ރަންނަމާރި ވެދުން މުއިއްޒު ގައުމިއްޔަތާ ބޮޑުއީދާ ލާމެހެނީ!!

ރައީސް މުއިއްޒުގެ ރިޔާސީ ދައުރުގެތެރޭގައި ވަޒީރު އާދަމް ނަސީރު އުފައްދަވަން އުޅުއްވާ ތަރިކައިގެ ދާއިރާ އުފެދުނީމާ ވާނެގޮތް ރާއްޖޭގެ ކަންކޮޅުތަކުން މިހާރު ފެންނަން ފަށައިފިއެވެ. ނިމިގެންދާ ބޮޑުއީދު ތެރޭގައި އެ މަންޒަރުތައް ލޮލަށްފެނި އަތުންދަނީ ހިފެމުންނެވެ. 
އާދަމް ނަސީރުގެ ދީނީ ސަގާފީ އީދު ފާހަގަ ކުރުންގަނޑު ކިހާ ސަޅިހެއްޔެވެ. ވަރުގެ ކޮޅަށް އިސްލާމީ ބޮކި ދިއްލާ ތަކުބީރުގެ އަޑުކަނޑާނުލާ އަޑު ހަރުކޮށް ތަކުބީރު ޖަހަމުން ގެންދާއިރު މަގުތަކުގައި ދެ ޖިންސް މަސްހުނިވެގެން ކުލަޖަހާ ފެންކުޅި ކުޅެނީއެވެ. އީދުހުޅާއި އެކި ސިފަ ސިފައިގެ މާލިނެރެ ބެރުޖަހާ ލަވަކިޔާ ނަށަނީއެވެ. ހީވަނީ ހިންދީ ދީނުގެ ހޯލީ ޑޭ (ހޮލިކާ) އައިސްގެން އުޅޭހެނެވެ. 
ހޯލީއަކީ ފިނިމޫސުން ނިމި ދަނޑުވެރި މޫސުމެއް ފެށޭކަން އަންގައިދިނުމަށް ކުރާ ހިންދީ އަޅުކަމުގެ ފެސްޓިވަލްގެ ވައްތަރެކެވެ. ހޯލީ ފެށެނީ ޗޯޓީ ހޯލީގެ އަލިފާނުގެ ރަސްމިއްޔާތުންނެވެ. ހޯލީގެ ފުރަތަމަ ރޭ މީހުން އެއްވެ އަލިފާނުގެ ވަށައިގެން ތިބެ، ލަވަކިޔައި، ޑާންސްކޮށް ހަދައެވެ.  ޗޯޓީ ހޯލީއަކީ ވެދިޔަތާނގެ ހަނަފަސްކަން ދޫކޮށް އަންދާލާ އައުފެށުމަކުން ފެށުމަށް ދެވޭ ހުއްދައިގެ ރަމްޒެވެ.
ހިންދީންގެ މި އާދަކާދައަކީ ހޯލިކާ ކިޔުނު ޖިންނި އަންހެނާ އަންދާލި ހަނދާން އައުކުރުމެވެ. އަލިފާނުގެ ރަސްމިއްޔާތުގެ ޖެހިގެން އަންނަ ދުވަހު އޮންނަނީ ހޯލީ ފާހަގަކުރުމެވެ. މީހުން އެއްވެ ހުދުހެދުން ލައިގެން ތިބެ، ގުލާލް (ކުލަ ޕައުޑަރު) އާއި ކުލަ ފެން އެކަކު އަނެކަކަށް އުކުމެވެ. މިއަދު ރާއްޖޭގައި އާވަމުންދާ ކޮންބާވަތެއްގެ ސަގާފަތެއް ކަމެއް ނޭނގެއެވެ. 
މުއިއްޒުގެ ވެރިކަން ފެށުނު ފަހުން މުޅިން އެހެން ކަހަލަ ސަގާފަތެއް މާބާރަކަށް ދިރޭތީވެސް އެބަ ފެނެއެވެ. ރަންނަމާރިއަށް ޅަނބާޅަ ލަނދޮޅު އަންހެން ކުއްޖަކު ވެދުން ކުރުމުގެ ސަގާފަތް ބޮޑުއީދާއި ގުޅި ލާމެހިއްޖެއެވެ. ކޮންމެ ރަށެއްގައިވެސް ހުރި އެންމެ ރީތި އެއް އަންހެން ކުއްޖަކު ހޯދާ އެންމެންވެގެން ވަރުގެ ކޮޅަށް ނަލަހައްދައިގެން ކުރިއަށްނެރެ ނައްޓުވާ ކޮރު ލެއްވުމަށްފަހު މަހުޖަނަކަށް ހަދިޔާކުރުމަކީ ބޮޑުއީދު ކުޅިވަރުގެ ބަޔަކަށް ކޮންމެ ރަށެއްގައި ވެއްޖެ ކަހަލައެވެ. 
އަނެއްކޮޅުން ނެތި ގޮސްފައިވާ ރަސްކަމުގެ އެތެރެ ކޮއިލުގެ އާދަތައް އަށަގަންނަވާ ސަގާފީ ކުޅިވަރުގެ ގޮތުގައި ކުރިއެރުވުމަކީ ވަކީން ކުޑަކަމެއް ނޫނެވެ. މިދާވަރުން ދަންޏާ ރަސްކަމުގެ ކޮއިލުތެރޭގައި ޒަމާނުއްސުރެ އަށަގެންފައި އޮތް ހުރިހާ ވައްތަރެއްގެ ކުޅިޖަހާ ކުޅިހަމަ ކުރުންތައް ސަގާފީ ތަރިކައިގެ ގޮތުގައި ކުރިއަރުވާ ނިމޭއިރު ބުދު ކޮއިލުތަކާއި ފައްތަރުލީ މުގުދަރުތައް ވެސް ސަގާފީ ތަރިކައި ގެގޮތުގައި ނެތިއެއް ނުދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ