ކިނބިދޫގައި އަލްހާ އީދަށް 9 ފޫޓާއި 3 ފޫޓުގެ ބޮޑު ކުނބުސް އެޅީ އުރީދޫއާ އެކު!

އަލްހާ އީދު ކުލަ ގަދަކޮށް ފާހަގަ ކުރުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އެ ގޮތުން ތ. ކިނބިދޫގައި އީދު ފާހަގަކުރުމުގައި ސަގާފީ ކަމެއްގެ ގޮތުގައި މިހާރު ވެސް ހަދަމުން އަންނަ ބޮޑު ކުނބުސް ނަމަކަށް ކިޔާ ފޮނި ބޯކިބާ މިއަހަރު ތައްޔާރުކޮށްފައި މި ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލުން ބުނީ، މިއަހަރު އީދަށް ބޮޑު ކުނބުސް ތައްޔާރުކޮށްފައި ވާ އިރު، އެ ކުނބުސްގެ ބޮޑު މިނުގައި 9 ފޫޓާއި 3 ފުޓޫ ހުންނާނެ ކަމަށެވެ. ރަށުގެ ކުޑަ ބޮޑު އެންމެން ފަދަ ގޮތަކަށް މި ބޯކިބާ ތައްޔާރު ކުރުމުގައި ބައިވެރިވެފައިވާ އިރު، ކުނބުސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ގަބުޅި އާއި ދިޔާ ހަކުރާއި ފުށާ އެއްކޮށްގެން ތައްޔާރު ކުރާ މި ކުނބުސް ފިހަނީ ވަޅު އަންދައިގެންނެވެ. މި އަލްހާ އީދު ދިމާވެފައި މި ވަނީ ވިއްސާރަ ދުވަސްވަރަކާ ކަމުން ކިނބިދޫ ރައްޔިތުން ކުނބުސް މި ފަހަރު ތައްޔާރުކޮށްފައި ވަނީ އެ ރަށުގެ ކުރީގެ ސްޓޭޖެއްގެ ގޮތުގައި ބޭނުން ކުރި ސަރަހައްދުގައި، ކުނބުސް ފިހުމަށް ބޭނުންވާ ޖާގަ ހަދައި އެ ތަނުގައި ވަޅު ޖަހައިގެން ކަމަށް ކައުންސިލުން ބުނެއެވެ. މި ކުނބުސް ފިހުމަށް ވަޅުޖަހާފައިވާ ސަރަހައްދުގައި ވަޅު ގަނޑު އަންދަން 6 ގަޑި އިރު ނަގާ ކަމަށް ކައުންސިލުން ބުނެއެވެ.
6 ގަޑި އިރު ތެރޭ ރަނގަޅަށް ގިނި ހިފަން ދެން ވަޅުގަނޑު އެނދުމަށް ފަހު ކުނބުސް ފިހުމަށް އެ ވަޅުގަނޑަށް ލީ ކަމަށް ކައުންސިލުން ބުނެއެވެ. އަދި 2 ދުވަސް ވަންދެން އެ ވަޅުގަނޑު ތެރޭގައި ކުނބުސް ފިހުމަށްފަހު ނަގައި ހައްޖު ދުވަހުގެ ހަވީރު އެ ކުނބުސް އެރަށުގެ ހުރިހާ ގެއަކަށް ބަލައި އަދި ރަށަށް އައިސް ތިބި ހުރިހާ މެހެމާނުންނަށް ވެސް ހަދިޔާއެއްގެ ގޮތުގައި ދޭ ކަމަށް ކައުންސިލުން ބުނެއެވެ.
މިއީ ސަގާފީ ކަމެއްގެ ގޮތުގައި މިހާރު ވެސް މެދު ނުކެނޑި ކިނބިދޫގައި ކުރަމުން އަންނަ ކަމެކެވެ. މި އަހަރު އުރީދޫއާ ގުޅިގެން މި ހަރަކާތް ހިންގި ކަމަށްޓަކައި އެ ރަށުގެ ކައުންސިލުން ހާއްސަ ޝުކުރެއް އެދި ދަންނާވާފައި ވެއެވެ. 700 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިނބިދޫއަށް މިއަހަރު ބޮޑު އީދޫ ފާހަގަ ކުރުމަށް 400 އެއްހާ މީހުން ވަނީ ގޮސްފައެވެ. އެއިން ކޮންމެ މެހެމާނަކަށް ކިނބިދޫ ބޮޑު ކުނބުސް ވަނީ އީދު ހަދިޔާއެއް ގޮތުގައި ދީފައެވެ.
ކާބަފައިންގެ ޒަމާނުއްސުރެ އެ ރަށުގައި ކުރަމުން އަންނަ ކަމެއް މިއަދު ވެސްކުރަމުން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ އުފަލަކާއި ފަހުރަކަށް ވާނެ ކަން ޔަގީނެވެ. މި ކަމުގައި މިއަދު ވެސް އެ ރަށުގެ ކުޑި ބޮޑު އެންމެން ބައިވެރިވެއެވެ. އަންހެނުންނާއި ފިރިހެނުންނާއި ދުވަސްވީ މީހުންނާއި ޒުވާނުންނާއި ކުޑަކުދިން ވެސް މެއެވެ.
ކުނބުސް ހެދުމުގައި ބައިވެރިވި ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި އަހުވަންތަކަމާއި ދިވެހި ސަގާފަތަށް އޮތް ލޯބި ކަން ދައްކުވައި ދީފިއެވެ. އަދި މިފަދަ އާދަކާދަތައް ދެމެހެއްޓުމަށާއި އީދުގެ އުފަލުގައި ބައިވެރިވުމަށް އުރީދޫން ދޭ އެއްބާރުލުމަކީ ދިވެހިންގެ ހިތްތަކާ އުރިދޫ ގުޅިފައިވާ މިންވަރު ދައްކުވައިދޭ ހެއްކެއް ކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ