ރައީސްގެ އާއިލާ ނިވާފަތްގަނޑަކަށް ހަދައިގެން އުފުލަނީ ސިޔާސީ ދައުވާތަކެއް: އެމްޑީޕީ

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސްގެ ދަރިކަލުން ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ދެ ކޯޓަކަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. އެގޮތުން:
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ބުނެ
ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާ ކަމަށް ބުނެ
ދެ ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ދައުވާކޮށްފައިވަނީ މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި އެމްޑީޕީގެ މައްޗަށް
މިކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ބަޔާނެއް ނެރުނެވެ.
ތަފްސީލް - އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރިޔަމް ޒުބައިރުގެ ވާހަކަތަކުގައި ވެސް ވަކި ކުއްޖެއްގެ ނަން ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން އެ ރޭގެ މުޒާހަރާގެ ރެކޯޑިންތަކުން ވެސް ސާފުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ދެއްކެވިހާ ވެސް ވާހަކައަކީ މަރިޔަމްގެ ވާހަކަތަކާ ދެކޮޅަށް މުއައްސަސާތަކުން ބަޔާން ނެރެމުން ދިޔަ ނަމަވެސް ގައުމުގެ ބޮޑެތި މައްސަލަތަކުގައި ބަޔާން ނުނެރޭކަން، ކަމަށް ފާހަގަކޮށްފައިވެ އެވެ.
"ސިޔާސީ ބޭނުމެއްގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ފަސް ޖެހުމެއް ނެތި މި ޕާޓީން ތެދުވާނެ ކަމުގެ ޔަގީންކަން ދެމެވެ،" އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމަކީ:
ރައީސްގެ ދަރިކަލުންގެ ނަން މީޑިއާއަށް ތިލަކޮށްދިނީ އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ސާޖިދާ ވަނީ ދަރިކަލުންގެ ޒާތީ މައުލޫމާތުތަކާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވާފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ޕީއެންއެފްގެ ދެ އެކްޓިވިސްޓަކު ވެސް އެފަދަ ތުހުމަތުތަކެއްގައި ފުލުހަށް ހާޒިރުކުރީތީ، އެކަން ކުށްވެރިކުރުން
ގުޅުން ހުރި ކަމެއް - ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ