ތެހެރާންގައި ބޭއްވި އަލް-ޤުދުސް ދުވަހުގެ ހިންގާލުމުގެ ތެރެއަށް އެމެރިކާއާއި އިސްރާއިލުން ބޮންއަޅައިފި

އީރާނުގެ ވެރިރަށް ތެހެރާންގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާކަން ހާމަކުރުމަށް ބޭއްވި އަލް-ޤުދުސް ދުވަހުގެ އަހަރީ ހިންގާލުމުގެ ތެރެއަށް އިޒްރޭލާއި އެމެރިކާގެ ހަމަލާތަކެއް އަމާޒުވެ، އެކަކު މަރުވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު ވަގުތު ތެހެރާންގެ ފިރުދައުސީ މައިދާނަށް އެއްވެ ތިބި އެތައް ހާސް ބައެއްގެ މެދުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ. މި ގޮވުންތައް އިވިފައިވަނީ އެ ސަރަހައްދަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
އީރާނުގެ ޕްރެސް ޓީވީން ބުނި ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ބުރައިގެން ދިޔަ އެތިކޮޅުތަކެއް އަމާޒުވެ އަންހެނަކު ވަނީ މަރުވެފައެވެ.
މި ހިންގާލުމުގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން އާއި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ބައިވެރިވެވަޑައިގެންނެވިއެވެ. ލަރީޖާނީ ވިދާޅުވީ އިޒްރޭލުން ބޮން އަޅަނީ ބިރުގަންނާތީ ކަމަށާއި، އީރާނުގެ ރައްޔިތުންނަކީ ވަރުގަދަ އަދި އަޒުމް ވަރުގަދަ ބައެއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި މި ހިންގާލުމުގައި "އިޒްރޭލު ހަލާކުވެދާށި" އަދި "އެމެރިކާ ހަލާކުވެދާށި" ފަދަ ޝިއާރުތައް ގޮވަމުން ދިޔައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންގެ ފޮޓޯތަކާއި ބެނާތައް އުފުލައި، ގުދުސް މިނިވަންކުރުމަށް ގޮވާލާފައިވެއެވެ.
އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,444 މީހުން މަރުވެ، 18,551 މީހުން ވަނީ ޒަޚަމްވެފައެވެ.
އަލް-ޤުދުސް ދުވަހަކީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، އާޔަތުالله ޚާމައިނީގެ އިރުޝާދުގެ ދަށުން ކޮންމެ ރަމަޟާން މަހެއްގެ ފަހު ހުކުރު ދުވަހު ފަލަސްތީނުގެ ހައްގުގައި ބާއްވަމުން އަންނަ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ