އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ލަސްވާތީ އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމައިފި އެވެ. 
ވީ ކިހިނެއް؟ - ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލުގެ މަސައްކަތް ލަސްވާތީ، މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރެވެ.
ތަފްސީލް - ރިޔާސަތުގައި މިއަދު އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވީ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުރުމަށް ބަޔާންކުރާ ބައެއް ސިފަތައް ފުރިހަމަނުވާތީ އެވެ.
ނާޒިމް ހަވާލާ ދެއްވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ރ) އަދި (އ) އަށެވެ. އެ މާއްދާތަކުގައި ބުނަނީ:
(ރ) ގައި ބުނަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ސަރުކާރުން އުފުލަން ޖެހޭ ޒިންމާއާ ގުޅުން ހުރި ކަމަކަށް ވުން
(އ) ގައި ބުނަނީ މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ނުވުން
މައުރޫފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ އިޒްރޭލުން މި ފަހުން ފަލަސްތީނުގައި ހިނގަން ފެށި ގަތުލުއާންމަށް މިއަދަށް ދެ އަހަރާއި ފަސް މަސް ވެގެން ދިޔައިރު ވެސް އެ ކަން ކުށްވެރިކުރުން ފިޔަވައި އިތުރު ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށެވެ.
މީކާއީލް ހުށަހެޅުއްވި ބިލު ކޮމިޓީގައި އޮންނަތާ ނުވަ މަހަށް ވުރެ ގިނަ ދުވަސްވީ އިރު، މި މުއްދަތުގައި ސަރުކާރުން ގިނަ ބިލުތަކެއް ހުށަހަޅައި ވަރަށް އަވަހަށް ފާސްކޮށްފައި އެބަހުރިކަން ވެސް މައުރޫފުގެ ކުއްލި މައްސަލާގައި ފާހަގަކުރައްވާފައިވެ އެވެ.
އެނގުން މުހިންމު - އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން މީކާއީލް ހުށަހެޅުއްވި ބިލު ތަޅުމަށް ބަލައިގަނެ ދިރާސާކުރުމަށް ފޮނުވީ ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށެވެ.
މިދިޔަ މެއި މަހު ފޮނުވި ބިލަށް އެކި ސުންގަޑި ކަނޑައަޅަމުން އެންމެ ފަހުން ކޮމިޓީން ކަނޑައެޅި ސުންގަޑިއަކީ މިދިޔަ ފެބްރުއަރީ އެވެ. ނަމަވެސް ފެބްރުއަރީއަށް ބިލުގެ މަސައްކަތް ނުނިމި ކޮމިޓީގައި ވަނީ ޕާކުވެފަ އެވެ.
ކޮމިޓީން ބިލުގެ މަސައްކަތެއް ކުރީ ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އެކަންޏެވެ. އޭރު ޓޫރިޒަމާ ގުޅުން ހުރި ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތައް އަދި ވިޔަފާރިތައް ކޮމިޓީއަށް ހާޒިރުކޮށް، އިޒްރޭލު ޕާސްޕޯޓް މުޅިން މަނާކޮށްފި ނަމަ ޓޫރިޒަމަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީން މި ބިލު ހުށަހެޅި ފަހުން، ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެ ގޮތަށް އޭރު ނިންމީ ބައެއް އާންމުން މިކަމާ ގުޅިގެން އަޑުއުފުލަމުން ގެންދިއުމުންނެވެ.
މަޖިލީހުގައި އެފަދަ ބިލެއް ހުށަހަޅާފައި އޮތުމުން ސަރުކާރުން ބިލު ނުފޮނުވައި އެމްޑީޕީން ހުށަހެޅި ބިލުގެ މަސައްކަތްކުރަން ފަހުން ނިންމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ