މުސާރައަށް ކުރި ހޭދަ 7 އިންސައްތަ އިތުރު، ސަބަބަކީ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުވުން: މިނިސްޓްރީ
މިދިޔަ އަހަރާ އަޅައިބަލާއިރު މުވައްޒަފުންނަށް ކުރާ ހޭދަ މި އަހަރު 7.5 އިންސައްތަ އިތުރުވެފައިވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިން މުސާރައަށް ގެނެސްފައިވާ ބަދަލުތަކާ ހެދި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދުވަނީ ހަފުތާއަކު އެއްފަހަރު ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމެންޓްސް ރިޕޯޓު އާންމުކޮށްފައެވެ. މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 15.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް 4.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކަމަށް ކުރި ޚަރަދު އަރަނީ 4.4 ބިލިއަން ރުފިޔާއަށެވެ. އެހެން ކަމުން މި އަހަރު، މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ގާތްގަނޑަކަށް 300 މިލިއަން އިތުރަށް ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން މުސާރައަށް ކަނޑައަޅާފައިވަނީ 7.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މިހައިތަނަށް ޚަރަދުކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ޚަރަދުކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. އެ ގޮތުން މުސާރައަށް ކުރި ޚަރަދުން ވެސް 200 މިލިއަން ރުފިޔާ އިތުރެވެ. އިނާޔަތްތަކުގެ ގޮތުގައި މި އަހަރަށް 6.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން މިހާރުވަނީ 1.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ކަމަށް ޚަރަދުކުރީ 1.8 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން އިނާޔަތްތަކަށް ކުރި ޚަރަދުވަނީ މި އަހަރު 100 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. އޭގެ ކުރިން، ކުރީ ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، މުސާރައިގެ އޮނިގަނޑު އެއިދާރާތަކަށް ޕޭ ކޮމިޝަނުން ފޮނުވައިފައިވެއެވެ. އެއިރު ނިންމައިފައި އޮތީ، އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭ ގޮތަށް ބޮޑު ކުރުމަށެވެ. އޭގެ ކުރިން އެ ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. އޭގެ ކުރިން، 2023ގެ ސެޕްޓެމްބަރު މަހު ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރަން ވައުދުވެވަޑައިގެންފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އެ މިނިސްޓްރީން ވަނީ މުސާރައިގެ ޚަރަދު ބޮޑުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމުން ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މިނިސްޓްރީ އެއަށްފަހު މިދިޔަ އަހަރުގެ މާރިޗު މަހު ސަރުކާރުން ވަނީ ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށް ސަރުކާރުން ބުނެފައިވެއެވެ. https://sun.mv/190009 ފުލުހުންގެ އިތުރުން ސިފައިންގެ މުސާރަ ވެސް ބޮޑުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ މާރިޗު މަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރު މުސާރައިގެ ޚަރަދު ބޮޑުވި ނަމަވެސް ސަރުކާރުން އެކި ގޮތްގޮތުން ޚަރަދު ކުޑަކޮށްފައިވެއެވެ. އެގޮތުން މި އަހަރު އަޅައިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކެއް މެއިގެ ނިޔަލަށް އޭގެ ތެރެއިން ހިނގާފައިވަނީ 24.3 އިންސައްތައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، އިގުތިސާދީ ހާލަތު ދަށްވެފައި ވުމުން ބޭރުގެ މާލީ އިދާރާތަކުން ވަނީ ޚަަރަދު ކުޑަ ކުރަން ވަރަށް ބޮޑަށް ބާރު އަޅައިފައެވެ. އެ ލަފަޔާ އެއްގޮތަށް ސަރުކާރުން ވަނީ އާސަންދައަށާއި ސަބްސިޑީއަށާއި ޕެންޝަނަށް އިސްލާހު ގެނެސްގެން ޚަރަދު ކުޑަ ކުރަން ބަޖެޓުގައި ހިމަނައިފައެވެ. އެހެންނަމަވެސް، އެ ފިޔަވަޅުތަކުން ސަލާމަތް ކުރަން އުޅުނު 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރާނީ އެހެން ގޮތަކަށް ކަމަށާއި، ސަބްސިޑީއާއި ޕެންޝަން މުރާޖާ ނުކުރަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. ސަރުކާރުން ޚަރަދު ކުޑަ ކުރަން އެކަށީގެންވާ ވަރަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ، ސަރުކާރުގެ ތެރެއިން ވެސް ބައެއް ބޭފުޅުން ވަނީ ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ