ރޮނާލްޑޯއަށް ކަރުނަ، ސްޕެއިން ބަލިކޮށް ތަށި އުފުލާލައިފި

އުމުރުން 40 އަހަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި އެބަ ހުރިކަން ސާބިތުކޮށްދޭން ރެއަކީ މުހިންމު ފުރުސަތެކެވެ. އޭނާ އެ ފުރުސަތުގެ ބޭނުންކޮށް، ޕޯޗުގަލްއަށް 2-2އިން އެއްވަރު ވެސް ކޮށްދިނެވެ.
އޭގެ ފަހުން ޔުއެއާ ނޭޝަންސް ކަޕްގެ ތަށި އުފުލާލީ ވެސް ރޮނާލްޑޯ އެވެ. މޮޅުވުމާ އެކު އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ.
ޖަރުމަނުގެ މިޔުނިކްގައި ކުޅުނު ފައިނަލް މެޗުގައި ރޮނާލްޑޯއަށް ވުރެ ގިނަ މީހުންގެ ނަޒަރު ހުއްޓުނީ 17 އަހަރުގެ ސްޕެއިންގެ ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލްއަށެވެ. ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ވެސް އެހާމެ ރީތި، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އަނެއްކާވެސް ތަފާތެއް ގެނުވާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް ޕޯޗުގަލްގެ ދިފާއީ ކުޅުންތެރިޔާ ނޫނޯ މެންޑިސްގެ ކަވަރުކުރުން މޮޅުކަމުން ޔަމާލްގެ ކުޅުން ދިޔައީ ނުފެނި އެވެ.
ރޮނާލްޑޯއަކީ ޕެނެލްޓީ އޭރިޔާ ތެރޭގައި އަދިވެސް މޮޅު ކުޅުންތެރިއެއްކަން ސާބިތުކޮށްދިނީ ސްޕޭނުން 2-1ގެ ލީޑުގައި އޮއްވާ 61 ވަނަ މިނިޓްގައި ލިބުނު ބޯޅަ ވައްދާލައިގެންނެވެ. މެންޑިސް ހުރަސްކޮށްލި ބޯޅައެއް، ސްޕެއިންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޯލުގެ ހަމަ ކުރިމައްޗަށް ވެއްޓުނު އިރު ރޮނާލްޑޯ ހުރީ އެ ތަނުގަ އެވެ. އުނދަގުލެއް ނެތި ގޯލަށް ވައްދާލި އެވެ.
މިއީ އޭނާގެ ބައިނަލްއަގުވާމީ 138 ވަނަ ލަނޑެވެ.
އެކަމަކު މެޗުގެ 88 ވަނަ މިނިޓްގައި ރޮނާލްޑޯ ބަދަލުކުރި އެވެ. އިތުރު ވަގުތުގައި ފެނުނީ ޔަމާލް ވެސް ބޭލި ތަނެވެ. 
ޕެނެލްޓީ ޖަހާތަން ބަލަން ރޮނާލްޑޯއަށް ފަސޭހައެއް ނުވި އެވެ. އެހެންވެ ގިނަ ފަހަރަށް އޭނާ ފެނުނީ އެތަން ނުބަލަން ޓީމުގެ އޮފިޝަލުންގެ ފަހަތުގައި އިން ތަނެވެ. ޕެނެލްޓީގައި ޕޯޗުގަލް މޮޅުވީ 5-3 އިންނެވެ.
މިއީ ޕޯޗުގަލްއަށް ރޮނާލްޑޯ ހޯދައިދިން ތިން ވަނަ ތައްޓެވެ. މީގެ ކުރިން ޔޫރޯ އާއި ނޭޝަންސް ލީގު ކާމިޔާބުކޮށްދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ