އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޕިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) ޢުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، 19 އޮކްޓޫބަރު 2021 ގައި އޭނާ މަރާލާފައިވާކަމަށް ބުނެއެވެ. އެގޮތުން، މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.
މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ކަނޑައެޅި ނަމަވެސް، އަދަބު ކަނޑައެޅުން ފަސްކޮށްދިނީ އޭނާ އެދިގެންނެވެ. އެގޮތުން، މިއަދުގެ ޝަރީޢަތުގައި އަދަބާމެދު ވާހަކަދައްކަމުން، މާވިންއަކީ އަނިޔާ ލިބުނު މީހާގެ ފިރިމީހާ އަދި އަނިޔާ ލިބުނު މީހާގެ ދަރީގެ ބައްޕަގެ އިތުރުން ނަރުހެއް ކަމަށާއި އަދި މޭރީ މަރާލުމުގެ ޢަމަލުގައި ރަހުމެއް، ކުލުނެއް، ހަމްދަރުދީއެއް ނެތްކަން ފާހަގަކޮށް ދައުލަތުން އެދުނީ މާވިންގެ އަދަބު އަށް ދަރަޖަ މަތިކޮށް، 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްދިނުމަށެވެ.
އޭނާގެ މައްޗަށް އުފުލި، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށްވާއިރު، އޭނާގެ ފަރާތުން މިއަދު ކޯޓުގައި އެދުނީ އެ ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ މާވިންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކޮށް، 25 އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށެވެ. އޭގެ ސަބަބެއް ކަމަށް ގާޒީ މުޒަންމިލް ފާހަގަކުރެއްވީ، މޭރީ މަރާލުމަށްފަހު އެ ޢަމަލު ފޮރުވުމަށް މަސައްކަތް ކޮށްފައިވާތީއާއި މޭރީ މަރާލުމުގެ ޢަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިޙުތިރާމެއްނެތި ކަމަށްވާތީ ކަމަށެވެ.
އެ މައްސަލާގައި މާވިން ބަންދުގައި ހުންނަތާ ހަތަރު އަހަރާއި ހަ މަހާއި 4 ދުވަސް ވެފައިވާތީ، ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހުގެ ޖަލު އަދަބެކެވެ.
މި މައްސަލާގައި މާވިންގެ އިތުރުން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ލަމްހާގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، އޭނާގެ މައްޗަށްވެސް މިއަދު އަދަބު ކަނޑައަޅަން ވަނީ ހަމަޖެހިފައެވެ.
މޭރީގެ މަރުގެ މައްސަލަ: މާވިން ޢުމުރަށް ޖަލަށްލާން ޙުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ