މި އަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމު ކާމިޔާބުކަމާ އެކު ނިންމާލައި ދަސްވެނިވުނު 19 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ދިރާގުގެ ބޯޑު އަދި މެނޭޖްމަންޓުގެ ބޭފުޅުން އަދި ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ.
އިސްމާއިލް ޝަފީއު ވިދާޅުވީ ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ޒުވާނުން އެ ޕްރޮގްރާމުގައި ބައިވެރިވުން މުހިންމު ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމް ނިންމާ ގިނަ ކުދިން ދިރާގުގެ އިތުރުން ތަފާތު އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކު އަދާކުރުމަކީ ފަހުރުވެރިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގުގެ ސީއެސްއާރްގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާ ކުރުމުގެ ހުނަރު ތަރައްގީ ކުރުމަށް ދޭ އިސްކަމުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމު 2009 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިހާތަނަށް 288 ޒުވާނުން ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.
ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ އެ ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ދަރިވަރުން ދަސްވެނިވެއްޖެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ދަރިވަރުން ދަސްވެނިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ