ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވައިދިނުމާއި ދިރާސާ ކުރުމުގައި އެހީތެރިވުމަށް ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ސަދަން ކްރޮސް ޔުނިވާސިޓީ (އެސްސީޔޫ)ގެ ދަށުން ހިންގާ މަޝްހޫރު މުއައްސަސާއެއް ކަމަށްވާ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ (ޓީއެޗްއެސްއޭ)އިން އިއްޔެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޓީއެޗްއެސްއޭއާ އެކު ސޮއިކުރެއްވީ:
އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް
އޮންލައިންކޮށް ބައިވެރިވެވަޑައިގެން ސޮއިކުރެއްވި އެސްސީޔޫ ވެންޗާސްގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ނިކޮލަސް ހައިޑް
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އާއި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނަތު ސޯލިހު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލް - އެމްއެންޔޫން ބުނި ގޮތުގައި، ފަސް އަހަރުދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން:
ހޮސްޕިޓަލިޓީ އާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ، ކިޔަވައިދިނުމާއި ދިރާސާކުރުމުގެ ކަންކަން ކުރިއަށްގެންދިއުން
މުވައްޒަފުންނާއި ދަރިވަރުން ތަމްރީނުތަކުގައި ފޮނުވުން
ދެ ތަނުން އިސްނަގައިގެން ވެބިނާތަކާއި އޮންލައިން ސެމިނާތަކާއި ލެކްޗާތައް ބޭއްވުން
ބުނީ ކީކޭ؟ - "މި އެއްބަސްވުމަކީ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގައި ދުނިޔޭގެ އެންމެ ރަނގަޅު އުސޫލުތަކާއި ރާއްޖޭގެ މަތީ ތައުލީމު ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުން އަންނަ ކަންތައްތަކުގެ ތެރެއިން ކަމެއް،" އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވި އެވެ.
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނަތު ސޯލިހު ވިދާޅުވި ގޮތުގައި، މި އެމްއޯޔޫއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރަނގަޅު ފެންވަރެއްގެ ތައުލީމު ދިނުމަށް އެމްއެންޔޫން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދެ ފަރާތަށް ފައިދާހުރި އެއްބަސްވުމެއް ކަމަށެވެ.
ސަދަން ކްރޮސް ޔުނިވާސިޓީގެ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރު ނިކް ހައިޑް ވެސް ވަނީ، އެމްއެންޔޫއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަކީ ހަދައި ފަތުރުވެރިކަމުގެ ތައުލީމަށް އެއްބާރުލުން ދިނުމަކީ އެ ޔުނިވަސިޓީއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާފަ އެވެ.
ފަތުރުވެރިކަމުގެ ތައުލީމު ކުރިއަރުވަން އެމްއެންޔޫން އޮސްޓްރޭލިއާ ބަޔަކާ އެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ