ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފެންވަރާއި ކުޅުމުގެ ކަންކަމާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައިނުވާ ކަމަށް ޓިމޯ ލެސްޓޭ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު، ޗިލީގެ ސިމޯން އެލިސީޗް ބުނެފި އެވެ.
ޓިމޯ ލެސްޓޭގެ ކޯޗުކަން 2017 ވަނަ އަހަރު ކުރި، ސިމޯން، އަލުން އެ ޓީމާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ ކުޅުނު ފުރަތަމަ މެޗުން، ވަނީ މާޗް މަހު ތަޖިކިސްތާން އަތުން 1-0 އިން ބަލިވެފަ އެވެ.
ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ.
އެ ގޮތުން، މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ. ޓިމޯ ލެސްޓޭ އާއި ރާއްޖެއާ ކުޅޭ މެޗު އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ. މި މެޗު ވެގެންދާނީ އޮސްޓްރޭލިއާގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ.
ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓިމޯ ލެސްޓޭ އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.----
ސިމޯންގެ އިރުޝާދުގެ ދަށުން، ރާއްޖެ މެޗަށް ޓިމޯ ލެސްޓޭ އިން މިދިިޔަ މަހުގެ ހަ ވަނަ ދުވަހު ފަރިތަކުރުންތައް ފަށައި، ސްކޮޑެއް އެކުލަވާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި، އޮސްޓްރޭލިއާ އަށް ޓިމޯ ލެސްޓޭ ޓީމު ދިޔައީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ކުރިއަށް އޮތް ކޮލިފައިން މެޗާ ބެހޭގޮތުން، ޓިމޯ ލެސްޓޭގެ މީޑިއާ އަކަށް، ސްޕެނިޝް ބަހުން ސިމޯން ދިން އިންޓަވިއުއެއްގައި ބުނީ، ރާއްޖޭގެ ފުޓްބޯޅައިގައި ފާއިތުވި އަހަރުތަކުގައި މާ ބޮޑު ކަންތައްތަކެއް ވީޑިއޯ އާއި އެހެނިހެން ގޮތްގޮތަށް ފެންނަން ނެތުމުން، ޓީމާ ބެހޭ މާ ބޮޑު ކަންތައްތަކެއް ނޭނގޭ ކަމަށެވެ.
"އެހެންވެ، މި ކަންކަމަށް ބަލައި، އަހަރެމެން މި ތައްޔާރުވަނީ، އަހަރެމެންގެ ހުރި ހުރިހާ ކަމެއް ބޭނުންކޮށްގެން މެޗުން މޮޅުވާން، އެއީ ކުރެވޭނެ ކަމެއް،" އިންޑޮނޭޝިއާ ލީގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސިމޯން ބުންޏެވެ.
މިއީ، ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އާއި ޓިމޯ ލެސްޓޭ ކުޅޭނެ ފުރަތަމަ މެޗެވެ. މީގެ ކުރިން، ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމު ވަނީ ކުޅެފަ އެވެ. އެ ގޮތުން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި، 3-2 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ. އަދި، މިދިޔަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 4-1 އިންނެވެ.
ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވާން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 3-1 އިން ބަލިވެފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހު، އާސިއާން ޗެމްޕިއަންޝިޕްގައި، ސިންގަޕޫރުން ވަނީ 3-0 އިން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.
ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް މީގެ ކުރިން ކުޅުނު ދެ މެޗުގައި، ވެސް ކުޅުނު ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ހިމެނެ އެވެ. ޓިމޯ ލެސްޓޭ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ، ރާއްޖެ ގަޑިން މާދަމާ ހެނދުނު، 11:30 ގަ އެވެ.
ރާއްޖެ ޓީމާ ބެހޭ މާ ބޮޑު މައުލޫމާތެއް ޓިމޯ ލެސްޓޭ ކޯޗަށް ލިބިފައި ނެތް! ރާއްޖެ ޓީމާ ބެހޭ މާ ބޮޑު މައުލޫމާތެއް ޓިމޯ ލެސްޓޭ ކޯޗަށް ލިބިފައި ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ