އަނބިހާ ވަރިކުރުމަށްފަހު 3 މަސް ނުވަނީސް އަނބިމީހާއަށް ބޮސްދިނުމަކީ ކައިވެނި ރުޖޫޢަވާނެ ސަބަބެއްތޯ؟
މިކަމުގައި ޢިލްމްވެރިންގެ ބަސްފުޅު ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
މި މައްސަލައިގައި ޢިލްމުވެރިންގެ ރައުޔުތައް ތިރީގައި މިވަނީއެވެ.
1. ޙަނަފީ މަޛްހަބު: ރުޖޫޢަ ކުރުމުގެ ނިޔަތެއް ނެތިވެސް، އިއްދާގެ ތެރޭގައި އަނބިމީހާގެ ގައިގާ ޝަހްވަތާ އެކު ބީހުނު ނަމަވެސް، ބޮސް ދިންނަމަވެސް، ޖިމާޢުވީނަމަވެސް، ކައިވެނި ރުޖޫޢަވާނެއެވެ.
2. މާލިކީ މަޛްހަބު: ޢިއްދާގެ ތެރޭގައި ޖިމާޢުވެއްޖެނަމަ ކައިވެނި ރުޖޫޢަވާނެއެވެ. ޝަހްވަތާއި އެކު ދޮނެއްދިނުމުން ކައިވެނި ރުޖޫޢަވާނީ ރުޖޫޢަ ކުރުމުގެ ނިޔަތުގައި ބޮސްދީފިނަމައެވެ.
3. ޝާފިޢީ މަޛްހަބު: ރުޖޫޢަ ކުރުމުގެ ނިޔަތެއް އޮތްނަމަވެސް އަދި ނެތްނަމަވެސް، ޖިމާޢުވެގެންނެއް، އަދި ބޮސްދީގެންނެއް ކައިވެނި ރުޖޫޢަ އެއް ނުވާނެއެވެ.
4. ޙަންބަލީ މަޛްހަބު: ޖިމާޢު ވުމާއި ބޮސްދިނުމާއި ތަފާތެވެ. އެގޮތުން ރުޖޫޢަ ކުރުމުގެ ނިޔަތެއް ނެތިވެސް ޖިމާޢުވެއްޖެނަމަ ކައިވެނި ރުޖޫޢަވާނެއެވެ. ބޮސްދިނުމުން ކައިވެނި ރުޖޫޢަ ވުމާއި މެދުގައި އެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
ރާޖިޙް ގޮތަކީ: ބޮސްދިނުމަކުން ކައިވެނި ރުޖޫޢަ ނުވާނެ ކަމެވެ. އެއީ ރުޖޫޢަ ކުރުމުގެ ނިޔަތާއި އެކު ބޮސްދިން ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަނބިހާ ވަރިކުރުމަށްފަހު 3 މަސް ނުވަނީސް އަނބިމީހާއަށް ބޮސްދިނުމަކީ ކައިވެނި ރުޖޫޢަވާނެ ސަބަބެއްތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ