް ހެޑްސެޓެއް ޖަހާލައިގެން އިންއިރު، އިރުއިރުކޮޅާ އާނއެކޭ ބުނެ ބޯ ޖަހައިލާ ގޮތުން އޭނާ އިނީ ކޯލެއްގައިކަން ޔަގީން ކުރެވެ އެވެ. އޭރު އެ ކެބިންގެ ބޭރުގައި ހުސްނީ މަޑުކޮށްލައިގެން ހުއްޓެވެ. މައިރާގެ ކޯލު ނިމޭނެ އިރަކަށް ގަޑި ގުނައިލަ ގުނައިލަ އެވެ. ނަދާލް ބުނި ފަދައިން މައިރާއާ ވާހަކަ ދައްކައިލުމަށް އޭނާ ފުރުސަތެއް ހޯދަމުންދާތާ މިހާރު ދެ ދުވަސް ވެގެންދިޔައީ އެވެ. އެންމެފަހުން މިއަދަށް ތާވަލު ކުރި ބައްދަލުވުންވެސް ކުއްލިއަކަށް މާ މުހިއްމު ކޯލެއް އައިސްގެ މި އޮތީ ފަސްކުރަން ޖެހިފަ އެވެ. އެވަގުތު އައިސް ޖެހުމާއެކު އޭނާ އަވަސް އަވަހަށް ޓަކި ޖަހައިލަމުން ކެބިންއިން އެތެރެއަށް ބޯ ދިއްކޮށްލި އެވެ.
"މައި؟ މި ގަޑި އޯކޭތަ؟" ހުސްނީ އަހައިލި އެވެ.
"އޯ ހުސްނީ.. އައިމް ސޯ ސޮރީ. އަހަރެން ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތް. މާދަމާ ކިހިނެއްވާނީ ވާހަކަ ދައްކާލަން؟ މިވަގުތު ބޮޑުބެ ބުނެގެން ވަރަށް މުހިއްމު ކަމެއްގަ މި ދަނީ.. އަރޖެންޓް ކަމަކިއްޔާ މެއިލެއް ކޮށްލަންވީނު. އަހަރެން ގެއަށްގޮސް ބަލާލާނަން" މައިރާ ގޮނޑީގެ ލެގޭބައިގަ އަޅުވާލައިފައި އޮތް ސޫޓާއި ދަބަސް ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ކެބިނުން ނުކުތެވެ.
************
"އޭތް އޭތް ކޮން ކޮޅަކުން އިރު އަރައިގެން އުޅޭ ދުވަހެއް. ކުރާނެ ކަމެއް ނެތަސް މި ޖިފުޓިގަނޑު ހުޅުވާ ނުލާ ހިތްހަމައެއް ނުޖެހޭ ދޯ" ޝާވިން ޑިއުޓީ ނިންމައިލުމަށްފަހު އިވާންމެންގެ ގެއަށް ދިޔައިރު އިވާން މާ އަވަދިނެތި ވެހިކަލެއް މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅޭތީ އެދިމާލަށް ޖެހިލި އެވެ.
"ކަމެއް ނެތި މިހެން އުޅޭތަ؟ މި ނާއިލް ކޮންމެވެސް ތާކުން ހޯދައިގެން ގެނައި ސައިކަލެއް ބަލާލަން މި އުޅެނީ" އިވާން އަނގައިން ހިފަހައްޓައިލައިގެންހުރި ޓޯޗު ނަގަމުން ވާހަކަދެއްކި އެވެ. "އަހަރެންނަށް ހީވަނީ ބޮޑަށް މަލަކް ހޯދަން ބަހަނާއެއްގަ މިގެއަށް އަންނަންވެގެން އައީހެން"
އިވާންގެ ޖުމްލައާއެކު ޝާވިންގެ ބޮލުގައި ގޯސް ގޮތަކަށް ރިއްސައިލި އެވެ. "ދެން އެކަން ވިތަ އޭނައަށް؟"މީގެ ކުރިން އެ އަޑުގައިހުރި ސަމާސާގެ އަސަރެއް މިހާރަކު ނެތެވެ.
"ޕިސް ކޮންތާކު. މާޒިޔާއްތަ ފެނުނުއިރަށް ފިނޑިވެގެން ފަހުން އަންނާނަމޭ ކިޔާފަ ހިނގައްޖެ. ފަހުން ގުޅާފަ ބުނަނީ މަލް އެކަނި ހުންނަ ވަގުތެއްގައޯ ވާހަކަދައްކަން ކެރޭނީ" އިވާން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
ޝާވިންގެ މޫނުމަތިން ފާޅުވާން ހުރި ރޫތައް، އެވާހަކައާ އޭނާ ގަޔާނުވާކަމަށް ހެކިދެ އެވެ. "ނާއިލްގާތު ބުނޭ މަޑުން ހުންނާށޭ" އޭނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެ ނުރުހުންގަނޑު އޭނާގެ ދުލުން ބޭރުކޮށްލެވުނުކަން އެނގުނީވެސް އެ ޖުމްލަ ބުނެވިދިޔަ ފަހުންނެވެ.
"ތިބުނީ؟" އިވާން ހަމަ ރަނގަޅަށްވެސް ސިހުނެވެ. ޝާވިންގެ ސިކުނޑި އެއަށް ޖަވާބެއް ހޯދުމަށް އަވަސްވެގަތެވެ.
"މިއީ.. މި.. މިބުނީ.. ނާއިލްގާތު ބުނާށޭ މަލް އެކަނި ހުއްޓާ ދިމާކުރަން ނޫޅޭށޭ.. އިވާންއަށް ހަމަ ރަނގަޅަށް އެނގެއެއްނު މަލް ޕެނިކްވީމަ ވާ ގޮތް. ވީ ކާންޓް ރިސްކް އިޓް" އެންމެފަހުން އިވާންއަށް ގަބޫލު ކުރެވޭފަދަ ވާހަކައެއް ޝާވިންއަށް ހޯދައިލެވިއްޖެ އެވެ.
"އާން ތެދެކޭ ދޯ. އަހަރެން ހަނދާން ނެތިފަ މި ހުންނަނީ. މަލް އަހަރުމެންނާ އެއްކޮށް އުޅޭއިރު މަލް ނޯމަލް ކަމުން ތިކަމާ ވިސްނާވެސް ނުލެވުނީ" އިވާން އަނެއްކާވެސް އޭނާ ކުރަމުންދިޔަ މަސައްކަތަށް ރުޖޫއަވި އެވެ. އެހެންކަމުން ޝާވިންވެސް އިރުކޮޅަކު އިވާންއާ ވާހަކަދައްކަން މަޑުކޮށްލުމަށްފަހުގައި ގޮސް ގޭތެރެއަށް ވަނެވެ. ހުސްކޮށް އޮތް ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ދެލޯ ބޭގަރާރުކަމާއެކު ހޯދަމުން ދިޔައީ ހަމަ އެންމެ ސޫރައެކެވެ.
"މަލް.." މޭޒު ދޮށުގައި ޔޫޓިއުބް ވީޑިޔޯއެއް އަޅުވާލައިގެން އިން މަލަކްއާ ގާތަށް އޭނާ ފިޔަވަޅު އަޅައިލީ ލަސްލަހުންނެވެ.
"އޯހް ހާއި.. އިވާން ކޮބާ؟ ނާދޭތަ؟" މަލަކް އާދައިގެމަތިން ފުރަތަމަވެސް އަހައިލީ އިވާން ކޮބައިތޯ އެވެ.
"އިވާން އާން.. ތަންކޮޅެއް ބިޒީކޮށް އުޅެނީ.. މަލް ކޯއްޗެއްތަ ތި ބަލަނީ؟ ހޫން.. އަބަދުވެސް ކޮންމެވެސް ކުޅި އެއްޗެއް ކެއުމުގަ ދޯ؟" މަލަކްގެ ފޯނުން އަޅުވާފައިވާ ރެސިޕީއަށާއި މޭޒުމަތީގައި އަތުރާލެވިފައިވާ ނޫޑްލްސް ޕެކެޓްތަކަށް ބަލައިލަމުން ޝާވިން ބުނެލި އެވެ.
"މި އުޅެނީ ޓްރައި ކޮށްލަން" މަލަކް ބުންޏެވެ.
"ހެހެ ޓްރައި ކުރާށޭ؟ މިވަރު ކަމެއްގަ ޔޫޓިއުބުން ޓިއުޓޯރިއަލް ބަލާ ކުއްޖަކާ މި ބަދިގެ ހަވާލު ކުރާކަށް އަހަރެންނަކަށް ލާހިކެއް ނޫން. ތި ގެނޭ ދޫންޏާ.. އަހަރެން ތިކަން ކޮށްލަފާނަން" ޝާވިން ގަމީހުގެ އަތުކުރި އޮޅައިލުމަށްފަހު އަމިއްލައަށް ކެއްކުމުގެ މަސައްކަތާ ހަވާލުވި އެވެ.
"އަޅޭ އަސްލުވެސްތަ؟ ޝޯން.. ރަނގަޅު ވައްތަރެއް ދޯ މަލްއަށް ގަނެވިފަ މިހުރީ. އިވާން ލައިކް ވާނެތަ؟"މަލަކްއަށް އުފަލުންގޮސް އިން ގޮނޑިން ތެދުވެވުނެވެ.
"ހްމްމް" ޝާވިން ބޯ ޖަހައިލި އެވެ. "މަލް އިވާންއާ ވަރަށް ގާތް ދޯ؟ މިހެން މި އެހީ އަހަރެންނާ ދިމާވާ ކޮންމެ ފަހަރަކު މަލް އިވާންގެ ވާހަކަ އަހާތީ"އޭނާ އާދައިގެ ރާގެއްގައި އަހައިލި އެވެ.
"ޔެސް ދެން ކްލޯޒް ވާނެތާ ދޯ" މަލަކް ކޮނޑު އަރުވައިލަމުން ބުންޏެވެ. އެއަށްފަހު އެދެމެދުގައި ހޭދަވެދިޔަ ހިމޭންކަމުގެ ސުކޫތައްފަހު އަނެއްކާވެސް ވާހަކަދައަކަން ފެށީ މަލަކް އެވެ.
"އިވާންއަކީ އަހަރެންނަށް ވަރަށް ހާއްސަ މީހެއް.. ނޭނގެ ބުނެދޭނީ ކިހިނެއް ކަމެއް.. ބައެއްފަހަރު އިވާން ފެނުނީމަ ހީވޭ އެއީ ދާނުހެންވެސް. ހަމަ އެ ސިފަ.. ހަމަ އެ އަޑު.. އެހެންވެ ވަރަށް ފަސޭހަވި އިވާންއާ ހުރިހާ ވާހަކައެއްވެސް ދައްކަން. ހިއެއް ނުވޭ އިވާންއާ ދިމާވީ އަލަށްހެންވެސް. އިޓްސް ލައިކް ހީ ހޭޒް އޯލްވޭޒް ބީން ދެއަރ އިން މައި ލައިފް. އަސްލު އިވާންއާ ދިމާވުމުގެ ކުރިން އައި ވޯޒް އެޓް އަ ވެރީ ޑާރކް ޕްލޭސް. ދާނު ނިޔާވުމަށްފަހު އައި ފެލްޓް ލައިކް އައި ވޯޒް ގޮނަ ލޫޒް އިޓް އޯލް. އެކަން އިހުސާސްކުރެވޭނެ އެކަކުވެސް އަހަރެންގެ ލައިފްގަ ނެތް.. އެހެން ހުއްޓަ އިވާން އައީ.. ހީ އަންޑަރސްޓޫޑް މީ ޝޯން.. މަލްއަށް ދިމާވާ ކޮންމެ ކަމެއްގަވެސް ރިއެކްޓް ކުރަންޖެހޭ އެންމެ ބެސްޓް ގޮތް އިވާންއަށް އެނގޭ. އައިމް ރިއަލީ ލަކީ ޓު ހޭވް ހިމް"
މަލަކް ޝާވިންއާ ހިއްސާކުރީ މީގެ ދުވަސްކޮޅެއް ކުރިން މައިރާއާވެސް ހިއްސާ ކުރިފަދަ ވާހަކަ ތަކެކެވެ. އެއާއެކު މިއަދު ޝާވިންއަށްވެސް ލިބިގެން ދިޔައީ އެދުވަހު މައިރާއަށް ލިބިގެން ދިޔަކަހަލަ ނުތަނަވަސްކަމެކެވެ. މަލަކްގެ ހިތުގައި އިވާންއަށް ހާއްސަ މަގާމެއް ހުސްވަމުން ދަނީބާއޭ ފުރަތަމަ ފަހަރަށް ސުވާލު އުފެދުނެވެ. އެ ސުވާލުން އޭނާއަށް ވާން ނުޖެހޭ އުނދަގޫތަކެއް ވާން ފަށައިފި އެވެ.
"ޔެސް.. އިވާން އިޒް އަ ގުޑް ފްރެންޑް" ޝާވިން ގަދަކަމުން ހިނިތުންވެލި އެވެ.
ގާތްގަނޑަކަށް ފަނަރަ މިނަޓުތެރޭ ކެއްކުމުގެ ހުރިހާ ކަމެއް ނިމިގެން ދިޔައިރު މަލަކްއާއި ޝާވިންގެ ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެކަމުގެ ސަބަބަކީ ޝާވިންގެ މިޒާޖަށް ވެރިވެފައިވި ބަސް މަދުކަމެވެ. ދޭތެރެއަކުން މަލަކް ބުނެލާ އެއްޗަކަށް ރައްދު ޖަވާބެއް ދިން ކަމުގައި ވިޔަސް ޝާވިންގެ ހިޔާލުތައް އަދިވެސް އެނބުރެމުން ދިޔައީ މަލަކް ދެއްކި ވާހަކަތަކުގެ ވަށައިގެންނެވެ.
"ވާއު ދިސް ލުކްސް ސޯ ގުޑް" މޭޒުމަތީގައި ބަހައްޓައިލި ތެއްޔަށް ބަލައިލުމުން މަލަކް ހަމަ ރަނގަޅަށްވެސް ކުޅު ދިޔާވި އެވެ. އޭނާ ލަހެއް ފަހެއް ނެތި ރީތި ގޮތަކަށް އެ ކާއެއްޗެހި ތަށި ތައްޓަށް އަޅައިލުމަށްފަހު ފޮޓޯ ނަގަން ފެށި އެވެ. އޭރު ޝާވިންއަށް ހުރެވުނީ މަލަކްގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމަށް ގެއްލިފަ އެވެ. މީގެ އިރުކޮޅެއް ކުރިން ހިތުގައި ރަސްކަން ކުރަމުންދިޔަ ނުތަނަވަސްކަންވެސް މިހާރު އެ ހިތުން ފިލައި ގޮސްފައިވާ ކަހަލަ އެވެ. މަލަކްގެ އެންމެ ހިނިތުންވުމަކުން އޭނާގެ ކޮންމެ އުނދަގުލަކަށް ފަރުވާ ލިބިއްޖެ އެވެ.
"ދެމީހުން މިތާ ބަދިގެ ތެރޭ ކޮން ޖަރީމާއެއް" އިވާންގެ އަޑަށް ޝާވިން ސިހިފައި ދޮރާ ދިމާލަށް ބަލައިލި އިރު މަލަކްވެސް ފޯނު މޭޒުމަތީގައި ބާއްވައިލި އެވެ.
"މަލް މާ މީރު ނޫޑްލްސްގަނޑެއް ކައްކައިގެނެއްނު މި އުޅެނީ"ޝާވިން ގޮނޑިއެއް ދަމައިލަމުން އިށީނެވެ.
"އައްދޭ. މަލްތަ ކެއްކީ؟ އަހަހަހަ. މައިއަށްވުރެ ރަނގަޅު ދޯ ޝޯން؟"އިވާން ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ޝާވިންވެސް އެ ހުނުމުގައި ބައިވެރިވި އެވެ.
"ނޫން އަހަރެން ހަމައެކަނި ހެލްޕް ވީ. ބޭނުންތަ ރަހަ ބަލަން؟"އިވާން ސިންކުން އަތް ދޮވެލައިގެން އައިސް މަލަކްގެ ގާތަށް ހުއްޓިލުމާއެކު މަލަކް ތަށިން ނެގި ނޫޑްލްސްގެ ސުވާއެއް އިވާންގެ އަނގަޔާ ދިމާކޮށްލި އެވެ. ސަކަރާތުގައި ޖެހެވިފައި ހުރިވަރުން އިވާންވެސްމާ ބޮޑު ވިސްނުމަކާނުލައި މަލަކްގެ އަތުން އެ ސުވާ ރަހަ ބަލައިލި އެވެ. އެއީ އެއްވެސް މާނައެއް ނެތް ގޮތަކަށް ހިނގައިދިޔަ ހަރަކާތެއް ނަމަވެސް އެ މަންޒަރު ވީ ޝާވިންއަށް ބަލަން ފަސޭހަ މަންޒަރަކަށް ނޫނެވެ. އޭނާ އަވަސް އަވަހަށް އެމީހުންނާ ދުރަށް މޫނު އަނބުރައިލި އެވެ. އޭރު އޭނާގެ ދެ ބުމަ ވަނީ ގޮށްޖެހިފަ އެވެ. ގޮތް ނޭނގޭ ބީރައްޓެހި އިހުސާސަކުން ނަފްސުގެ ހަމަޖެހުން ނަގައިލެވިއްޖެ އެވެ. ކާހިތްވެސް ކެނޑުމާއެކު އޭނާ ގޮނޑިން ތެދުވީ އިތުރަށް އެތަނުގައި މަޑުކުރުމުގެ ހިޔާލު ދޫކޮށްލަމުންނެވެ.
"ޝޯން؟ އޭ ނުކައިތަ ދަނީ؟" އިވާން ގޮވައިލި އަޑު އިވުނެވެ. ޝާވިން ފަސް އެނބުރުމަކާ ނުލައި "ބިޒީވީ" ކަމަށް ބުނެ އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލި އެވެ.
ޝާވިންއަށް ސައިކަލަށް އަރައި ގެއާ ދިމާލަށް ދުއްވައިލެވުނީވެސް ފުދޭ ވަރަކަށް ބާރަށެވެ. އާންމުކޮށް ދެތިން މިނަޓުތެރޭ ކަޑައްތު ކުރާ ރާސްތާ މިނެޓެއްހާއިރު ތެރޭ ކަޑައްތު ކޮށްލުމަށްފަހު ގެއަށް ވަދެގެން ދިޔައިރު ފެންޑާގައި އިން އާޝިޔާވެސް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. ގޭގެ ފާރުތަކަށް ގުޑުން އަރައިގެންދާހާ ބާރަށް ކޮޓަރީގެ ދޮރުފަތް ލައްޕައިލި އެވެ. ނޭވާ ހާސްވެގެން އުޅޭ މީހަކު ފަދައިން ލައިގެންހުރި ގަމީސް ހަށިގަނޑާ ވަކިކޮށްލުމަށްފަހު ދުރަށް ހޫރައިލަމުން ކޮޓަރީގެ ދެކޮޅަށް ހިނގަންފެށި އެވެ. އެވަގުތު ޖީބުގައި އޮތް ފޯނުން އެލާރމެއްގެ އަޑު އިވެން ފެށުމާއެކު ޝާވިން އެނދުމަތީގައި އޮތް ލެޕްޓޮޕް ނަގައި އޭގެއިން އަންނަމުންދިޔަ ކޯލަކަށް ޖަވާބު ދިނެވެ.
"އަހަރެން މި ލެސަންތަކަށް ޖޮއިން ކުރާކަށް ބޭނުމެއް ނޫން. އިޓް.. އިޓްސް ނޮޓް އިފެކްޓިވް. އައި ވޮނަ ކެންސަލް" ސްކްރީނުން ފެންނަމުންދިޔަ ކުއްޖާއަށް އެއްޗެކޭ ނުބުނެވެނީސް ޝާވިން ވާހަކަދެއްކި އެވެ. މަލަކްގެ ނަފްސާނީ ހާލަތު އިތުރަށް ދެނެގަތުމަށް ހިތުގައި އުފެދުނު ޝައުގުވެރިކަމުގައި އޭނާ އެކަމާ ގުޅޭ އޮންލައިން ކިލާހެއް ނަގަން ފެށިތާ އަދި މިވީ އެންމެ ދެތިން ދުވަހެވެ. "ކޮބާ ބޭނުމަކީ؟ ޝީ ޑަޒަންޓް އިވަން ސީ މީ"ޝާވިން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ.
"ޝާވިން؟ ހުރިހާ ކަމެއް ރަނގަޅުތަ؟ އަހަރެންނަށް ހީވަނީ މިވަގުތު މާ ރުޅި އައިސްފަހެން ތިހިރީ" ސެޝަން ނަގައިދެމުންދިޔަ ކުއްޖާ ބުނެލި އަޑު އިވުނެވެ. "ދިސް ގަރލް މަސްޓް ބީ ރިއަލީ ސްޕެޝަލް ޓު ޔޫ"
"ނޯ ނޯ އެއީ.. އެއީ.." ޝާވިން ކުއްލިއަކަށް އެނދުން ތެދުވެ ލެޕްޓޮޕުގެ ސްކްރީނަށް ނަޒަރު ހުއްޓައިލި އެވެ. "ވަޓް؟ ވަޓް އޭމް އައި ސެއިންގް؟ ވައި އޭމް އައި އެކްސްޕްލެއިނިންގް ދިސް ޓު ޔޫ؟ އަހަރެން މި ބުނީނު ދެން އިތުރު ލެސަންއެއް ބޭނުމެއް ނޫނޭ. ޕޭމެންޓްގެ ކަންތައް މިއަދު ހަމަޖައްސާނަން"ޝާވިންއަށް ރުޅި އާދެވުނެވެ. ލެޕްޓޮޕް ލައްޕައިލުމަށްފަހު އަނެއްކާވެސް ކުރިން އޮތްހެން އެނދުގައި އުއްޑުން އޮށޯވެލި އެވެ.
ލޯ މަރާލައިގެން އޮތްއިރު މީހާ ހަމަޖެހެމުން ދިޔަވަރަކަށް ޝާވިންއަށް ދިޔައީ އޭނާގެ އަމިއްލަ އަމަލުތަކާމެދު ސުވާލު ކުރެވެމުންނެވެ. އޭނާއަކީ މިޒާޖުގައި ރުޅިގަދަ މީހެއް ނޫނެވެ. ވަކިން ހާއްސަކޮށް އުމުރުގެ މިހާ ހިސާބަށް އައިއިރު ދުވަހަކުވެސް އިވާންދެކެ ރުޅިއައިސް އިވާންއާމެދު ހަސަދަވެރި ވެވިފައެއް ނެތެވެ. ނަމަވެސް އިވާންއާއި މަލަކްގެ ގާތްކަން ފެނި އޭނާގެ ހިތުގައި މިވަނީ ނިއްވާލަން ދަތި ރުޅީގެ ގިންޏެއް ރޯވެފަ އެވެ. އެ ރުޅިމަތީގައި އޭނާއަށް އިވާންމެންގެ ގެއިން ނުކުމެގެން އާދެވުނުއިރު، މީގެ އިރުކޮޅެއް ކުރިން ސެޝަން ނަގައިދޭން ގުޅި ކުއްޖާއަށްވެސް އެ އަމާޒު ކޮށްލެވުނީ އެ ރުޅިވެރިކަމެވެ. އެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަންވެސް އޭނާއަށް އެނގެއެވެ. އޭނާގެ ރުޅި ހައްގުވާވަރުގެ ކަމެއް އެ ތިން މީހުންކުރެ އެކަކުވެސް ނުކުރެ އެވެ.
ކޮންމެއަކަސް ހަލަބޮލިވެފައިވާ ސިކުނޑިއަށް ލުޔެއް ހޯދުމަށްޓަކައި ޝާވިންއަށް ފެނުނު އެންމެ ރަނގަޅު ހައްލަކީ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ޢަރަގުވެގަތުމެވެ. މަލަކްގެ މެސެޖުތަކާއި އިވާންގެ ކޯލުތަކަށް ޖަވާބުދިނުން މަދުކޮށްލި އެވެ. އެމީހުން ތިބޭ ތަންތަނަށް ގޮސް އުޅުން މުޅިންހެން ހުއްޓައިލީ އެފަދައިން ކަންތައް ކުރުމުން ހިތުގައި އުފަންވާން ފަށާފައިވާ ބީރައްޓެހި އިހުސާސްތަކުގެ ކުރި މަރައިލެވޭނެ ކަމަށް ހީކުރަމުންނެވެ. އެހެނަސް އެމީހެއްގެ ގަދަރުގައި ލައްވާފައިވާ ކަމަކަށް ހުރަސް އެޅޭނީ ކާކަށް ހެއްޔެވެ؟ އެ އިހުސާސް ދިޔައީ ދުވަހެއް ދުވަހަކަށް ޝާވިންގެ ހިތު ތެރޭގައި މޫލައި ފޯދެމުންނެވެ. މަލަކްގެ މެސެޖުތަކަށް ރައްދު ނުދީ ހޭދަވަމުންދާ ކޮންމެ މިނަޓަކާއެކު އަނިޔާ ލިބެމުން ދިޔައީ އޭނާގެ ހިތަށެވެ. ދެދުވަސް ވަންދެން އަޅާނުލައި ހުރުމަށްފަހު އޭނާގެ ހިތަށް ކެތް ނުވެގެން މަލަކްގެ ޗެޓު ހުޅުވައިލި އެވެ. އޭގަށް އެންމެ ފަހުން މަލަކް ފޮނުވާފައި އޮތް މެސެޖުގައި ވަނީ ފެހި ކުލައިގެ ހިތެކެވެ.
ޝާވިންއަށް މަލަކް އެ އަހަނީ ކީކޭކަން ނަގައިގަނެވުނެވެ. މަލަކް އެ މަސައްކަތް ކުރަނީ އޭނާ ހުރީ ރުޅި އައިސްފައިތޯ އޮޅުން ފިލުވުމަށެވެ. ޝާވިން މެސެޖެއް ލިޔެލުމަށްޓަކައި ކީބޯޑުގެ މަތިން އިނގިލިތައް ހިންގައިލި ނަމަވެސް އެ ހިޔާލު ދޫކޮށްލަމުން މެސެޖު ފޮހެލި އެވެ. އަދި ހަމައެކަނި ވަރުބައްޔޭ ބުނެ ފަރު ޖައްސައިލުމަށްޓަކައި ނޫކުލައިގެ ހިތެއް ފޮނުވައިލުމަށްފަހު ފޯނު ޖީބަށް ލަމުން ސައިން-އައުޓް ވެލާފައި އޮފީހުން ނުކުތެވެ. އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަށެވެ. އެހެނަސް ގެ ހުންނަ މަގާ ނުހަނު ގާތަށް އާދެވިފައި ވަނިކޮށް ޝާވިންއަށް ސައިކަލުގެ ދުވެލި މަޑުޖައްސައިލަން ޖެހުނީ ރީތި ވަރަކަށް ގަޔަށް ހިފާލާފައިހުރި ފިޔާތޮށި ކުލައިގެ ކުރުތާ ހެދުމެއްގައި ތަންކޮޅެއް ދުރުން ހިނގާފައި ދިޔަ އަންހެން ކުއްޖާ ފެނުމުންނެވެ. އެކުއްޖާގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑު ފަހަތުން ފެނުމާއެކު ފަހަތުން ޝާވިންއަށް އެއީ މަލަކްކަން ޔަގީންވާކަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. މަލަކް ގޮސް އެ މަގުގައިހުރި ފިހާރައަކަށް ވަނުމުން އޭނާ މަލަކްއަށް ފާރަވެރިވަމުންގޮސް މަގުގެ ކަންމައްޗަކަށް ސައިކަލު ހުއްޓައިލި އެވެ. އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިހުރި ފިހާރައެއްކަމުން މަލަކްގެ ހަރަކާތްތައް އޭނާއަށް ފެނެ އެވެ.
މަލަކް އޭނާ ގަންނަން އައި ސާމާނު ފިހާރައިގެ ތެރެއިން ހަމަކޮށްލުމަށްފަހު ކައުންޓަރާ ހަވާލުކޮށްލި އެވެ. ކައުންޓަރުގައި އިން ކުއްޖާ އެއަށް އަގު ހަދަންފެށި ވަގުތު އާދައިގެ މަތިން ފޯނަށް ބަލައިލީ ޝާވިންގެ މެސެޖެއް އައިސްފައި އޮވެދާނެ ކަމަކަށް ނޫނެވެ. އެކަމަކު އެ ނޮޓިފިކޭޝަން ފެނުމާއެކު އޭނާ މޫނު ވަގުތުން އުޖާލާވި އެވެ. އަވަސް އަވަހަށް އިތުރު މެސެޖެއް ފޮނުވައިލުމަށްފަހު ގަތް އެއްޗެއްސަށް ފައިސާ ދައްކާފައި މަލަކް ފިހާރައިން ނުކުތެވެ. ޝާވިންގެ ރައްދު މެސެޖެއްގެ އިންތިޒާރުގައި ފޯނަށް ތަތްކޮށްލައިގެން ހުރެ އެވެ. އޭނާގެ ދެލޯ ފޯނާ ވަކިކޮށްލީ ފިހާރައާ ޖެހިގެންހުރި ގޭގެ ބޭރު ޖޯލީގައި ކުޑަ ކުއްޖަކު ގޮވައިގެން ނުކުމެ އިން އަންހެނަކު ފެނުމުންނެވެ. މަލަކްވަނީ ފިހާރައަށް ވަނުމުގެ ކުރިންވެސް އެ ތުއްތު ކުއްޖާއާ ވާހަކަދެއްކުމަށް އެތަނުގައި މަޑުކޮށްލައިފަ އެވެ. މިފަހަރު އޭނާ އެކުއްޖާ ގާތަށް މަޑުކޮށްލުމަށްފަހު ކޮތަޅުން ނެގި ލޮލީޕޮޕެއް އެކުއްޖާއަށް ދިއްކޮށްލައިފި އެވެ. ހީވާގޮތުން އެއީ އޭނާ ފިހާރައިން އެއްޗެހި ގަތްއިރު އެކުއްޖާއަށް ގަނެދިން ހަދިޔާއެކެވެ.
މަލަކް އެކުއްޖާގެ ކޮލުގައި ލޯބިން ކޮށްޓައިލުމަށްފަހު ދުރަށް ހިނގައިގަތުމުގެ ކުރިން އަދިވެސް އެއްފަހަރު ފޯނަށް ބަލައިލި އެވެ. އޭނާ އެ ތުއްތު ކުއްޖާއާއެކު ޖަހަމުންދިޔަ ސަކަރާތަށް ގެއްލި ހިނިތުންވުމެއްގައި އިން ޝާވިންއަށް ހޭވެރިކަމެއްވީ އެހިސާބުންނެވެ.
"ތި ގެއަށް މި ދަނީ" މަލަކް ފިހާރައިގައި ހުރެ ކުރި މެސެޖަށް ރިޕްލައި ކުރުމުގެ ބަދަލުގައި ޝާވިން ސައިކަލު އަނބުރައިލީ އިވާންމެންގެ ގެއަށް ދިޔުމަށެވެ. އެވަގުތު އަމިއްލަ ގެއަށް ގޮސްފިނަމަ މަލަކްއާ ދިމާވާނެކަން އެނގޭތީ އެވެ. އޭނާގެ ބަސްނާހާ ހިތާއެކު މަލަކްއާ ބައްދަލުކުރަން ޝާވިން އަދިވެސް ތައްޔާރު ނޫނީ އެވެ.
"އޭ ކޮންތާކު؟" އިވާންމެން ގޭގެ މައި ދޮރާށިން އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ޝާވިން އިވާންއަށް ފޯނުކުރި އެވެ.
"މިއޮތީ" އުނދޯލިގޭގައި ބަހައްޓާފައިހުރި ޖޯއްޔެއްގައި އޮތް އިވާން އަތް ހިއްލާލައި ޝާވިންއަށް ހަނާ އަޅައިލި އެވެ. "އާދެވޭވަރު ވެއްޖެ ދޯ" އޭނާ ޖެއްސުމުގެ ރާގެއްގައި ބުނެލި އެވެ. ޝާވިން ހިނިގަނޑެއް ޖަހައިލުމަށްފަހު އެތަނުގައިހުރި އުނދޯއްޔަށް ވެއްޓިގަތެވެ. އެދެމެދުގައި މާގިނަ ވާހަކަތަކެއް ދައްކާކަށް ނޫޅުނެވެ. ދެމީހުންވެސް ފޯނަށް ގެއްލިފައި ތިބީއެވެ.
"ހެހެހެ. މި ނާއިލް ނޫޅެއޭ މިކަން ދޫކުރާކަށް ހަމަ. އަހަރެން ހުވާ ހިތަށް އަރާ އަންހެނަކު ފެންނައިރަށް މީނައަށް ކިހިނެއްހޭ މި ވަނީ. އަދި މަލްއާ އަލަށް ވާހަކަވެސް ދެއްކީކީ ނޫންވިއްޔަ" އެ ދެމެދަށް ވެރިވެފައިވި ހިމޭންކަން ކަނޑުވައިލަމުން އިވާން ވާހަކަދެއްކި އެވެ.
"ވާހަކަ ނުދެއްކިޔަސް.. މަލްއަކީ ކޮންމެ ކޮންމެ އަންހެނެއް ނޫނެއްނު. ނުކާހިކު ރީތި އެހާ ހިތްހެޔޮ އަދި ހިތްތިރި ކުއްޖެއް. މި ހުރިހާ ސިފަ އެއްކުއްޖެއްގެ ގައިން ވަރަށް ނުފެންނާނެ" ޝާވިން އެހެން ބުނެލިއިރު އޭނާގެ ހަނދާނުގައި އެނބުރެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން މަލަކް ފިހާރައިގެ ކައިރިން ދިމާވި ތުއްތު ކުއްޖާއާއެކު ސަކަރާތް ޖަހަން ހުރި ގޮތެވެ. ނުވެސް ދަންނަ އެ ކުއްޖާއަށް ހަދިޔާ ގަނެދީ އެކުއްޖާ އުފާކޮށްލަން ކުރި މަސައްކަތެވެ. އެކަމުންވެސް ޝާވިންއަށް ސާފުވީ މަލަކްގެ ބޭރުފުށުގެ ރީތިކަމާ އެއްވަރަށް އެ ހިތްވެސް ރީތިވެފައި ހެޔޮކަމެވެ. ވީއިރު، އެ އޯގާތެރިކަން ދުރުން ނަމަވެސް ފެންނަ މީހެއްގެ ހިތް މަލަކްގެ މައްޗަށް ނުލެނބޭނީ ކިހިނެއް ހެއްޔެވެ؟
"ދެން ނޭނގެ ދޯ. އެވާހަކައެއް ނޫނޭ. ލީންގެ އުފަން ދުވަހޭ މާދަމާ. ޝޯން މިފަހަރު އަހަރެންނަށް ހަނދާންވެސް ނުކޮށްދެމެއްނު" އިވާން ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ބުންޏެވެ.
"އާނ އަހަރެންވެސް.. ހަނދާން ނެތުނީއޭ.." ފޯނުން ފެންނަމުންދިޔަ ދުވަހުގެ ތާރީހަށް ބަލައިލެވުނުއިރު ޝާވިންގެ ނިތަށްވެސް ރޫ ގިނަވެލި އެވެ.އައިލީންގެ އުފަންދުވަސް އޭނާގެ ހަނދާނުން ކައްސައިލިކަން ހުދު އޭނާއަށްވެސް ގަބޫލު ނުކުރެވުނެވެ. އެކަމަކު ހަނދާން ވާނީވެސް ކިހިނެއް ހެއްޔެވެ؟ އައިލީންގެ ހަނދާނަކަށް ޖާގަ ދެވޭ ވަރަށްވުރެ ބޮޑަށް މަލަކްއާމެދު ކުރެވޭ ފިކުރުތައް ވަނީ އޭނާގެ ހިތާއި ސިކުނޑި ހިސާރު ކޮށްފަ އެވެ.
"ހެހެ ހާދަ ނުވާ ކަމެކޭ ތިއީ. ލީން މިފަހަރު ނައިމަ ހިތްހަމަ ނުޖެހިފަ ދޯ ތި ހުންނަނީ" އިވާންއަށް އަހައިލެވުނެވެ.
"ނޫނޭ. އެއްވެސް ވަރަކަށް ލީންދެކެ ހިތްހަމަ ނުޖެހިފައެއް ނޫން.. ޑިވޯރސްވި ވާހަކަ ބުނީމަ ވަރަށް އުއްމީދު ކުރިން ރަށަށް އަންނާނެކަމަށް. މިފަހަރުވެސް އަންނާނެ ކަމަށް ވިސްނައިގެން ހުރީ.. އެކަމަކު ލީން ބޭނުމެއް ނުވޭތާ ދޯ؟ ލިބެން ނެތް މީހަކު ގަދަކަމުން ހޯދާނީ ކިހިނެއް؟ ލީން ގެއްލުނީމަ އެއްފަހަރު އެކަން ޓޮލަރޭޓް ކުރެވުނަސް ދެވަނަ ފަހަރަށް ވާނެހެން ހިއެއް ނުވޭ. އެހެންވެ މި ހުންނަނީ ލީން ރެޑީވެގެން ނާންނަހާ ހިނދަކު އެކަމަށް އިސް ނުނަގަންވެސް" ޝާވިން އިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ. އިވާން ވަނީ އައިލީންއަށް ދިމާވި ކަންތައް ފޯނުގެ ޒަރިއްޔާއިން ޝާވިންއާ ހިއްސާކޮށްފަ އެވެ. އެހެނަސް ނަދާލްގެ ވާހަކަ ޝާވިންއާ ހިއްސާ ކުރާނެ ގޮތެއް ނޭނގޭތީ އޭނާ އަދިވެސް އެވާހަކަ ބޭއްވީ ސިއްރެއްގެ ގޮތުގަ އެވެ. އައިލީންގެ ހަޔާތަށް އިތުރު މީހަކު އައިސްފި ކަމަށްބުނެ ރަހްމަތްތެރިޔާގެ ހިތް ހަލާކު ކޮށްލަން އިވާން ބޭނުން ނުވީ އެވެ. އަދި އެކަންތައް ނިމޭނެ ގޮތެއްވެސް އޭނާއަށް ބުނަން ނޭނގޭތީ އެވެ.
"އަދިވެސް ލޯބިވޭ ދޯ ލީންދެކެ" އިވާން ޔަގީންކުރުމުގެ ގޮތުން އަހައިލި އެވެ.
ޝާވިންއަށް ވިސްނައިލަން މަޖުބޫރުވި އެވެ. މީގެ ހަފްތާއެއް ކުރިން އިވާން އެ ސުވާލު ކުރިނަމަ އޭނާއަށް އެއްވެސް ޖެހިލުމަކާނުލައި އޭގެ ޖަވާބު ދެވުނީހެވެ. އެހެނަސް މިއަދު އެ ސުވާލަށް ޖަވާބު ދޭން އޭނާއަކަށް ފަސޭހައެއް ނުވި އެވެ.
"ކީއް ކުރާނީ.. ލީންވެސް މޮޔައީ އޭ" ޝާވިންގެ ހިމޭންކަން އިވާންއަށް ނެގުނީ އާނ ބަހެއްގެ ގޮތުގަ އެވެ.
"ދެން އެވާހަކަ ނުދައްކާ.. ރަނގަޅެއްނު އެ ފެމިލީއިން ލީންއަށް އަދިވެސް ބަލާކަން. ޔަގީން ދޯ އެ މައިޝާން އެ ގެއަކު ނޫޅޭކަން؟" ޝާވިން ބޭނުންވީ ވާހަކައިގެ މައުލޫ ބަދަލު ކޮށްލާށެވެ.
"ހްމްމް. އަހަރެން މަލްގާތަށް އެ ގެއަށްގޮސް އުޅޭއިރުވެސް ދުވަހަކުވެސް ނުފެނޭ އޭނައެއް. އޭނަ އުޅެންޏަކާ ލީންވެސް ނޫޅޭނެއެއްނު އެ ތަނަކު" އިވާން ބުނެލި އެވެ. އޭނާއަށް ހަގީގަތުގައި އޮތް ޔަގީންކަމަކީ މައިޝާން އެ ގޭގައި އުޅޭނަމަ ނަދާލް އައިލީން އެ ގޭގައި ނުބަހައްޓާނެކަމުގެ ޔަގީންކަމެވެ.
"އައްދޭ.. މަލް ގާތަށޭ؟ މަލްއޭ ކިޔައިގެން ބަހަނާ ދައްކާފަ އަސްލު މައި ގާތަށަ ދޯ ދަނީ؟" ޝާވިންގެ އަޑަށް ސަމާސާގެ އަސަރު ވެރިވި އެވެ.
"ނޫނޭ ހަމަ އަސްލުވެސް މިފަހުން އެގެއަށް ގޮސް އުޅެނީ ހަމަ މަލްއާ އެއްކޮށް ޓައިމް ސްޕެންޑް ކުރަން. ގިނަ ދުވަސް ދުވަހު މައިރާ ނުވެސް އުޅޭނެ" އިވާން ބުނެލި ވާހަކައިން ޝާވިންގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔަ އެވެ. މަލަކްއާއި އިވާންގެ ގުޅުން ހަގީގަތުގައިވެސް އެހާ ގާތްކަން ގަބޫލުކުރަން އޭނާ ބޭނުން ނުވީ އެވެ.
"ބުނީމަ ގަބޫލު ކުރަންތާ ޖެހޭނީ. ދެން ކޮން އިރަކުންތަ ތި އިސްތަށިގަނޑާ އެއްޗެހި ކޮށަނީ. މިހާރު ހީވަނީ.." ޝާވިން އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރި އެވެ.
"ހެހެ. ދާނުހެން ދޯ. ދެން ޝޯންއަށް ކޮން އުނދަގުލެއްތަ އަހަރެންގެ އިސްތަށިގަނޑާހުރެ" އިވާން ބުންޏެވެ.
"އަހަރެންނަކަށް އުނދަގުލެއް ނުވެޔޭ.. އެކަމަކު އުނދަގޫވާ މީހުންވެސް އުޅެދާނެއެއްނު" ޝާވިންއަށް މަޑުމަޑުން ބުނެލެވުނެވެ. އޭނާއަށް ވިސްނުނު ގޮތުގައި މަލަކް ދުވަހެއް ދުވަހަކަށް އިވާންއާ ގާތްވަމުންދާ ސަބަބަކީ އިވާންގެ ސިފައިގައި ހުންނަ އިދާންއާ އެއްގޮތް ކަމެވެ. އެކަން މުޅިން ބަދަލު ކުރުމަކީ އިވާންގެ އިޙްތިޔާރުގައި އޮތްކަމެއް ނޫންނަމަވެސް ކުރިއެކޭ އެއްގޮތަށް އިދާންއާ އިދިކޮޅު، މުޅިން އައު "ސްޓައިލެއް" ހޯދުމަށް އިވާންއަށް މަސައްކަތް ކުރެވިދާނެ ނޫން ހެއްޔެވެ؟
"ދެން ތިކަމާވެސް އުޅެންވީ. ކޮބާ ހިނގާ ކޮފީއަކަށް" އިވާން އޭނާ އިން ޖޯލިން ތެދުވެ ކުޑަކޮށް އަތް ދަމައިލާ ކަސްރަތު ކޮށްލި އެވެ. އެއާއެކު ޝާވިންގެ ކަރު ބުޑުން ފޫހިކަމުގެ ރާގެއް ލައްވައިލި އެވެ. އިވާން އެކަމަށް ފަރުވާލެއް ނުދީ ގަދަކަމުން ކަހަލަ ގޮތަކަށް ޝާވިން އުނދޯލިން ނަގައިގެންގޮސް ގެއިން ބޭރަށް ނުކުތެވެ.
***********
ނިދިފައި އޮތް އައިލީން ކަންނެތްކަމާއެކު އެސްފިޔަތައް ތަޅުވައިލަމުން ލޯ ހުޅުވައިލި އެވެ. ކައިރީގައި އޮތް ފޯނުން ގަޑި ބަލައިލުމާއެކު މެންދުރުވާން ގާތްވެއްޖެކަން އެނގުމުން އިތުރަށް ނިދަން އޮތުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލި އެވެ. ކޮޓަރީގައިވާ ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއަށް ލޯ ހާނައިލަން އިނުމަށްފަހު ދުވަސް ފެށުމަށް ތައްޔާރުވި އެވެ. ފެންވަރާލައިގެން ނުކުމެ ގޭތެރޭގައި އާންމުކޮށް ލައިއުޅޭ ޒާތުގެ ކަޅު ޓީޝާޓަކާއި ހުދު ހަރުވާޅެއް ގަޔަށް މަހައިލި އެވެ. ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީގައި ހުއްޓިލުމަށްފަހު އެ ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އައިލީން އިރުކޮޅަކު އިނެވެ. މީގެ ހަތަރުމަސް ކުރިން ފަން ކުރިއިރު ކޮނޑާ ހަމައަށް އޮތް އިސްތަށިގަނޑު މިހާރު ބުރަކަށްޓާ ހަމައަށް ދިގުވެލާފައި އޮތުމުން އެ އިސްތަށިތަކުގެ ބުޑާ ދިމާލުން ވަނީ ބުޅިވާން ފަށައިފަ އެވެ. އަލަށް ފަޅަން ފަށާފައިވާ ކުރު އިސްތަށިތަކުގައިވެސް ބުޅިކަމެއް ހުއްޓެވެ.
އައިލީން ހިތްހަމަޖެހިފައިހުރެ އެ އިސްތަށިތަކުގައި ފިރުމައިލުމަށްފަހު މުޅި އިސްތަށިގަނޑު އެކީ ގެނެސް ހުޅިއެއްގައި ހައްޔަރު ކޮށްލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގެތެވެ. އޭނާއަށް އިރު އެރީ އެހެން ދުވަސްދުވަހާ އެއްވެސް ތަފާތެއް ނެތް ދުވަހަކަށެވެ. ނަމަވެސް އެހެން ދުވަސް ދުވަހާ ހިލާފަށް ކޮޓަރީގެ ދޮރުން ބޭރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެދުވަހުގެ ތަފާތުކަން އޭނާއަށް ފެންނަން ފަށައިފި އެވެ. އެހެންޏާ މަރުފަދަ ހިމޭންކަމާއި ފަޅުކަމެއް ވެރިވެފައި އޮންނަ އެޕަރޓްމެންޓަށް މިއަދު ވަނީ މުޅިން އާ ދިރުމެއް ލިބިފަ އެވެ. ޓީވީއިން އިވެމުންދިޔަ ލަވައިގެ އަޑާއި، ނޭފަތުގައި ޖެހުނު ކާ އެއްޗެހީގެ މީރުގެ ވަހުގެ އިތުރުން އެ ކެއްކުމުގައި އުޅެމުންދިޔަ ނަދާލްފެނި ފުރަތަމަ މަސައްކަތްކުރަން ފެށީ ކޮން ހިއްސެއް ކަމެއްވެސް އައިލީންއަކަށް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ ފަރިތަކަމާއެކު ބަދިގޭގައި ހަރަކާތްތެރި ވަމުންދިޔަ ނަދާލްގެ މޫނުމަތީގައިވި އުފާވެރި ހިނިތުންވުމާ ނަޒަރު ވަކިކޮށްލަން އޭނާއަށް އުނދަގޫވި ކަމެވެ. ހަމައެކަނި ކަޅުކުލައިގެ ސްވެޓްޕޭންޓެއްގައި މަތިހަށި ހާމަ ކޮށްލައިގެންހުރެ ހިޔާލެއް ފިކުރެއް ނެތި އިވެމުންދިޔަ ލަވައާ އެއްވަރަށް ބޯ ޖަހަމުން، ނަށަމުން، ކައްކަމުން ދިޔައިރު އެ މަންޒަރު އައިލީން ގެންގޮސް ބޭންދީ މާ ދުރުނޫން މާޒީއެއްގެ ތެރޭގައެވެ. ނަދާލްއާއެކު ރިސޯޓުގައި ހޭދަކުރެވުނު އެންމެ ފަހު ރޭގެ ހަނދާންތައް އާލާވާން ފެށި އެވެ. އެރޭގެ ފަހުން އެދެމެދުގައި ކަންތައްތައް ހިނގައިދިޔައީ ކޮންމެ ގޮތަކަށް ކަމުގައިވިޔަސް އެހެން ކޮންމެ އަންހެން ކުއްޖެކޭވެސް އެއްފަދައިން އެ ރެއަކީ އޭނާގެ ހަޔާތަށްވެސް އައި ބޮޑު ރެއެކެވެ. ހިތުން ކިތަންމެ ފިލުވައިލަން ބޭނުންވިޔަސް އަބަދުމެ ބިންވަޅު ނެގިފައިވާނޭ ހަނދާނެކެވެ.
އައިލީންއަށް ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައި ހުރެވެނިކޮށް ނަދާލްއަށް އެއްލި ކަޅިއަކުން އައިލީން ފެނިއްޖެ އެވެ. އޭނާ ފުޅާ ހިނިތުންވުމެއްގައިހުރެ އައިސް އައިލީންގެ އަތުގައި ހިފައިލި އެވެ.
"ނަދާލް އައި ޑޯންޓް ވޯންޓް ޓު ޑާންސް" އައިލީން އެރޭގެ ހަނދާން އާކޮށްލަމުން އަވަސް އަވަހަށް ބުނެލި އެވެ.
"ލޫނާ ހުސްބަނޑާ ބަހައްޓައިގެން ނަށުވާކަށް ނޫޅެމޭ" ނަދާލް އައިލީން ގެންގޮސް ކާމޭޒުދޮށުގައި ބައިންދަމުން ބުންޏެވެ.
"ކޯއްޗެއް ކައްކަނީ؟" އައިލީންއަށް އަހައިލެވުނެވެ.
"މެރީ މީ ޕާސްޓާ" ނަދާލްގެ ޖަވާބާއެކު އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "ވަޓް؟" އޭނާގެ ހިތް ބާރުބާރަށް ތެޅިލި އެވެ.
"ހެހެ. އައިމް ޖަސްޓް ޖޯކިންގް ލޫނާ.. އިޓްސް އަ ސަޕްރައިޒް.. މައި އޯން ޑިޝް.. އޯލްސޯ.. ފްރިޖްގަ އިންނާނެ ޑިޒަރޓް. ޕްލޭޓް ކޮށްލަންވާއިރަށް އެ ނަގާދީބަ އެނގޭ؟" ނަދާލް އައިލީންއާ ދުރަށް ޖެހިލަމުން ބުންޏެވެ.
ނަދާލް އުނދުނާ ދިމާލަށް ހިނގައިގަތުމާއެކު އައިލީން އޭނާ އެދުނު ފަދައިން ގޮސް އައިސް-އަލަމާރީގެ ދޮރުފަތް ހުޅުވައިލި އެވެ. އެންމެ މަތީ ޝެލްފުން ފެށިގެން ހިންގައިލި ކަޅި އެންމެ ތިރީ ޝެލްފަށް ހުއްޓުނު ހިނދު ހުދު އޭނާވެސް ހިނދުކޮޅަކަށް ހުއްޓުން އެރި އެވެ. ނޫކުލައިގެ އެކި ޝޭޑްތަކުން އައިސިންގް ޖަހާފައިވާ ބެންޓޯ ކޭކް ފެނުމާއެކު ވަމުން މިދާ ގޮތް އޭނާއަށް ކޮންމެވެސް ވަރަކަށް ރޭކައި ލައިފި އެވެ. އެ ކޭކުގެ އެކި ދިމަ ދިމާލުގައި ހުދުކުލައިގެ ކުދިކުދި ތަރިތަކާއި މިނާތަކެއް ހަރުކުރެވިފައި ހުރިއިރު ކުޑަ ކުޑަ ހަނދު ފަޅިއެއްވެސް ފެންނަން ހުއްޓެވެ. ކޭކުގެ މެދުގައި ވަނީ ހިސާބު އަކުރުން ރީތި ގޮތަކަށް "އެކާވީސް" ޖަހައިލާފަ އެވެ.
"ކޮބާ ފެނިއްޖެތަ؟" ނަދާލްގެ އަޑަށް އައިލީން ސިއްސައިގެން ދިޔަ އެވެ. މޫނުމަތީގައިވި ހައިރާންކަމުގެ އަސަރު ފޮހެލަމުން ކޭކު ހިފައިގެން މޭޒާ ދިމާލަށް ހިނގައިގަތެވެ. އޭރު ނަދާލްވެސް ލަސް ހިނގުމެއްގައި އޭނާއާ ދިމާލަށް ހިނގާފައި އާދެ އެވެ. އޭނާގެ ދެއަތް ފުރަގަހަށްލައި ފޮރުވާލައިގެން ހުރި ގޮތުން އެ އަތުގައި ކޮންމެވެސް އެއްޗެއް އޮތްކަން އައިލީންއަށް ނަގައިގަނެވުނެވެ.
"ހެޕީ ބަރތްޑޭ ލޫނާ.." ނަދާލް އައިލީންގެ ކުރިމައްޗަށްހުއްޓިލަމުން ދިއްކޮށްލީ ނުލާއި ހުދުގެ އެކިކަހަލަ މާތަކުން ތަރުތީބު ކުރެވިފައިވާ ހިތްގައިމު ގުލްދަސްތާއެކެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ