ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުތައް އެމަނިކުފާނު ވަނީ ހިއްސާކޮށްދެއްވާފައެވެ.
ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްވަނީ ފަށާފައެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ރައީސް އިއްވެވި ރިޔާސީ ބަޔާނުގައިވަނީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށަހެޅިއިރު، ޕޭހަމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަ ކުރުމަށް 500 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނޭނެކަމަށް މީގެ ކުރިންވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް މިއަހަރު ބޮޑުވާނެ ކަމަށެވެ.
" އަޅުގަނޑު ވަޢުދުވެފައިވާ ފަދައިން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެންނަން ޖެހޭނެކަމަށްވެސް ޤަބޫލްކުރަން. އިރާދަކުރެއްވިއްޔާ މިއަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސަރވިސް މުވައްޒަފުންނާ ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ހާމަނައިޒްކުރެވި ބޮޑުކުރާނެ ވާހަކަ އުފަލާއެކު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ލާމާރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކަށް އެކަށޭނަ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވުމަށް އެރަށްރަށަށް ވަޑައިގެން ކައުންސިލްތަކާ އެމަނިކުފާނު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން މިހާތަނަށް އެންމެ ކައުންސިލެއް ފިޔަވާ ހުރިހާ ކައުންސިލަކާއި ބައްދަލުކުރައްވާ ދެވަނަ ފަހަރުވެސް ބައްދަލުކުރެއްވުމަށް މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
" މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ޤާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިހްތިރާމާއި ޤަދަރުދީ އެ އަޚްލާޤު އުފެއްދުމަކީ އަޅުގަނޑު ޤަބޫލްކުރާ އުޞޫލު. މި ސަބަބަށްޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު ވަނީ ކޮންޓްރެކްޓްކޮށްފައި. ހަމަ އެހެންމެ ޗައިނާގެ ހިލޭ އެހީގައި ގާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގުމަށް މިދަނީ ތައްޔާރުވަމުން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކާ އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބާރުވެރިކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ވަޒީފާއާބެހޭ ޤާނޫނާއި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަންޖެހޭ އިސްލާޙުތައް މިމަހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ލިބި ރޯދަ އެލަވެންސް ލިބުމާއި، ބޭންކުން ލޯނު ނެގުމަށް މަގުފަހިވެ ވިހެއުމުގެ ޗުއްޓީގެ ކަންކަންވެސް ހައްލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑު ކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ