މޭރީ މަރައިލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރައިލުމުގައި ބައިވެރިވިކަން ސާބިތުވެފައިވާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ލަމްހާގެ އިތުރުން އޭނާގެ އޭނާގެ ލޯބިވެރިޔާ / މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ.ދަންޖެހިގެން ހަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.އެ މައްސަލައިގައި މޭރީ މަރާލި ކަމަށް މާވިންގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނީ ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެ އަމަލު ހިންގާފައިވާތީ އެވެ. ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. ލަމްހާގެ މައްޗަށް ސާބިތުވީ މޭރީ މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެހެންވެ، މިއަދު އޭނާއަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހުގެ ޖަލު ހުކުމުގެ އަދަބާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް ގާޒީ އިއްވެވި އެވެ. މޭރީ މަރާލުމުގުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވީ އޭނާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހެޅި ފަހުންނެވެ. އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހެޅި އެވެ.ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.މޭރީ މަރައިލުމުގެ ކުށް ސާބިތުވެފައިވާ އޭނާގެ ފިރިމީހާ، މާވިން ވެސް 25 އަހަރަށް ޖަލަށްލާން ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ