ކުރިން ވި ވައުދުތައް ނުފުއްދައި އާ ވައުދުވުމަކީ ރައީސްގެ ޒިންމާއަށް އިހުމާލުވުން: ޝާހިދު
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވިއިރު، އާ ވައުދުފުޅުތަކެއް ވެވަޑައިގެންނެވުމަކީ އެ މަނިކުފާނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ތުހުމަތުކުރައްވައިފިއެވެ. މިއަދު ކަންހިނގާ ދިޔަ ގޮތަށް ފާޑުވިދާޅުވެ، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު މެންބަރުން 'ގަދަ ބާރުން' މަޖިލީހުގެ ތަޅުމުން ނެރެ، މިނިވަންކަމާ އެއްކޮށް އަޑުއުފުލުމުގެ ހުރިހާ ދޮރެއް ބަންދުކުރި ކަމަށެވެ. އެމްޑީޕީން ކުރި މުޒާހަރާގައި އެޕާޓީ ތަމްސީލުކުރާ މަޖިލީސް މެމްބަރުން ބައިވެރިވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް ހަތިޔާރާ އެއްކޮށް އަސްކަރީ ސިފައިން މާލޭގެ މަގުތަކަށް ނެރެގެން ރައްޔިތުން 'ބޮޑު ބިރުވެރިކަމެެއްގައި' ބައިތިއްބައިގެން ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުން ހާމަވީ މި ސަރުކާރުން ޑިމޮކްރެސީގެ އެންމެހާ އަސާސްތައް ފުނޑަމުންދާކަން ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. https://x.com/abdulla_shahid/status/1887405760898125938 މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވެވަޑައިގެން ވައުދުފުޅުތައް ނުފުއްދަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝާހިދު ސިފަކުރެއްވި ގޮތުގައި، އެ ވައުދުފުޅުތަކުގެ މައްޗަށް މިއަދު އިތުރު ވައުދުފުޅުތަކެއް ރައީސް ވެވަޑައިގެންނެވުމަކީ އެ މަނިކުފާނަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެކެވެ. ރިޔާސީ ބަޔާން އިއްވަވަނިކޮށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަނީ --- ފޮޓޯ/އެމްޑީޕީ މީގެ އިތުރުން، ރައީސް މުއިއްޒަށް އިދިކޮޅުގެ އަޑު ފަނޑުކޮށެއް ނުލެވޭނެ ކަމަށާއި މި ސަރުކާރު ޒިންމާދާރުކޮށް، ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމިއޮންނާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. https://x.com/sunbrk/status/1887368752632930594 މިއަދު ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައި، ރިޔާސީ ބަޔާން އިއްވަވަން ރައީސް ފުރުސަތު ދެއްވުމާ އެކު ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މަޖިލީސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އިހުތިޖާޖުކުރި ހުރިހާ މެންބަރުންގެ ނަން އިއްވަވާފައެވެ. ނަން އިއްވި ނަމަވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އެމްޑީޕީން ކުރި މުޒާހާރަގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އެހެންވެ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދަވަނިކޮށް މެންބަރުން ތަޅުމުން ނުކުންނަންދެން ޖަލްސާ މެދުކަނޑާފައެވެ. މެންބަރުން ނެރުމަށް ފަހު، ޖަލްސާ އަލުން ފަށާފައިވަނީ 9:26 އެހާކަންހާއިރެވެ. ނަން އިއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ: ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލީސް ދޫކޮށް ވަޑައިގަންނަވައި، އެމްޑީޕީގެ މެންބަރުން ވަނީ އެ ޕާޓީގެ ސަޕޯޓަރުން ކުރަމުން ދިޔަ މުޒާހަރާއާ ގުޅިވަޑައިގެން ޝުއޫރު ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ