ކެފޭ ބަދިގޭގައި ހިންގި މާރާމާރީ: ނޭޕާލް މީހާ ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް
މިދިޔަ އަންގާރަ ދުވަހު މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން، އޭގެ ތެރެއިން ނޭޕާލްގެ މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ އެތަނުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ މެދުގައެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އޭގެ ތެރެއިން ބަންގްލަދޭޝް މީހާއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ. އެ މާރާމާރީއާ ގުޅިގެން ނޭޕާލްގެ މީހާއަށް ވެސް ފަރުވާދިންއިރު، އޭނާ މިހާރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 24 އަހަރުގެ ސިދާތާ ގުރުންގް ކިޔާ ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރިއެވެ. އެ މުއައްސަސާއިން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މާރާމާރީގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވިޑިއޯގައި ޒަޚަމުވެފައި އިން ފިރިހެނެއް ކެފޭއެއްގައި އިން މަންޒަރު ފެންނައިރު، އެމީހާގެ އަތުގަޔާއި ގަމީހުގައި ލޭހުރި ތަން ފެނެއެވެ. އަދި ކެފޭ ތެރޭގައި އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރުވެސް އެއް ވީޑިއޯއިން ފެނެއެވެ. ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައް އިތުރުވަމުން އަންނައިރު، މިފަހުން އާޓިފިޝަލް ބީޗުގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެހެންވެ، އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން އިތުރުވާތީ، ހަމަނުޖެހުން ހިންގާ ސަރަހައްދުތައް ސިލްސިލާކޮށް މޮނީޓަރުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ