ޓެކްނޮލޮޖީގެ އެކި އާލާތްތައް އުފައްދާ މަޝްހޫރު ކުންފުނި އަސޫސްގެ ލޮލުގައި މިފަހަރު އަޅައިގެންފައި މި ވަނީ ރާއްޖޭގެ ހިތްގައިމު ކަމެވެ.
އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދާ "ޑިޒައިން ޔޫ ކޭން ފީލް" އެގްޒިބިޝަންގައި މިދިޔަ ހޯމަ ދުވަހު އަސޫސްއިން ދައްކާލި ހާއްސަ ޒެންބުކްގެ ސިގްނޭޗާ އެޑިޝަން ސީރީޒްގެ އެއް ލެޕްޓޮޕް ފަރުމާކުރުމުގައި ބަލާފައި ވަނީ ރ. ވާދޫގެ ގޮނޑުދޮށުން ފެންނަ ދިއްލޭ ރެދަނުގެ ހިތްގައިމު މަންޒަރަށެވެ.
ގުދުރަތީ ގޮތުން ރީތި ސިފަތައް ލިބިފައިވާ ދުނިޔޭގެ އެކި ތަންތަނަށް ހާއްސަކޮށް އެ ސީރީޒްގެ ހަތަރު ފަރުމާއެއްގެ ލެޕްޓެޕް ދައްކާލާފައިވެ އެވެ. އޭގެ ތެރެއިން ވާދޫއަށް ނިސްބަތްކޮށްފައިވާ ލެޕްޓޮޕަށް ދީފައިވާ ނަމަކީ "ވާދޫ އައިލެންޑް، މޯލްޑިވްސް-ލުމިނަސް ބްލޫ" އެވެ.
އާންމުކޮށް ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށުން ފެންނަ ރެދަން ދިއްލޭ މަންޒަރުގެ ފޮޓޯތަކުގެ ތެރެއިން ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލޭ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެއީ އިންޓަނެޓުގައި މަޝްހޫރު ފޮޓޯ އެކެވެ.
އެ ލެޕްޓޮޕްގެ ބޭރުގައި ހިމަނާފައި ވަނީ އެ ރަށުގެ މޫދުން ފެންނަ ނޫކުލައިގެ ހިތްގައިމު އެ ދިއްލުން ދައްކުވައިދޭ ޓެކްސްޗާއެކެވެ.
"ގުދުރަތީ [ރެދަނުގެ] އަލިކަމުން ދައްކުވައިދެނީ ތަރިތަކުގެ އަލީގައި ދިއްލޭ ރާޅުތަކުގެ ހިތްގައިމު ޖާދޫއެއް ފަދަ މަންޒަރެކެވެ،" އަސޫސްއިން ބުނެފައިވެ އެވެ.
ރެދަންލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް މޫދުގައި އިތުރުވުމުގެ ސަބަބުންނެވެ.
އަސޫސްގެ އެ ލެޕްޓޮޕްތައް ވިއްކަން ފަށާނޭ ތާރީހެއް ފަހުން އިއުލާން ކުރާނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ އަސޫސްގެ ޒެންބުކުގެ ހާއްސަ ސިގްނޭޗާ އެޑިޝަންއެއް ކަމަށްވުމުން އެ ލެޕްޓޮޕްތައް އެ ކުންފުނިން ވިއްކާނީ އަސޫސް ގަލަމަކާއި، މައުސްއެއް އަދި ޕެޕްޓޮޕްލާ ލެދާ ސްލީވްއަކާ ވެސް އެކު އެވެ.
ސިގްނޭޗާ އެޑިޝަން ދެން ނެރެފައި ވަނީ ތުރުކީ، އައިސްލެންޑް، އަދި ޖޯޑަންގެ ގުދުރަތީ ރީތި މަންޒަރުތަކަށް ހާއްސަކޮށްގެންނެވެ.
އަސޫސްގެ އާ ލެޕްޓޮޕް ވިދާ ބަބުޅަނީ ވާދޫގެ ރެދަނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ