ރިޔާސީ ބަޔާން 2025: މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ފެރީ ޚިދުމަތް ދޭން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވާ، ޤައުމާ މުޚާޠަބު ކުރައްވާ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ޒަމާނުއްސުރެ އާންމު ރައްޔިތުންނަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލުހޯއްދަވައި ދެއްވުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތް، ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރެއްވުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމަށާއި، ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް މިއަހަރު ހުޅުވުމާމަށާއި، މ. މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، އަދި ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ވަޢުދުވެވަޑައިގެންފައިވާގޮތަށް އެ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ދޭން ފަށާނެ ކަމަށާއި މިގޮތުން ދެން އެންމެ ފުރަތަމަ އާރް.ޓީ.އެލް ޚިދުމަތް ފެށޭނީ މިއަހަރުގެ ޖޫން މަހު، ރ. އަތޮޅުގައި ކަމަށާއި އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން ޖެހިގެން އަންނަ ޖުލައި މަހުގެތެރޭގައި ބ. އަތޮޅުގައި އެ ޚިދުމަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ