88 އަހަރުގެ ހަސަންބެ އަދިވެސް ބެރުގައި!

ބޮޑު ޢީދު ހަރަކާތްތަކުގެ ފޯރި ޖެހުމުން، މަޑުން ހުންނާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ޚާއްސަކޮށް، ޢީދު ހަރަކާތްތަކުގައި ބައިވެރިވާ މީހަކަށް، ބޮޑުބެރުގެ ފޯރިއާއި، ތާރަޖެހުމާއި، ލަނގިރިފަދަ އެ ނޫން ވެސް ސަގާފީ ހަރަކާތްތައް ބަލަން ދުރުގައި ހުންނަން އަމުދުން ކެތް ނުވާނެއެވެ. އެ ފޯރީގައި ޖެހި މިހާރު އުމުރުން 90 އަހަރާ ގާތްވެފައިވާ ރ. ރަސްމާދޫ, ހަސަން މުޙައްމަދު (ހަސަންބެ)ގެ ކިބައިން ވެސް، ރޭ ފެނުނީ ނޫކަށި ފުރައިގެ ޒުވާނެއްގެ ކިބައިގައި ހުންނާނެ ބުންވަރާއި ޖޯޝެވެ. ބޮޑުބެރުގެ ޚާއްސަ ހުށަހެޅުމެއްގެ ތެރެއިން އުނަގަނޑަށް ހެޔޮވަރުކޮށް، ބެރު އަޅައިގެން ބެރުވެރިން ތެރޭ އެންމެ ކުރީގައި ހުރީ ހަސަންބެއެވެ. އުމުރުން އެހާ ދުވަސްވީ ނަމަވެސް، ހަރަކާތްތަކުން ފެނުނީ އާދަޔާޚިލާފު ޖޯޝާއި ފޯރިއެވެ. ދަރިފުޅު ހަސަން ފާއިޒް ބުނި ގޮތުގައި، އޭނާ ހަނދާން ހުންނަން ފެށީއްސުރެ، އެންމެ ގައިބާރުހުރި ދުވަސްވަރު ވެސް ބައްޕައަކީ، ސަގާފީ މިފަދަ ކޮންމެ ހަރަކާތެއްގައި އެންމެ އިސްކޮށް ބައިވެރިވާ އެކަކެވެ. މިފަދަ އެއްވެސް ހަރަކާތެއް ރަށުގައި އޮންނަ ނަމަ، ބައްޕަ އެކަމުގައި އިސްކޮށް ނޫޅެ ނުދެއެވެ. އުމުރުން 88 އަހަރުގެ ހަސަން މުޙައްމަދު ބެރު ޖަހަނީ -- ފޮޓޯ: ކައިރޭ އަފީފު "އަޅުގަނޑުމެންނަށް ހޭވެރިކަން އެރީއްސުރެ ފެށިގެން، ބެރު ޖަހައި، ބެރުގެ ހުރިހާ ކަންތައްތަކެއްގައި އުޅެނީ އިސްކޮށް ބައްޕަމެން. ބައްޕަ އުޅޭ އެކަމުގައި،" "ސަން"އާ ވާހަކަދައްކަމުން ފާއިޒް ބުންޏެވެ. މިހާރު އުމުރުން 88 އަހަރުގެ ހަސަންބެގެ ކިބައިގައި ކޮޅަށްހުރުމުގެ ހިތްވަރާއި ބާރު ހުރި ނަމަވެސް، އުމުރުން އެހާ ދުވަސްވުމާ އެކު ސިއްހީ ގޮތުން ސަމާލުކަން ދޭން ޖެހިފައިވާ ކަންކަން ވެސް ގިނައެވެ. އެގޮތުން، ދަރިފުޅު ފާއިޒް ބުނި ގޮތުގައި އޭނާގެ ބައްޕަގެ މައިބަދައިގައި މައްސަަލަ ހުރުމާ އެކު އުނަގަނޑުގައި ރިހުން ފަދަ ކަންކަން މިހާރު އެއީ އާންމު ކަމެކެވެ. އެހެންވެ، އުނަގަނޑުގައި ބަރު އެެއްޗެހި އެޅުވުމާއި، ގިނައިރު ކޮޅަށްހުރުން ފަދަ ކަންކަން ނުކުރަން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ވެސް ފާއިޒް ބުންޏެވެ. "އެހެންވެ އަޅުގަނޑު ވެސް ބުނަން، ފޯރި އެރި ނަމަވެސް ބެރު އެހެން ނުހިފަން. އެހެނެއް ނޫން ކޮޅަށް ހުރެ، ބެރު ތަންތަނުގައި، ސްޓޭންޑް މަތީ ބަހައްޓައިގެން ހުއްޓަސް މައްސަލައެއް ނުޖެހޭނެ،" ފާއިޒް ބުންޏެވެ. ހަސަންބެއާއި އެ ރަށުގެ ދުވަސްވީ ދެ މީހުން: ޢީދުގެ ހަރަކާތްތަކުގައި ހަސަންބެ އަދިވެސް ބައިވެރިވޭ -- ފޮޓޯ/ ބާސިތު ޕްރޮޑަކްޝަންސް އެކަމަކު ރޭގެ ހަރަކާތުގައި އެ ރިހުމާއި ތަދަށް ހަސަންބެގެ އެއްވެސް ފަރުވާލެއް ނެތެވެ. އުނަގަނޑުގައި ބެރު އަޅުވައި ފޯރިއާ އެކު އެތައް އިރަކު ކޮޅަށްހުރެ، ބެރު ޖަހަމުން ދިޔައެވެ. ފާއިޒް ބުނީ، މި ފަހަރު ބެރު ޖަހަން އޭނާގެ ބައްޕަ އެރީ ރަށުގެ ޒުވާނުން އެދިގެން، އެ ޒުވާނުންނާ އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި، މިފަދަ ބޮޑު ޢީދެއްގައި، ޒުވާން ދުވަސްވަރުގެ ހަނދާންތަކާއި އޭރުގެ ރޫހާއި ޖޯޝުން ރަނގަޅަށް ވެސް 'ލޭ ކައްކުވައިލައިގެން' ކަމަށެވެ. "ހަސަންބެއަކީ އަސްލު ހަގީގަތުގައި ބެރުގެ ހުރިހާ ކަންކަމެއްގެ މޭސްތިރިޔާއޭ ބުނެވޭނެ،" މިހާރު ރަށު ޒުވާނުންގެ ތެރެއިން ބެރުޖެހުމުގައި އުޅޭ ހަސަން އަރީފް (ކައިރޭ) ބުންޏެވެ. ރަށުގެ ޒުވާނުންނަށް ހަސަންބެގެ ކުޅަދާނަކަން ވަނީ ފެނިފައެވެ. ބެރުޖެހުމާ ގުޅޭގޮތުން އެ ޒުވާނުންނަށް ދަސްވި ކަންކަމުގެ އެއް ހިއްސާދާރަކީ، ހަސަންބެ ކަމަށް އެ ޒުވާނުން ބުނެއެވެ. އެ އުމުރުގައި، މިފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މަދު މީހުންގެ ތެރެއިން ހަސަންބެއަކީ އެކަކެވެ. އުމުރުން ދޮށީ މީހުންގެ ތެރޭ، ސަގާފީ ލަވަތައް އިވި، ނެށުންތައް ފެނިފައި، ލޭ ކެކޭނެ މިފަދަ އެތައް ބަޔަކު ތިބޭނެއެވެ. ކޮންމެ ޢީދަކީ ވެސް އުމުރުން ދޮށީ މިފަދަ ހުނަރުވެރިންނަށް، ޒުވާން ދުވަސްވަރުގެ އުފާވެރި ހަނދާންތައް އާކޮށްދޭ ޢީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ