ރިލީޒްކުރިތާ 15 ދުވަސް ފަހުން ރާޖާއި ވަމީގާގެ ފިލްމު އެމޭޒަން ޕްރައިމްއަށް
ރާޖްކުމާރު ރާއޯއާއި ވަމީގާ ގައްބީ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ބޫލް ޗަކް މާފް" ތިއޭޓަރުގައި ރިލީޒްކުރިތާ 15 ދުވަސް ފަހުން އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށައިފިއެވެ. މިދިޔަ މެއި މަހުގެ 14ގައި ސިނަމާތަކުގައި ރިލީޒްކުރި މި ކޮމެޑީ ޑްރާމާއަކީ މެޑްޑޮކް ފިލްމްސްއާއި އެމޭޒަން އެމްޖީއެމް ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް ކަރަން ޝަރުމާ ޑައިރެކްޓްކުރި ފިލްމު "ބޫލް ޗަކް މާފް" ސިނަމާތަކަށް ގެންނަން އެންމެ ފުރަތަމަ ނިންމީ މެއި މަހުގެ ނުވަވަނަ ދުވަހެވެ. ނަމަވެސް، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ ދެ ޤައުމުގެ އަސްކަރިއްޔާއިން ބަދަލުކުރަން ފެށި ހަމަލާތަކާ ގުޅިގެން އޭގެ އަސަރު ފިލްމަށް ކޮށްފާނެކަމުގެ ބިރާ އެކު މެޑްޑޮކް ފިލްމްސްއިން ނިންމީ ތިއޭޓަރުގެ ބަދަލުގައި މެއި މަހުގެ 16 ވަނަ ދުވަހު ފިލްމު އެމޭޒަން ޕްރައިމްގައި ޕްރީމިއާ ކުރުމަށެވެ. އޭރު މި ފިލްމު ސިނަމާގައި ބެލުމަށްޓަކައި 5000 އަށް ވުރެ ގިނަ މީހުން ވަނީ ޓިކެޓު ގަނެފައެވެ. ފިލްމު "ބޫލް ޗަކް މާފް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ ނަމަވެސް، ފިލްމުގެ ތިއޭޓަ ރައިޓްސް އޮތް ޕީވީއާރް އިނޮކްސްއިން ވަނީ މެޑްޑޮކް ފިލްމްސްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައެވެ. އެންމެ ފަހުން ބޮމްބޭ ހައިކޯޓުން ވަނީ ޕީވީއާރް އިނޮކްސްއާ އެއްކޮޅަށް މައްސަލަ ނިންމާ ފިލްމު ސިނަމާތަކުގައި ދެއްކުމަށް އަމުރުކޮށްފައެވެ. މި ފިލްމު އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރުމަށް ނިންމީ އެންމެ ފަހުން ޕީވީއާރް އިނޮކްސްއާއި މެޑްޑޮކް ފިލްމްސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށް ފަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ