އިންސާނީ ޙައްޤުތަކުގެ ފުރަތަމަ އިޢުލާނު: ޚުޠުބަތުލް ވަދާޢުު
އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖައަށް މީސްތަކުން ތަރުބިއްޔަތު ކުރާ ފަލްސަފާއަކީ އިސްލާމްކަމެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި އެ ކަމުގެ އިޢުލާނު މުޅިދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ކުރެވުނީ ހިޖުރައިން 10ވަނަ އަހަރުގެ 11ވަނަ މަހުގެ ނުވަވަނަ ދުވަހުއެވެ. "އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ޑޭ"ގެ ގޮތުގައި ފާހަގަކުރުން އެންމެ އަޢުލާ ދުވަހަކީ ވެސް އެއީއެވެ. އެ ދުވަހަކީ ޙައްޖަތުލް ވަދާޢުގެ ޢަރަފާތް ދުވަހެވެ. މުޅި ޢާލަމްތަކަށް ލެއްވި ރަޙުމަތެއް ކަމުގެ ލަޤަބު ލިބިވަޑައިގެން ހުންނެވި މާތް އިންސާނާ އެ ދުވަހު އާންމުކުރައްވައި އެ އެންގެވި އިންސާނިއްޔަތުގެ ގޮވައިލެއްވުމަކީ އެ ދުވަހުގެ ޙައްޖު ޚުޠުބާއެވެ. އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ބަޔާންކޮށްދެއްވި ޚުޠުބަތުލް ވަދާޢުގައި ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް މީސްތަކުން ނެރުއްވުމުގެ ނިޒާމް ކަމުގައިވާ އިސްލާމްދީން ފުރިހަމަ ވެއްޖެކަން އެންގެވިއެވެ. އިންސާނުންގެ ޚާލިޤު އަދި ރައްބުލް ކާއިނާތު އެ ދީނައިގެން ހުރިވޮޑިގެންކަން ހާމަކުރެއްވިއެވެ. އެއިލާހުގެ ނިޢުމަތް އިންސާނުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފިކަން އިޢުލާނުކުރެއްވެވިއެވެ. އަޅުންގެ އަޅުވެތިކަމުން އިންސާނުންނެރެ، ޙާލިޤުވަންތަ އެއްކައުވަންތަ އިލާހެއްގެ އަޅުވެތިކަމަށް މީސްތަކުން މިސްރާބުކުރުވި މަންހަޖަކީ އިސްލާމްދީނެވެ. އިސްލާމްދީނަކީ އޭގައި އިންސާނިއްޔަތު އެންމެ މަތީ ދަރަޖައަށް އެކުލެވޭ ދީނެވެ. ހުރިހާ އިންސާނުންގެ މެދުގައި ހަމަހަމަ އުސޫލަކުން ދިރިއުޅުމުގެ ބަހާތައް ކަނޑައަޅައިދިނީ އިސްލާމްދީނެވެ. އިސްލާމްދީން އައުމުގެ ކުރިން ބައިބައިވުމާއި ތަފާތުކުރުން، އޭގެ އިންތިހާއަށް އޮތް މުޖުތަމަޢެއްގެ ތެރޭ، ނަސްލީއިމްތިޔާޒު ނައްތައިލާ، ހަމަހަމަ އުޞޫލަކުން އިންސާނިއްޔަތު ޤާއިމް ކޮށްދެއްވީ އިސްލާމްދީނުގެ މަތިވެރި މާލިމީ "مُحَمَّدُ إِبنُ عَبدُ الله" صَلَّى اللَّهُ عَلَيْهِ وَسَلَّمَއެވެ. އިތުރު އެކަލޭގެފާނު މި އުންމަތާ މުޚާޠަބުކުރައްވައި ޙައްޖަތުލް ވަދާޢުގައި ދެއްވި ޚުޠުބާއަކީ، އޭގެކުރިން އެއްވެސް ޒަމާނެއްގައި، އިންސާނީ ޙަޔާތް ދެކެފައި ނުވާވަރަށް އިންސާނިއްޔަތު ބަޔާން ކޮށްދެއްވި ޚުތުބާއެކެވެ. އެ މާތް ސާހިބާ ކުރެއްވި ފުރަތަމަ އަދި އެންމެ ފަހު ޙައްޖުގައި މި އުންމަތާ ވަކިވެ ހިނގައިދާނެ ކަމުގެ އިޝާރާތެއް ދެއްވަމުން، ޚުޠުބާއެއްގެ ޒަރީޢާއިން ދެއްވި ނަސޭހަތަކީ މުޅި އިންސާނިއްޔަތު މިއަދު ވެސް އެއަށް ބޭނުން ޖެހިފައިވާވަރުގެ މުހިންމު ފިލާވަޅުތަކެކެވެ. އެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އިންސާނީ ރައްކާތެރިކަމާއި އަމާންކަމުގެ ބައެއް ތިރީގައި ހިމަނައިލާނަމެވެ. ".... އޭ މީސްތަކުންނޭވެ! ﷲ تعالي އަންގަވައިފައި ވަނީ؛ ތިމަން ﷲ އެންމެ އަންހެނަކާއި އެންމެ ފިރިހެނެއްގެ ކިބައިން ތިޔަބައިމީހުން އުފައްދަވައި ޤަބީލާ ތަކަށާއި ޤައުމުތަކަށް ލެއްވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ދެނެ ތަޢާރަފް ވުމަށްޓަކައެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޝަރަފުވެރި، ކަރާމާތްތެރި ބަޔަކީ ތިމަން ރަސްކަލާނގެއަށް ބިރުވެތިވާ މީހުންނެވެ. ތިމަން ﷲއަށް އީމާންވެ ތިމަން ﷲ ހަނދުމަކުރުމުން މެނުވީ، ޢަރަތްބަކު އެނޫން މީހެއްގެ މައްޗަށް މޮޅުވުމެއް، އަދި ދޮންމީހަކު ކަޅުމީހެއްގެ މައްޗަށް މޮޅުވެ އިތުރުވުމެއް ނުވެއެވެ." މުޅި އިންސާނިއްޔަތަކީ އާދަމުގެފާނުގެ ދަރިފަސްކޮޅެވެ. އާދަމުގެފާނު އުފައްދަވައިފައި ވަނީ މަށިންނެވެ. އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ރައްކާތެރިވާށެވެ! ޤިޔާމަތް ދުވަހުން ދުނިޔޭގެ ބުރަ، ކަރުގައި އަޅުވައިގެން ދާބަޔަކު ތިބޭނެއެވެ. އާޚިރަތުގެ ހެޔޮ ޘަވާބާއި ދަރުމަ ލިބޭބަޔަކު ވެސް ތިބޭނެއެވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ! ޖާހިލުކަމުގެ ދުވަސްތަކުގެ އާދަތަކާއި ޢަމަލުތައް ނިމިއްޖެއެވެ. ލޭގެބަދަލު ހިފުމުގެ ދުވަސްތައް ވެސް ނިމިހިނގައްޖެއެވެ. ޖާހިލުކަމުގެ ދުވަސްވަރު ހިންގަމުން ގެންދިޔަ ރިބާގެ މުޢާމަލާތްތަކާއި އެއިން ލިބޭ ފައިދާ ހޯދުން ވަނީ ނައްތައިލެވިފައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އަންހެނުންގެ މައްޗަށް ތިޔަބައި މީހުން އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. ހަމަ އެފަދައިން ފިރިހެނުންގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އަންހެނުންނަށް ވެސް ވެއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެ މީހުންނާމެދު އެކަށީގެންވާ ގޮތަށް ކަންތައްކުރުމަކީ ތިޔަބައިމީހުންގެ މައްޗަށް އޮތް އެ ކަނބަލުންގެ ޙައްޤެކެވެ. އެ ކަނބަލުން އެކަށީގެންނުވާ ގޮތަށް އަމަލުކޮށްފިނަމަ އެ ކަނބަލުން ދުރުކޮށް ފިޔަވަޅުއެޅުމަކީ ތިޔަބައިމީހުންނަށް ހުއްދަކުރައްވައިފައި ވާ ކަމެކެވެ. ތިޔަބައިމީހުން އަންހެނުންނަށް އޯގާތެރިކޮށް ހިތާށެވެ. އަންހެނުންނަކީ ތިޔަބައިމީހުންގެ އެހީތެރިންނެވެ. އެމީހުންގެ ކަންތައްތަކުގައި އެމީހުންނަށް ތިޔަބައި މީހުންގެ އެހީ ބޭނުންވާނެއެވެ. ތިޔަބައިމީހުން ﷲއަށް ބިރުވެތިވާށެވެ! އަންހެނުން ތިޔަބައިމީހުންގެ ބައިވެރިންނަށްވެފައި ވަނީ ﷲ ދެއްވައިފައި ވާ ރައްކާތެރިކަމާ އެކުގައެވެ. ﷲ ވަނީ އެއިލާހު އެންގެވި ގޮތެއްގެމަތިން އެކަނބަލުން ތިޔަބައިމީހުންނަށް ހުއްދަކުރައްވައިފައެވެ. ...." މިފަދަ މަތިވެރި އެތައް އިރުޝާދެއް ހިމެނޭ މިޚުތުބާ މިފަދަ ލިޔުމެއްގައި ހިމަނާވަރަށްވުރެ ތަންކޮޅެއް ދިގެވެ. މި ޚުތުބާ ނިންމަވާލެއްވުމުގެ ކުރިން މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ވަޞިއްޔަތްޕުޅެއް ކުރައްވައިފައެވެ. ޙަދީޘްކުރެއްވީ؛- "ތިޔަބައިމީހުންގެ ތެރެއިން މި ޖަމާޢަތުގައި ޙާޟިރުވެ ތިބި މީހުން، ޙާޟިރުނުވާ މީހުންނަށް ތިމަން ކަލޭގެފާނުގެ މި ނަސޭހަތްޕުޅުތައް ރައްދުކޮށްދޭށެވެ. އަދި އެބައިމީހުން ތިމަން ކަލޭގެފާނާ ބެހޭ ގޮތުން ސުވާލު ކޮށްފިއްޔާ ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟" ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިހެން އެއްސެވުމުން، އަރިހުގައި ތިއްބެވި ބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. "މާތް ރަސޫލާއެވެ. ކަލޭގެފާނު އިސްލާމްދީނުގެ ތަރިކަ އަޅުގަނޑުމެންނަށް ރައްދުކުރައްވައި ކަލޭގެފާނުގެ ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާކުރައްވައި އަޅުގަނޑުމެންނަށް މި ކަންތައްތައް ބަލަހައްޓަވައިދެއްވި ކަމަށް އަޅުގަނޑުމެން ހެކިވަމެވެ." އެހިނދު ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުންގެ ކަނާއަތްޕުޅުގެ ޝަހާދަތް އިނގިލިފުޅު އުފުއްލަވާ ދުޢާކުރެއްވިއެވެ. "ހައްދަވާ ބޮޑުކުރެއްވި ﷲއެވެ. އިބައިލާހު މި ކަމަށް ހެކިވެވޮޑިގަންނަވާންދޭވެ." ޢަދުލު އިންސާފު ފުރިހަމަނުވާ އެތައް ކަމެއް އަޅުގަނޑުމެން މުސްލިމުންގެތެރޭ "އިންސާނީ ޙައްޤުތަކުގެ ނަމުގައި" ވިއްކަން ކާފިރުން އެ ކުރާ މަސައްކަތް މާ ފަސޭހައެއްކޮށް ބަލައިގަނެވެނީ ކީއްވެބާއެވެ؟ މުސްލިމުންނަށްވުރެ އަމާން އަދި އަޚުލާޤުގައި ޒީނަތްތެރި ބަޔަކު ކޮބައިތޯއެވެ؟ އެހެނަސް އެ ކަން އަޅުގަނޑުމެންނަށް ނޭނގެންޏާ، އެ ނޫން މީހުން އެ ދައްކާ ވާހަކަ މާ ރީތި ވެފައި ކަމުދާ ގޮތް ވަނީ ކަން ވެސް ނޭނގެއެވެ. މުސްލިމުން އަދިވެސް އެ މީހުންގެ ދީނުން އިންސާނީ ޙައްޤު ހޯދައިފިއްޔާ ޙަޤީޤީ ހަމަޖެހުމާއި އަމާންކަން ފެންނާނޭކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ