މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް
ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ކުރަމުން އައި, ސްކޫލުން ތައުލީމު ހާސިލްކޮށްފައިވާ ކުރީގެ ދަރިވަރުންގެ ޕޯސްޓުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަޙްމަދު ނަސީމުގެ ޕޯސްޓު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށް ޑިލީޓްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ޖަމާލުއްދީން ސްކޫލުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ ސްކޫލުން ތައުލީމު ހާސިލްކުރި ފަޚުރުވެރި ދަރިވަރުންގެ ޕޯސްޓުތައް ފޭސްބުކުގައި ހިއްސާކުރަމުންނެވެ. އެގޮތުން މީކާއީލްގެ ޕޯސްޓެއް ވެސް ވަނީ ހިއްސާކޮށްފައެވެ. މި ޕޯސްޓުގައި ވަނީ މީކާއީލަކީ ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަން ފާހަގަކޮށްފައެވެ. އަދި ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއް ކަމަށާއި 2015ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން އޭނާ ބެޗެލާސް ޑިގްރީ ހާސިލްކޮށްފައި ވާކަން މި ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ. މި ޕޯސްޓުގައި ވަނީ މީކާއީލް މަޖިލީހުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެ ޕޯސްޓު ސްކޫލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައި ވަނީ މިއަދު ކަމަށެވެ. ނަމަވެސް، ދެ ގަޑިއިރު ތެރޭ ޕޯސްޓު ޑިލީޓްކޮށްފައިވާ ކަން މީކާއީލް ފާހަގަކުރެއްވިއެވެ. މީކާއިލް ވިދާޅުވީ، އެ ޕޯސްޓު ސްކޫލުން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެންގުމަކަށް ކަމަށެވެ. "އެ ޕޯސްޓު ޖެހުމަށް މައުލޫމާތު ހޯދި ފަރާތުން އަޅުގަނޑު ކައިރި ބުނީ އެ ޕޯސްޓު ޑިލީޓްކުރީ މިނިސްޓްރީން އަންގައިގެންކަމަށް" މީކާއިލް ވިދާޅުވި އެވެ. މީކާއިލް ވަނީ ސަރުކާރުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާތީ މީސްމީޑިއާގައި އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. https://x.com/MickailNaseem/status/1887477662819754259 ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން މީކާއިލްގެ މައުލޫމާތު އެ ސްކޫލުން ހޯދާފައިވަނީ މިދިޔަ މަހުއެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. މީކައީލަކީ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރެކެވެ. އެ ޕާޓީގައި އޭނާ ވަނި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ