މިއުނިކް (ޖޫން 9) - އަލް ނަސްރާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށް އެ ކްލަބްގައި މަޑުކުރަން ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަން އޮތީ ހަމަވެފަ އެވެ އަލް ނަސްރުން އާ ޑީލެއްގެ މަޝްވަރާތައް މިހާރު ކުރަމުން އަންނައިރު، ރޮނާލްޑޯ ވަނީ، އަލް ނަސްރުގެ ޗެޕްޓަރު ކެރިއަރުގައި ނިމުނު ކަމަށް ދޭހަވާ ސޯޝަލް މީޑިއާ ޕޯސްޓެއް ޖަހައިފަ އެވެ.
އެކަމަކު، ރޭ ޕެނަލްޓީ ޖަހައިގެން، ޕޯޗުގަލް އިން ސްޕެއިން ބަލިކޮށް، ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި މެޗަށް ފަހު، 40 އަހަރުގެ ރޮނާލްޑޯ ބުނީ، މުސްތަގުބަލާ ގުޅޭގޮތުން، ނިންމަން ޖެހޭ ކަންކަން ހުރީ ނިމިފައި ކަމަށެވެ. އެއީ، އަލް ނަސްރުގައި މަޑުކުރާ ގޮތަށްތޯ އެހުމުން، ރޮނާލްޑޯ ވަނީ އެއީ ނިންމުން ކަމަށް ބުނެފަ އެވެ.
"ތި އެންމެނަށް ވެސް އެނގޭނެ އަހަރެން މި ހުރީ ވަރަށް ދުވަސްވެފައި. ކެރިއަރުގެ ނިމޭ ކޮޅުގައި ހުރެފައި، ކެރިއަރުގެ ކުރީކޮޅުގެ ގޮތްގޮތަށް ވިސްނުން ނުބެހެއްޓޭނެ. ކޮންމެ ވަގުތެއްގެ ބޭނުންވެސް އެންމެ ފުރިހަމަ އަށް ހިފައި، ބޮޑު އަނިޔާއެއް ނުވަންޏާ އަހަރެން ކެރިއަރު ކުރިއަށްގެންދާނަން،" މިދިޔަ ސީޒަނުގައި އަލް ނަސްރަށް 41 މެޗުން 35 ލަނޑު ޖަހައިދިން ރޮނާލްޑޯ ބުންޏެވެ.
މީގެ ކުރިން، އަލް ނަސްރުގެ ސްޕޯޓިން ޑިރެކްޓަރު، ފެނާންޑޯ ހިއޭރޯ ބުނީ، އަލް ނަސްރުން ވެސް ރޮނާލްޑޯގެ ކޮންޓްރެކްޓް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި، ރޮނާލްޑޯ އަލް ނަސްރަށް ގެނައީ ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން ކަމަށާއި އޭގެއިން ހާސިލްކުރަން ބޭނުންވާ ކަންކަން އަދިވެސް އެބަހުރި ކަމަށް ހިއޭރޯ ވަނީ ބުނެފަ އެެވެ.
ސޯޝަލް މީޑިއާ ތަރި، އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު" ގައި ވާހަކަ ދައްކަވަމުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ، ރޮނާލްޑޯ، މި މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި، ރޮނާލްޑޯ އަންނަނީ މިހާރު ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
ރޮނާލްޑޯ ވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ކުރިން، ކްލަބް ވޯލްޑް ކަޕް ކުޅޭ ޓީމުތަކުން ލިބުނު އޮފާތައް ދޫކޮށްލި ކަމަށް ހާމަކޮށްފަ އެވެ.
އަލް ނަސްރުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ރޮނާލްޑޯ ބުނެފި އަލް ނަސްރުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ރޮނާލްޑޯ ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ