ސަޢީދު ޕީއެންއެފަށް: ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި ތިޔަ ކުރަނީ ފުރައްސާރަ

ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި ދިވެހި ގައުމަށާ އާއިލާތަކަށް، ޕީއެންއެފުން ފުރައްސާރަ ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 
ސަޢީދު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
އެގޮތުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޖަމީލް ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ސުވަރުގެ ޙަރާމް ވާނެ ކަމަށް ވިދާޅުވެފައެވެ.  
Advertisement
”ކިތަންމެ ވަރަކަށް ޓީވީ އާއި އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް ދިޔަސް، މި މަކަރު ހަދާ ހުރިހާ އިރަކު الله އޭނާ (ރައީސް މުޢިއްޒު)ގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވާނެ ކަމަށް އެ އޮތީ އަންގަވާފައި“ ޖަމީލް ވިދާޅުވިއެވެ. 
ޖަމީލް މިފަދައިން ވިދާޅުވުމުން އޭނާގެ ވާހަކައަށް ބާރު ދެއްވައި ޝައުކަތުވެސް ވަނީ ރައީސް މުޢިއްޒު މަރުވާނެ ނަމައޭ ހިތަށް އަރައޭ މީހަކު ބުނި ކަމަށް ވިދާޅުވެފައެވެ. 
”އަޅުގަނޑު ކައިރީގައި، އަޅުގަނޑު ވަރަށް އިހްތިރާމްކުރާ އަޅުގަނޑުގެ މީހަކު ބުނީ، ތިމަންނަ ހިތަށް އަރައޭ މި މުޢިއްޒު މަރުވާނެ ނަމައޭ. ހާޓް އެޓޭކެއް ޖެހިގެން މަރުވާނެ ނަމައޭ. ކޮފީ މޭޒުގައި ޖެހިގެން އިންނަ މޭޒުގައިވެސް ގިނަ މީހުން ދައްކާ ވާހަކައަކީ އެއީ. މި ވަބާއިން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާނަމަ، އެކަންވެސް ދިވެހި ރައްޔިތުން ހިތުން ދުޢާ ކޮށްލަ ކޮށްލާ މިހާރު ތިބީ“ ޝައުކަތު ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި ސަޢީދު ވިދާޅުވީ، 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ޑރ ޖަމީލް ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް، ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ވަޑައިގެންނެވިކަމަށެވެ.
އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު. މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް މި އަރައިގަންނަނީ. ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި الله އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި
ވަޒީރު މުޙައްމަދު ސަޢީދު
‏މިއާއެކު ސަޢީދު ވިދާޅުވީ، އެފަދަ ބޭފުޅުންނާ އަޅާ ބަލާއިރު ރައީސް ޑރމުޢިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި ރީތި އަޚްލާޤު ކަމަށެވެ. އަދި އަނެކުންގެ ކަރާމާތް ހިފެހެއްޓެވުމާއި، ހީވާގިކަމުގެ އިތުރުން ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު އެކުރައްވާ ބުރަ މަސައްކަތް ކަމަށެވެ.
‏އެކަންކަން ކާމިޔާބުވަމުންދާތީ ރައީސް ޑރމުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާކަމަށާ އެ މަންޒަރު ފެނުމުން ”ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ“ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ.
ވަޒީރު މުޙައްމަދު ސަޢީދު
މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ