ރައީސް މުހައްމަދު މުއިއްޒުގެ މަސައްކަތްތައް ބަލައިގަނެވޭ ކަމަށާއި ގިނަ ބަޔަކު ބޭނުންވިޔަސް ހަގީގަތަކީ ގައުމުގެ އިގުތިސޯދީ ހާލަތް އޮތީ އިންޑިއާއާ ދެކޮޅު ވެވޭ ހާލަތެއްގައި ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި އަސްކަރީ މީހުން ފޮނުވާލުމަށް ފަހު ހަމަ އެ އަދަދަށް މަދަނީ ހިދުމަތްތެރިން ގެނަ އެވެ.
އެއީ ރައީސްގެ ވައުދާ އެއްގޮތަށް ނިންމެވި ނިންމެވުންތަކެއް ނޫން ކަމަށް ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ. ޔާމީނަކީ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިން ފެށި އިރު ޕީޕީއެމް/ޕީއެންސީގެ ލީޑަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ގާސިމް މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އިންޑިއާގެ އަސްކަރިއްޔާއާ ގުޅޭ ގޮތުން ސުވާލުތަކެއް ކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް އިޝާރާތް ކުރެއްވީ ދައްކަން ޖެހިފައިވާ ދަރަނިތަކަށެވެ. ހާއްސަކޮށް އިންޑިއާއަށް ދައްކަން އޮތް ދަރަނިތަކަށެވެ. ގާސިމް އެ ކަން ސިފަކުރެއްވީ އިންޑިއާ 'އަތް ގާތް ދަށުވުން" ގޮތުގަ އެވެ.
"އަޅުގަނޑުމެން މި ތިބީކީ އިންޑިއާއާ ދެކޮޅު ވެވޭ ކަހަލަ ޕޮޒިޝަނަކު ނޫން، މި ގައުމު މި އޮތީއެއް. އަޅުގަނޑުމެން ވަރަށް ކުޑަކުޑަ ބައެއް، ކުޑަކުޑަ ގައުމެއް. އެ ގޮތަށް އަވައްޓެރި [ބޮޑު] ގައުމަކާ ޖައްސަލައިގެން ލިބޭނެ ނިކަމެތިކަން މާ ބޮޑު ވާނެ. އަޅުގަނޑުމެން [އިންޑިއާގެ ބާރު ދަށް ކުރަން] ބޭނުންވިޔަސް ނުވިޔަސް،" ގާސިމް ވިދާޅުވި އެވެ.
އިންޑިއާއަށް ދިވެހި އިގުތިސޯދު ބަރޯސާވާން ޖެހޭ ހާލަތުގެ ޒިންމާ ފުރަތަމަ ނަގަން ޖެހޭނީ ކުރީގެ ތިން ސާރުކާރު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިންޑިއާއަކީ އަބަދުވެސް އަޅުގަނޑުމެން ގައުމަށް އެހީތެރިވާ ގައުމެއް. ނަމަވެސް ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރުން އެ އެހީތެރިކަން ހޯދަމުން ދިޔައީ އާމް ލެންގުތައް ބާއްވައިގެން. އެ ކަން ގޯސްކުރެއްވީ ކޮން ބަޔަކުތޯ؟ ފުރަތަމަ ރައީސް ނަޝީދު. ދެން އައި މީހާ [ރައީސް ޔާމީން]، ދެން އައި މީހާ ވެސް [ރައީސް ސޯލިހު]،" ތިން ސަރުކާރު ވެސް އުފެދުނު އިރު ސަރުކާރުގައި ބައިވެރިވެ ފަހުން ދެކޮޅުވި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިންޑިއާއާއެކީ އޮތް އަސްކަރީ އެއްބަސްވުންތަކުގަައި މައްސަލައެއް އުޅޭނަމަ އެ ކަން ބަދަލުކުރެވޭނީ ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެ ކަމަށް ވަގުތު ނަގާނެ ކަމަށާއި އެ ކަންކަމުގައި ހައްލުކުރަން ޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ރައީސް މުއިއްޒަށް ހައްލު ނުވާ ކަމަށް ނިންމަން އަދި އަވަސް ކަމަށް ވިދާޅުވި އެވެ.
މި އަަހާރައި ޖެހިގެން އޮތް2026 ވަނަ އަހަރު ދަރަންޏަށް ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހިފައިވާ މި ހާލަތުގައި ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަކީ ގައުމަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބިދާނެ ކަމެއް ކަމަށް ގާސިމް ގަބޫލުކުރައްވަ އެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަވަރު ކަން ވެސް ކުރައްވާފައިވާ ގާސިމް މިއަދު ވިދާޅުވީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވަމުންދާނަމަ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ގައުމަށް ދޭން ތިިބި ބައިނަލްއަގުމާވީ ޖަމިއްޔާތަކާއި ގައުމުތަކުން ރާއްޖެ "ބްލެކްލިސްޓް" ކުރާނެ ކަމަށެވެ.
އެހެންވެ އިދިކޮޅު އެމްޑީޕީން ގައުމު ހަަލަބޮލިވާނެ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"2026 ވަނަ އަހަރަށް 1.2 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ. ގައުމުގެ ހާލަތު ގޯސްވަންޏާ ދަރަންަށް ވެސް އެއްޗެއް ދޭނެ ބަޔަކު ނުތިބޭނެ. މި ތަން ހަލަބޮލިކުރާވަރަކަށް އެއްވެސް ފައިސާއެއް ނާންނާނެ. ބައެއް ރައްޔިތުންނަށް އިހުސާސް ވެސް ނުކުރެވިދާނެ އަޅުގަނޑުމެން ނިކަމެތިވެދާނެ ވަރު،" ގާސިމް ވިދާޅުވި އެވެ.
މި ވަރުގެ ދަރަންޏެއް ދައްކަން ޖެހޭ ކަން ރައްޔިތުންނަށް ވެސް އެނގޭ ހާލަތު ރައީސް މުއިއްޒަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފައިވާތީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރުމުގެ ގޮތުން ވެސް ސިޔާސީ މަސްރަހު ހަލަބޮލިކޮށް ބާއްވަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެެވެ.
"ދެން އަޅުގަނޑުމެން އެހެން ޕާޓީތަކަށް ލިބޭ ހައްގެއް ނޫން އެއީއެއް ގައުމު ފަސާދަ ކުރުމެއް. މި ކަހަލަ ހަޑިމުޑުދާރު ކަމެއް ވިއްޔާ އެމްޑީޕީން ފުރަތަމަ ކުރާ ތަން އަބަދުވެސް ފެންނަނީ. ކޮންމެ ސަރުކާރަކު ވެސް ފެނޭ އޭރަކު އިދިކޮޅުގައި ތިބޭ ބަޔަކު މިހެން ނުކުންނަ ތަން ވެސް. އެކަމަކު ވެސް މި ވަގުތު ގައުމުގެ ހާލަތު ޖާގައެއް ނުދެއޭ އެފަދަ ކަންކަމަކަށް."
އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު މަސައްކަތްތަކެއް ކުރައްވާ މަންޒަރާއި ކަންކަން ރަނގަޅު ކުރުމަށް އެމަނިކުފާނުގެ ނިޔަތެއް އޮތް ކަން ފެންނަ ކަމަށް ގާސިމް ވަރަށް ގިނައިން ތަކުރާރުކޮށް މިއަދު ވިދާޅުވި އެވެ. އަދި އެއީ ގާސިމްގެ ހިތުގައި ރައީސް މުއިއްޒަށް އޮތް ތައުރީފެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ގިނަ ކަންކަން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރައްވަން އެބަ އުޅުއްވައޭ. ކޮރަޕްޝަންގެ ކަންކަން ފެންމަތިވުމުން ވެސް އެ ތުހުމަތު އޮންނަ މީހަކަށް ފިޔަވަޅުތަކެއް ވެސް އެބަ އަޅުއްވާ. އެއީ އަޅުގަނޑުގެ ހިތުގެ ތެރޭގައި އޮތް ތައުރީފެއް،" ގާސިމް ވިދާޅުވި އެވެ.
ރައީސްގެ މަސައްކަތްތައް ބަލައިގަނެވޭ؛ މި ތިބީ އިންޑިއާއާ ދެކޮޅު ވެވޭ ހާލަތަކު ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ