މިދިޔަ މަހު މީރާގެ އާމްދަނީ ބޮޑުތަނުން އިތުރު، ޖީއެސްޓީން އެކަނި ވެސް 1.9 ބިލިއަން

މިދިޔަ މަހު 3.38 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން މިއަދު ބުނެފިއެވެ. ފާއިތުވި މަހުގެ ޓެކުހުގެ ތަފާސް ހިސާބު ހިއްސާކުރަމުން މީރާއިން ބުނީ މިއީ ފާއިތުވި އަހަރުގެ މާޗު މަސްތަކާ އަޅައިބަލާއިރު، 15.1 ޕަސެންޓު އިތުރު މިންވަރެއް ކަމަށެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 26.2 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އެ އިދާރާއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަހަކާ ދިމާވުމުން މާޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވުން ކަމަށެވެ. އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ވެސް މި މުއްދަތުގައި ބަލައިގަތުމަކީ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ. ނަމަވެސް ޓޫރިޒަމްގެ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން ބުންޏެވެ. އެ އިދާރާއިން ބުނި ގޮތުގައި އެއީ މިދިޔަ އަހަރަށްވުރެ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 ޕަސެންޓު ދަށްވެފައިވާތީއެވެ. އެހެންކަމުން ފަތުރުވެރިން އައި މިންވަރު ދަށްވެ، ގެއްލުނު އާމްދަނީ ފޫބައްދައިދިނީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އާމްދަނީ ލިބުނު މިންވަރު މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57 ޕަސެންޓު ނުވަތަ 1.93 ބިލިއަން ރުފިޔާއެވެ. ޓޫރިޒަމް ލޭންޑް ރެންޓު ނުވަތަ ރިސޯޓު ކުލިން 384.3 މިލިއަން ރުފިޔާ ލިބުނުއިރު މިއީ 11.4 ޕަސެންޓެވެ. ގްރީން ޓެކްސް، 270 މިލިއަން ރުފިޔާ ނުވަތަ އަށް ޕަސެންޓު އާމްދަނީން ނަގާ ޓެކްސް، 180 މިލިއަން ރުފިޔާ ނުވަތަ 5.3 ޕަސެންޓު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ، 162.3 މިލިއަން ރުފިޔާ ނުވަތަ 4.8 ޕަސެންޓު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، 157 މިލިއަން ރުފިޔާ ނުވަތަ 4.6 ޕަސެންޓު މީގެ އިތުރުން މިދިޔަ މަހު އާމްދަނީގެ ގޮތުގަައި 174.23 މިލިއަން އެމެރިކާ ޑޮލަރު ވެސް ބަލައިގަނެފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ. މީރާއަށް ލިބުނު އާމްދަނީ އިތުރުވިއިރު، އިގްތިޞާދީ މާހިރުން އަންނަނީ ރާއްޖޭގެ އިގްތިޞާދު އިސްލާހުކުރަން ފިޔަވަޅުތައް އަޅަން ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ