ރައީސްގެ 12 ގަޑިއިރާއި 38 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސްގެ 12 ގަޑިއިރާއި 38 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި 12 ގަޑިއިރާއި 38 މިނެޓުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވައިފި އެވެ.
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު 10:04 ގަ އެވެ. ފުރަތަމަ ސެޝަންގައި އޮތީ ރައީސް މުއިއްޒުގެ ޕްރެޒެންޓޭޝަނެކެވެ. އެ ޕްރެޒެންޓޭޝަން ނިމުނީ 12:06 ގަ އެވެ.
އެއަށްފަހު ދެން ފެށީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެވެ. ފުރަތަމަ ބައި 12:31 އިން 15:15 ކުރިއަށްގެންދިޔައިރު އަސްރު ނަމާދަށް ފަހު އަލުން ފެށީ 15:50 ގަ އެވެ. އެ ބައި ނިންމާލީ 17:58 ގަ އެވެ.
އެއަށް ފަހު 18:31 ގައި ފެށުމަށް ފަހު 19:25 ގައި އިޝާ ނަމާދަށް މެދުކަނޑާލި އެވެ. ދެން ފެށީ 19:46 ގައި ކަމަށްވާއިރު އެ ސެޝަން ކުރިއަށްގެންދިޔައީ 22:19 ވުމާ ހަމައަށެވެ. ހޮނިހިރު ދުވަހުގެ ރޭ 22:36 ގައި ސުވާލު ކުރުމުގެ ފަހު ސެޝަން ފަށައި ނިންމާލީ މެންދަމު 00:53 ގަ އެވެ.
އެހެންކަމުން ބްރޭކް ނެންގެވި ބޭނުންތަކަށް ވަގުތު ނުލައި ރައީސް މުއިއްޒު މުޅި ޖުމުލަ 12 ގަޑިއިރާއި 38 މިނެޓު ނޫސްވެރިންގެ ބައްދަލުވުމުގައި ހޭދަކުރެއްވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އޭގެ ތެރެއިން 10 ގަޑިއިރާއި 36 މިނެޓު ހޭދަކުރެއްވި އެވެ.
އިއްޔެ ހެދުނު ފެށި ނޫސްވެރިންގެ ބައްދަލުވުން މެންދަމު ނިންމާލިއިރު، އެކި ނޫސްތަކުގެ ނޫސްވެރިން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ސުވާލުކޮށްފަ އެވެ. ހެދުނު، މެންދުރު އަދި މިރޭ ވެސް އެ ސުވާލު ނޫސްވެރިން ރައީސްއާ އަމާޒުކުރެއްވި އވެވެ.
ކޮންމެ ފަހަރަކު ވެސް ސީދާ ޖަވާބެއް ދެއްވުމުގެ ރައީސް ވަނީ އެ އަދަދު ލިބެން ނެތް ކަމަށާއި އެ އަދަދު ސާފުކުރެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ތި އަދަދު ތިބޭފުޅުންނާ ލިޔުމުން ހިއްސާކުރާނަން،" ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.
މި އަދަދުތައް ހާމަނުކޮށް އެ މުވައްޒަފުންނަށް ބަޖެޓުން ހަރަދުކުރާވަރު ގަނޫނުގައި ބަޔާން ކުރުމަށް އިސްލާހު ހުށަހަޅާނެކަން ރައީސް މިއަދު ވަނީ އިއުލާނުކުރައްވާފަ އެވެ.
ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 400 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސް މިނިސްޓްރީން މާޗު 20، އާ ހަމައަށް ކުރި ހަރަދާއި ލިބުނު އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.2 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދު ވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރަނީ މަހަކު 23 މިލިއަން ރުފިޔާއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ