ރިޔާސީ ބަޔާން 2025: ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށްގެން – ރައީސުލްޖުމްހޫރިއްޔާ

ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރާ، ތަހުޒީބު މުޖުތަމަޢެއް ބިނާކުރަން ބޭނުންވާ ރައްޔިތެއްކަމުގައި ފާހަގަކުރައްވައި، ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މި ސަރުކާރުން ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ޕްރައިމަރީ އެޑިޔުކޭޝަން ހަރުދަނާކުރުމަށް ފަންނީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާކަމަށާއި، ކޮންޓެންޓު މުރާޖަޢާކުރުމާއި، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތައް މިއަހަރުގެ ޖަނަވަރީ މަހު ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން" ކަމުގައި ފާހަގަކުރައްވައި، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމާއި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ، އެމަނިކުފާނުގެ ވައުދެއްކަމުގައި ވިދާޅުވިއެވެ. އަދި މި ވަޢުދު ފުއްދެވުމުގެ ތެރެއިން މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު މަދުކުރުމަށް ކުރެވޭ ކަންކަމާއި ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު "ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލް" ކުދިން ޅަފަތުގެ އުމުރުފުރައިގައި ދެނެގަނެ، އުނގެނުމުގެ ތެރެއިން ދޭން ޖެހޭ ސަމާލުކަމާއި އަޅާލުން މުދައްރިސުންނަށް ދަސްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވައި، 7 އަތޮޅަކުން، 220 މުދައްރިސުން ތަމްރީނުކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުމުގެ ގޮތުން އިނގިރޭސި ބަސް ކިޔަވައިދޭ 380 ޓީޗަރުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ތަމްރީނުކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސްކޫލުތަކުގެ މާހައުލަކީ އުނގެނުމަށްފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހެއްދެވުމުގެ ތެރެއިން "ކޫލް ސްކޫލް" ޕްރޮޖެކްޓް ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން 3700 ސަރުކާރުގެ ސްކޫލަށް މި އަހަރު އޭސީ ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމަން މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ދިވެހި ކިޔަވާކުދީންގެ ތަޢުލީމަށް ހުރިހައި އުމުރުފުރާއެއްގައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދެވިފައިވާކަމަށާއި ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓްފަންޑެއް ޤާއިމުކުރައްވައި، ރިސާޗްކައުންސިލެއް އުފައްދަވައި، ރިސާޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ